ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް، ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫޘީން ދިން ނުރައްކާތެރި ހަމަލާ، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އިއްޔެ ދިން މި ހަމަލާގައި 12 މީހުން މަރުވެ، 300އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
އެ ހަމަލާއާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމު ރައްޔިތުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. އަދި މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މުޅި ސަރަހައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކޮށްފައިވެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢޫދީ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ވަކިން ޚާއްސަކޮށް މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ޚާރިޖީ ވުޒާރާއިން ތައުޒިޔާ ފޮނުވާފައިވެއެވެ. އަދި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރާކަން ވެސް ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
https://x.com/MoFAmv/status/2109171623027003399
މީގެ އިތުރުން، ރާއްޖެ އަބަދުވެސް ސަޢޫދީ ޢަރަބިއްޔާއާ އެކު ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ. އަދި ސަޢޫދީގެ ސިޔާދަތާއި، ސަލާމަތާއި، ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ އެންމެންގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީން އިއްޔެ ދިން ހަމަލާއަކީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދިން ތިން ވަނަ ހަމަލާއެވެ. އެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްޠީން، ސޫރިޔާ، ސޫދާން އަދި މިޞްރުގެ މީހުން ހިމެނެއެވެ. މި ހަމަލާތަކުގައި އަނިޔާވި ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.
މި ހަމަލާއާ ގުޅިގެން އިއްޔެ ރިޔާޟަށް ދަތުރުކުރަން އޮތް ހުރިހާ ފްލައިޓެއް ޑައިވާޓުކޮށް، އަށް މިލިއަން މީހުންނަށް ޚިދުމަތްދޭ އެއާޕޯޓުގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފައެވެ.
ހޫޘީން ވަނީ ސަޢޫދީގެ ވައިގެ ސަރަޙައްދަކީ އަސްކަރީ ސަރަހައްދެއް ކަމަށް ބުނެ، އެ ސަރަހައްދުން ދަތުރުނުކުރުމަށް ބައިނަލްއަގުވާމީ އެއާލައިންތަކަށް އިންޒާރު ދީފައެވެ. އަދި ބައެއް އެމްބަސީތަކުން ވަނީ އެއާޕޯޓް ސަރަޙައްދަށް ނުދިއުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.