މިދިޔަ ސެޕްޓެމްބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 2.6 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަދަދަކީ އެ މަހަށް ލިބޭނެ ކަމަށް ކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ 12.7 އިންސައްތަ އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު 10.7 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، މިއަހަރުގެ މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީއަށް ބަލާއިރު މިއީ 8.9 އިންސައްތައިގެ ކުރިއެރުމެކެވެ.
އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވާން މެދުވެރިކޮށްދިން މައިގަނޑު ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީއާއި ރިސޯޓުތަކުގެ ކުލީގެ އިތުރުން ޓޫރިޒަމް ދާއިރާ ކުރިއެރުން ހިމެނެއެވެ. އެގޮތުން ސެޕްޓެމްބަރު މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު 18 އިންސައްތަ އިތުރުވުމާ ގުޅިގެން ޓީޖީއެސްޓީގެ މިންވަރު ވަނީ މައްޗަށް ގޮސްފައެވެ.
މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.3 ބިލިޔަން ރުފިޔާ ނުވަތަ 46.8 އިންސައްތައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ރިސޯޓުތަކުގެ ކުލިންނެވެ.
މީގެއިތުރުން،ނުލިބި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެކަނިވެސް 623 މިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 28 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެތެރޭގައި ބޭރު ފައިސާގެ ގޮތުގައި ލިބުނު 1.2 ބިލިޔަން ޑޮލަރު ހިމެނެއެވެ.