އީލޮން މަސްކްގެ މިލްކިއްޔާތު އަނެއްކާވެސް 1 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފި

ޓްވިޓާގެ ވެރިޔާ އީލޯން މަސްކް -- ފޮޓޯ/ ރޮއިޓާސް

އީލޮން މަސްކްގެ މިލްކިއްޔާތު އަނެއްކާވެސް 1 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމުގައި ހުރި މަސްކްގެ މިލްކިއްޔާތު 1.04 ޓްރިލިއަން ޑޮލަރަށް އެރީ، އޭނާގެ ކުންފުނިތައް ކަމަށްވާ ސްޕޭސްއެކްސް އަދި ޓެސްލާގެ ހިއްސާގެ އަގު ކުއްލިއަކަށް އުފުލުމާ ގުޅިގެންނެވެ. މިއާއެކު، ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އޭނާ ވަނީ ޓްރިލިއަނަރުންގެ ލިސްޓުން އަލުން ޖާގަ ހޯދާފައެވެ.

މި އޮކްޓޯބަރު މަސް ފެށުނު ފަހުން ސްޕޭސްއެކްސްގެ ހިއްސާގެ އަގު 13 އިންސައްތަ އުފުލިފައިވާއިރު، ޓެސްލާގެ ހިއްސާގެ އަގު ވަނީ 6.7 އިންސައްތަ އުފުލިފައެވެ. ފޯބްސްއިން އަންދާޒާކުރާ ގޮތުގައި، ހަމައެކަނި މިދިޔަ ހޯމަ ދުވަހުވެސް މަސްކްގެ މިލްކިއްޔާތަށް 30.6 ބިލިއަން ޑޮލަރު އިތުރުވިއެވެ. މޯގަން ސްޓޭންލީގެ އެނަލިސްޓުން ފާހަގަކޮށްފައިވާ ގޮތުގައި، ސްޕޭސްއެކްސްގެ ހިއްސާގެ އަގު އުފުލެން މެދުވެރިވީ އެ ކުންފުނީގެ ހިއްސާއަކީ ޖައްވީ އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އިންވެސްޓުކުރުމަށް އޮތް އެންމެ އަގުހެޔޮ އެއް ފުރުސަތު ކަމަށް އެ ފަރާތުން ހާމަކުރުމާ ގުޅިގެންނެވެ. މީގެ އިތުރުން، ސްޕޭސްއެކްސްއިން ދާދި ފަހުން ކާމިޔާބުކަމާއެކު ސްޓާޝިޕް ޖައްވަށް ފޮނުވާލުމަކީވެސް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެން ދިޔަ ކަމެއް ކަމަށް ފޯބްސްއިން ރިޕޯޓުކޮށްފައިވެއެވެ.

ޓެސްލާގެ ހިއްސާގެ އަގު އުފުލުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އެ ކުންފުނިން މިދިޔަ ހަފުތާގައި އާންމުކުރި ތިންވަނަ ކުއާޓަރުގެ ވިޔަފާރީގެ ތަފާސްހިސާބުތައް، ވޯލް ސްޓްރީޓްގެ އަންދާޒާތަކަށް ވުރެ ރަނގަޅުވުމެވެ. އަދި ޓެސްލާއިން ޗައިނާގައި އުފައްދާ ކާރުތަކުގެ ވިޔަފާރި ފާއިތުވި އަހަރާ އަޅައި ބަލާއިރު 5 އިންސައްތަ އިތުރުވެފައިވާ ކަމަށް ޗައިނާގެ ޕެސެންޖާ ކާ އެސޯސިއޭޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މަސްކް އެންމެ ފުރަތަމަ ޓްރިލިއަނަރަކަށް ވީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ ސްޕޭސްއެކްސްގެ ހިއްސާ އާންމުކޮށް ވިއްކަން ފެށުމާ ގުޅިގެން އެ ކުންފުނީގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ވަގުތުގައެވެ. ނަމަވެސް، ކުންފުނީގެ އަގު މާ ބޮޑަށް އުފުލިފައިވާ ކަމަށް ބުނެ އިންވެސްޓަރުންގެ މެދުގައި އުފެދުނު ކަންބޮޑުވުންތަކާ ގުޅިގެން، ޖުލައި މަހުގެ ފަހުކޮޅު ސްޕޭސްއެކްސްގެ ހިއްސާގެ އަގު ދަށަށް ދިޔައެވެ. ބްލޫމްބާގްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ދުވަސްވަރު މަސްކްގެ މިލްކިއްޔާތުން 600 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އުނިވެގެން ދިޔައެވެ.

މަސްކްގެ މިލްކިއްޔާތުގެ 98 އިންސައްތައަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ ސްޕޭސްއެކްސް އަދި ޓެސްލާގައި އޭނާގެ އޮންނަ ހިއްސާގެ މައްޗަށެވެ. އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) ގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، ސްޕޭސްއެކްސްގެ 42 އިންސައްތަ ހިއްސާ އަދި ޓެސްލާގެ 20 އިންސައްތަ ހިއްސާ އޮންނަނީ މަސްކްގެ އަތުގައެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ދެވަނައިގައި މިހާރު އޮތީ 374 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް ކަމަށް ފޯބްސްއިން ވަނީ ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު