ސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކުރެވޭ، އަދި ދުބާއީގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށް ސްރީލަންކާގެ ފުލުހުންނާ ހަވާލުކޮށްފައިވާ ލަންކާ ރައްޔިތެއްކަމަށްވާ ޝިރާން ބާސިކްގެ މިލްކިއްޔާތުގައި ހުރި ގިނަ އަދަދެއްގެ ބިމާއި ގެދޮރު، އިއްޔެ ލަންކާ ފުލުހުންގެ ސެންޓްރަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯއިން ހިފަހައްޓައިފިއެވެ.
ސްރީލަންކާގެ "ޑެއިލީ މިރޯ" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ދަމްބުއްލާ ސަރަޙައްދުގައި ހުރި މި މުދާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އިތުރު ތަހުގީގުތައް ނިމެންދެން އެތަންތަނަށް މީހުން ވަދެއުޅުން މަނާކުރުމަށްފަހުގައެވެ.
ފުލުހުންނާ ޙަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ މީހާ ޣައިރުޤާނޫނީ ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ ތަންތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި އޮޕަރޭޝަންގެ ދަށުން، ދަމްބުއްލާގެ ތިއްތަވެލްގޮއްލާ ސަރަޙައްދުގައި ހުރި ތިން ބިން އަދި ދެ ގެޔަކަށް ވަނުން ތަހުގީގީ އިދާރާތަކުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ.
އަދި މީގެއިތުރުން، އެ ބިންތަކާއި ޢިމާރާތްތަކުގެ މިލްކުވެރިކަމާ މެދު އެއްވެސް ދަޢުވާއެއް ނުވަތަ ހައްގެއް އޮތް ފަރާތެއް ވާނަމަ، ހައިކޯޓު މެދުވެރިކޮށް އެ ހައްގު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށް އެ ސަރަޙައްދުގައި ހަރުކޮށްފައިވާ ނޯޓިހުގައި ފުލުހުން ވަނީ ބަޔާންކޮށްފައެވެ.