ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާތީ ފުލުހަށް ހާޒިރުކޮށް، ނަސޭހަތް ދިން ފުރަތަމަ މީހަކަށް 22 އަހަރުގެ ޒުވާނެއް

ފުލުހަކު މަގުމަތީގައި: ތަކުރާރުކޮށް މަގުމަތީގައި ސްޓަންޓް ޖައްސައި، ޒިގްޒެގްކޮށް ބާރަށް ދުއްވި މީހަކަށް ފުލުހުން ވަނީ ނަސޭހަތް ދީފައި --- ފޮޓޯ: ފުލުހުން

ތަކުރާރުކޮށް މަގުމަތީގައި ސްޓަންޓް ޖައްސައި، ބާރު ސްޕީޑުގައި ޒިގްޒެގްކޮށް ދުއްވި ޒުވާނަކު ފުލުހަށް ހާޒިރުކޮށް ނަސޭހަތް ދީފައިވާކަމަށް އެ މުއައްސަސާއިން މިއަދު ބުނެފިއެވެ.

ފުލުހުން ވަނީ، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަދި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާފައިވާ 22 އަހަރުގެ ދިވެހި ފިރިހެނަކު، ދިވެހި ފުލުހުންގެ ޚިދުމަތަށް ހާޒިރުކޮށް ނަސޭހަތްދީފައިވާ ކަމަށް ބުނެފައެވެ.

އެއީ މަގުމަތީގައި ނުރައްކާތެރިކޮށް ދުއްވުން ތަކުރާރުކޮށްފައިވާ މީހުން، ފުލުހަށް ހާޒިރުރުކޮށް ނަސޭހަތްދިނުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ހާޒިރުކުރި ފުރަތަމަ މީހާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ އޭނާގެ ރެކޯޑުތަކުގެ ތެރޭގައި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، ސްޓަންޓް ޖައްސަމުން ދުއްވުމާއި ޒިގްޒެގްކޮށް ބާރުސްޕީޑުގައި ދުއްވުމާއި ވަންވޭއާ ޚިލާފަށް ދުއްވުމާއި މޮބައިލް ފޯނުން ވާހަކަދައްކަމުން ދުއްވުން ހިމެނޭ ކަމަށެވެ. އަދި އޭގެ އިތުރުން އުޅަނދުގެ އަހަރީ ފީ ހަމަވެފައި އޮއްވައި ދުއްވުމާއި، އޭނާގެ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވުން ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެފަދައިން ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ފުލުހަށް ހާޒިރުކޮށް ނަސޭހަތްދިނުމުގެ މަސައްކަތް ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް، ދުއްވާ މީހުންނަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ނުރައްކާވާ ގޮތަށް ބާރަށް ދުއްވުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން ބުރިޖާއި ހައިވޭތަކުގައި ނުރައްކާތެރިކޮށް ދުއްވައި، އެ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކުރުމުން ފުލުހުން އެ މައްސަލަތައް ބަލައިފައި ވެސް ވެއެވެ.

https://sun.mv/228484

އެކްސިޑެންޓުތަކުގައި އަނިިޔާވާ މީހުންނާއި، މަރުވާ މީހުން ވެސް އިތުރުވެފައިވާއިރު، އައު ޓްރެފިކް ގާނޫނަކަށް މި މަހު ވަނީ އަމަލުކުރަން ފަށައިފައެވެ. ބޮޑެތި ޖޫރިމަނާތައް ކުރެވޭ އެ ގާނޫނު ތަންފީޒު ކުރަން ފެށި ފަހުން ވެސް ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައިފައިވެއެވެ.

މީގެ އިތުރުން، މި މަހުގެ ތިންވަނަ ދުވަހު ފުލުހުން ވަނީ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވަން އަޅާ ފިޔަވަޅުތަކުގެ ދަށުން، އެ މީހުންގެ ވަނަވަރު ހާމަކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް