ނަފުސާނީ ދުޅަހެޔޮކަމާ ގުޅޭ ފުރިހަމަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރުމުން: ރައީސް

ރައީސް މުއިއްޒު: ނަފްސާނީ ދުޅަހެޔޮކަމުގެ ފުރިހަމަ ގާނޫނެއް އެކުލަވައިލުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ -- ފޮޓޯ: ރައީސް އޮފީސް

ގައުމީ ނަފުސާނީ ދުޅަހެޔޮކަމުގެ ސިޔާސަތަކާއި ނަފުސާނީ ދުޅަހެޔޮކަމުގެ ފުރިހަމަ ގާނޫނެއް އެކުލަވައިލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ނަފުސާނީ އެހީތެރިކަން ބޭނުންވާ މީހުންގެ އަޑުތަކާއި ތަޖުރިބާތަކުގެ އަލީގައި ރައްޔިތުންގެ ބޭނުންތަކަށް ފެތޭނޭހެން އޯގާތެރިި، ފަސޭހައިން ޚިދުމަތް ލިބޭ، އަދި ހަމަހަމަ ނަފުސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާ އަޒުމަކާއެކު ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެެވެ.

އެ އަޒުމު ހަގީގަތަކަށް ހެދުމަށްޓަކައި 'ނަފުސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025–2029'ގެ ދަށުން ކުރިއެރުންތައް ހޯދަމުން އަންނައިރު، ގައުމީ ނަފުސާނީ ސިއްހަތުގެ ސިޔާސަތަކާއި ފުރިހަމަ ނަފުސާނީ ސިއްހަތުގެ ގާނޫނެއް އެކުލަވައިލުން ހިމެނޭހެން، ސިޔާސަތުތަކާއި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ މަނިކުފާނު ވަނީ އާންމު ސިއްހީ ޚިދުމަތުގެ ތެރެއަށް ނަފުސާނީ ސިއްހަތުގެ ޚިދުމަތްތައް ލާމެހި، ސަރަހައްދީ ޚާއްސަ ޚިދުމަތްތައް ވަރުގަދަކޮށް، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުގެ އަމާޒަކީ ބަލިތަކުން ރައްކާތެރިވުމާއި ކުރިއާލައި ފަރުވާ ހޯދުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކަކީ ފަސޭހައިން ލިބޭނެ ޚިދުމަތްތަކަކަށް ހެދުންކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަހާ ގުޅިގެން އިއްޔެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަން ތަހައްމަލު ކުރާކަން، 2020 އިން 2021 އަށް ކުރިއަށް ގެންދިޔަ ސްޓެޕް ސާވޭގެ ނަތީޖާތަކުން ދައްކާކަން ފާހަގަކޮށްފައެވެ.

https://sun.mv/228826

މިނިސްޓްރީން ވަނީ، ނަފުސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ވަސީލަތްތައް ގާއިމުކުރަމުން ދިޔަ ނަމަވެސް، މުޖުތަމަޢުގައި އޮތް ނުރަނގަޅު ވިސްނުންތަކާއި ތަފާތުކުރުންތަކާ ހެދި ގިނަ ބަޔަކު އެހީތެރިކަން ހޯދަން ފަސްޖެހޭ ކަމަށް ވެސް ބުނެފައެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރާ ހަމައަށް އާބާދީގެ ކޮންމެ ހަތް މީހަކުން އެކަކީ ނަފުސާނީ ބައްޔެއް ތަހްމަލު ކުރާ މީހެކެވެ. އެއީ، ގާތްގަނޑަކަށް 1.2 ބިލިއަން މީހުންނެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު 10އެއްގައި ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ޝިޢާރަކީ 'ތަޖުރިބާގެ އަޑު ކަނުލައި އެހުން: ޙަގީގީ އަޑު، ޙަގީގީ ބަދަލު' މިއެވެ.

comment ކޮމެންޓް