ދަތުރުތައް އިތުރަށް ފުޅާކުރުމަށް، މޯލްޑިވިއަންއަށް އެއާބަސް ދެ ބޯޓު ހޯދަނީ

މޯލްޑިވިއަންގެ ބޯޓެއް: ދަތުރުތައް އިތުރަށް ފުޅާކުރުމަށް، މޯލްޑިވިއަންއަށް އެއްބާސް ދެ ބޯޓު ހޯދަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމަށް، އިތުރު އެއާބަސް ދެ ބޯޓު ހޯދަން މިއަދު އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންއިން ކުރި އިއުލާނެއްގައި ވަނީ، އޮޕަރޭޓިން ލީސް އުސޫލުން އެއާބަސް އޭ220-300 މަރުކާގެ ދެ ބޯޓު ހޯދަން ބޭނުންވާ ކަމަށެވެ.

މިއީ އެ ކުންފުނީގެ ދަތުރުތައް އިތުރަށް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ ބޯޓުތައް ފޯރުކޮށްދެވޭ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅޭނީ، މި މަހު 28ގެ 23:59ގެ ނިޔަލަށެވެ. ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށެވެ.

މޯލްޑިވިއަންގެ ބޯޓަކަށް މީހަކު އަރަނީ -- ފޮޓޯ/ މޯލްޑިވިއަން

އޭގެތެރެއިން ފުރަތަމަ ބޯޓު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގެނެސްދޭން ޖެހޭއިރު، ދެވަނަ ބޯޓު ގެންނަން ދީފައިވާ ސުންގަޑިއަކީ 2028ގެ ފުރަތަމަ ކުއާޓަރެވެ.

ފާހަގަކުރެވޭ ގޮތުގައި މީގެކުރިން މިދިޔަ އަހަރުގެ އޭޕްރީލް 12ގައި ވެސް އެއާބަސް މަރުކާގެ ބޯޓު ހޯދަން އިއުލާނުކުރިއެވެ. އަދި މީގެ ކުރިން ފެބްރުއަރީ 6، 2025ގައި ވެސް އެއާބަސް ހޯދަން އިއުލާނުކުރިއެވެ.

https://sun.mv/204702

މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާއަށް ދަތުރުކުރިއެވެ. ނަމަވެސް، އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.

އޭގެފަހުން ޖެނުއަރީ ހައެއް، 2025ގައި މޯލްޑިވިއަންގެ އާ ވައިޑްބޮޑީ މަތިންދާބޯޓު ވަނީ ރާއްޖެ ގެނެސްފައެވެ. މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައީ އެއާބަސް އޭ-330 އެއާކްރާފްޓެކެވެ. މިއީ އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރުކުރެވޭ މަތިންދާބޯޓެކެވެ.

comment ކޮމެންޓް