މަގުމަތީގެ އެކްސިޑެންޓުތަކުގެ ތަހުގީގުތައް ހަރުދަނާކޮށް އަވަސްކުރުމަށާއި، ތަހުގީގުތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ފުލުހުން ޚާއްސަ ސޮފްޓްވެއާއެއް ބޭނުންކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ "ސްމާޓްޑްރޯ"ގެ ނަމުގައި ތައާރަފުކުރި މި ސޮފްޓްވެއާ ބޭނުންކުރަން ފަށައިފައިވަނީ ޓްރެފިކް ފުލުހުންގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ކަމަށެވެ.
މި ސޮފްޓްވެއާއާ ގުޅޭ ގޮތުން ފުލުހުން އިތުރަށް ބުނީ، "ސްމާޓްޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ކުރެހުންތައް ފަސޭހަކަމާއެކު ކުރެހުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެއް ކަމަށެވެ.
މި ސޮފްޓްވެއާގައި ސީދާ މަގުތަކާއި އަނގޮޅިތައް ހިމެނޭހެން ތަފާތު މަގުތަކުގެ ކުރެހުންތައް ކުރީބައިގައި ހިމަނައިފައިވާނެ ކަމަށާއި، އެކި ބާވަތްތަކުގެ އުޅަނދުފަހަރާއި ޓްރެފިކް ނިޝާންތަކާއި މަގުބައްތިތަކާއި ފުލުހުންގެ ތަހުގީގަށް ބޭނުންވާ މުހިންމު އުންސުރުތަކުގެ ނިޝާންތައް ވެސް ހިމެނޭ ކަމަށް، ފުލުހުން ބުންޏެވެ.
ހަމަ އެހެންމެ އެކްސިޑެންޓު ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް ދައްކުވައިދިނުމަށްޓަކައި ގޫގުލް މެޕްސްއާއި ސެޓެލައިޓް ފޮޓޯތައް ސޮފްޓްވެއާއަށް އަޅައިގެން ކުރެހުންތައް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިއީ މަގުމަތީގެ އެކްސިޑެންޓުތައް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކޮށް ތަހުގީގުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ވަރުގަދަކޮށް އޮޕަރޭޝަންތައް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މަގުމަތީގެ ގަވައިދުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކަކުން ޖޫރިމަނާކުރެވޭ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި މަހު ވަނީ އަމަލުކުރަން ފަށައިފައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ހަތް ދުވަސް ތެރޭގައި 600އަށް ވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅައި، 180އަށް ވުރެ ގިނަ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އައު ގާނޫނުގެ ދަށުން، ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރު 1,000 ރުފިޔާއިން، ދެވަނަ ފަހަރު 1,500 ރުފިޔާއިން، އަދި ތިންވަނަ ފަހަރު 2,000 ރުފިޔާއިން ޖޫރިމަނާކުރުމާ އެކު އުޅަނދުގެ ވެރިމީހާ 2,000 ރުފިޔާއިން ޖޫރިމަނާކޮށް އުޅަނދު 30 ދުވަހަށް ހިފެހެއްޓޭނެއެވެ. އަދި، ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން މީހަކަށް އަނިޔާއެއް ވެއްޖެނަމަ 100,000 އާއި 500,000 ރުފިޔާއާ ދެމެދުގެ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށްވެސް އައު ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން މާލެ ސަރަހައްދުގައި އިންތިހާއަށް އިތުރުވެ، އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.