ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި ކޮންމެ މީހަކަށް ވެސް، މިންހެޔޮ މިންވަރަކަށް ކޮފީ ބުއިމަކީ ފައިދާހުރި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުވައިލެވިދާނެ ރަނގަޅު އާދައެކެވެ. ނަމަވެސް، މިކަމުގައި ކޮފީއަށް އެއްކުރާ މާއްދާތަކާމެދު ސަމާލުވުން ނުހަނު މުހިންމެވެ.
ފުރަމޭގެ ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި ކޮފީގެ ދައުރާމެދު ސިއްޙީ މާހިރުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވާ ގޮތުގައި، ޤަވާއިދުން ކޮފީ ބުއިމަކީ މެޓަބޮލިޒަމްއާ ގުޅުންހުރި ފުރަމޭގައި ސަރުބީ ޖެހުމުގެ ބަލި (އެމްއޭއެސްއެލްޑީ)، ފުރަމޭގެ ޓިޝޫތައް ހަރުވުން (ފައިބްރޮސިސް)، ދިގު މުއްދަތުގެ ފުރަމޭގެ ބަލިތައް އަދި ފުރަމޭގެ ކެންސަރު (އެޗްސީސީ) ޖެހުމުގެ ނުރައްކާ ބޮޑުތަނުން ކުޑަކޮށްދޭ ކަމެކެވެ. ސިއްޙީ މާހިރުން ފާހަގަކުރައްވާ ގޮތުގައި މި ފައިދާތައް ގުޅިފައިވަނީ ހަމައެކަނި ކެފެއިންއަކާ ނޫނެވެ. މިއާ ޚިލާފަށް، ކޮފީގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކާއި، ޚާއްސަކޮށް ސިއްޙަތަށް ފައިދާހުރި 'ޕޮލިފެނޯލްސް' ފަދަ މާއްދާތަކުގެ ދައުރުވެސް މީގައި ބޮޑެވެ.
ހައިދަރުއާބާދުގެ އެޕޯލޯ ހޮސްޕިޓަލުގެ މަޝްހޫރު ނިއުރޮލޮޖިސްޓް ޑރ. ސުދީރު ކުމާރު ހާމަކުރެއްވި ގޮތުގައި، 354,957 މީހުން ހިމަނައިގެން 13 އަހަރުގެ ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ދިރާސާއިން ވަނީ ފާހަގަކޮށްލެވޭ މުހިންމު ހެކިތަކެއް ފެނިފައެވެ.
އެގޮތުން ޤަވާއިދުން ކޮފީ ބޯ މީހުންގެ ކިބައިން ސިރޯސިސް އާއި ފުރަމޭގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަވުމުގެ އަދި ފުރަމޭގެ ބަލިތަކުގައި މަރުވުމުގެ ނުރައްކާ ދަށްވުމުގެ އިތުރުން، އެމްއާރްއައި ރިޕޯޓުތަކުން ދެއްކި ގޮތުގައި ފުރަމޭގައި ސަރުބީ ޖެހުމާއި ދުޅަވުން ވަރަށް ބޮޑަށް މަދުވާކަން ވަނީ ފާހަގަކުރެވިފައެވެ.
ކޮފީއަށް ގިނަ ޢަދަދަކަށް ހަކުރާއި، ފޮނި ސިރަޕް ނުވަތަ ކްރީމް އެއްކުރުމަކީ ކެލޮރީ އިތުރުވެ، ހަށިގަނޑުގެ މެޓަބޮލިޒަމަށް ނޭދެވޭ އަސަރު ފޯރުވާނެ ކަމެއް--ފޮޓޯ/ނިއުސްމެޑިކަލްޑރ. ސުދީރު އިތުރަށް ވިދާޅުވި ގޮތުގައި، މި އެދެވޭ އަސަރު ކެފެއިން ހިމެނޭ ކޮފީގެ އިތުރުން ކެފެއިން ނުހުންނަ ކޮފީ ބޭނުންކުރާ މީހުންގެ ކިބައިން ވެސް ފެނިފައިވެއެވެ. އަދި ފުރަމޭގެ ދުޅަހެޔޮކަމަށް އެންމެ އެކަށީގެންވާ ވަކި މިންވަރެއް އަދި މިހާތަނަށް ކަނޑައެޅިފައި ނުވާއިރު، ޖިންސުގެ ތަފާތަކުން މި މިންވަރަށް ބަދަލު އަންނަކަމުގެ ހެއްކެއް ވެސް ފެންނާކަށް ނެތެވެ.
ދުުޅަހެޔޮ ސިއްޙަތެއްގައި ހުރި ބޮޑު މީހަކަށް ދުވާލަކު ދޭއް ނުވަތަ ތިން ޖޯޑާ ދެމެދުގެ މިންވަރަކަށް ކޮފީ ބުއިމަކީ އެންމެ އެކަށީގެންވާ މިންވަރު ކަމަށް ޑރ. ސުދީރު ލަފާދެއްވައެވެ. މީގެ އިތުރުން، ދުވާލަކު ހަށިގަނޑަށް އެތެރެވާ ކެފެއިންގެ މިންވަރު 400 މިލިގްރާމަށްވުރެ އިތުރުނުކުރުމަށް އޭނާ އިރުޝާދު ދެއްވިއިރު، ކޮފީ ތައްޔާރުކުރާ ގޮތާއި ޖޯޑުގެ ބޮޑުމިނަށް ބަލައި ކެފެއިން ހުންނަ މިންވަރު ތަފާތުވާނެ ކަމަށް ޑރ. ސުދީރު ވިދާޅުވެފައިވައެވެ.
ދިރާސާ އިތުރަށް ތަފްސީލުކޮށްދެއްވަމުން އޭނާ ވިދާޅުވީ، ދުވާލަކު ފަސް ޖޯޑު ކޮފީއަށްވުރެ ގިނައިން ކޮފީ ބޯ މީހުންނަށް ވެސް ރަނގަޅު އަސަރުތަކެއް ކުރާކަން ފާހަގަކުރެވުނު ނަމަވެސް، މިއީ އެންމެން އެ މިންވަރަށް ކޮފީ ބޯންޖެހޭ ސަބަބެއް ނޫން ކަމަށެވެ. މިއީ ހަމައެކަނި އޮބްޒަވޭޝަނަލް ދިރާސާއަކަށް ވުމުން، މާގިނައިން ކެފެއިން ބޭނުންކުރުމަކީ ބައެއް މީހުންގެ ސިއްޙަތަށް ނުރައްކާވެދާނެ ކަމެކެވެ. ހަމައެއާއެކު، ކޮފީއަކީ ފުރަމޭގައި ސަރުބީ ޖެހުމާއި، ސިރޯސިސް ނުވަތަ ހެޕަޓައިޓިސް ފަދަ ބަލިތަކަށް އޮތް ފަރުވާއެއް ނޫންކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށް ޑރ. ސުރީދު ހަނދާންކޮށްދެއްވައެވެ.
އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރު ޕްރަދޭޝްގައި ޤާއިމުކޮށްފައި ހުންނަ ޝަރުދާކެއަ ހެލްތުސިޓީގެ ސީނިއާ ޑިރެކްޓަރު ޑރ. ވިނީތު ކުމާރު ގުޕްތާ ވެސް މި ހޯދުންތަކަށް ތާއީދުކުރައްވަމުން ވިދާޅުވީ، ކޮފީއަކީ ފުރަމޭގެ ބަލިތަކުން ރައްކާތެރިވުމަށް ނުވަތަ ބައްޔަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.
ފުރަމޭގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުމުގައި ގެންގުޅޭ ރަނގަޅު އާދަތަކުން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/މެގަވީކެއަފުރަމޭގެ ދުޅަހެޔޮކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމާއި، ޤަވާއިދުން ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިތުރުން، ބަނގުރަލާ މުޅިން ދުރުހެލިވުމާއި ހަށިގަނޑުގައި ހަކުރާއި ކޮލެސްޓްރޯލް ހުންނަ މިންވަރު ކޮންޓްރޯލްކުރުން ފަދަ ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކެވެ.
މީގެ އިތުރުން ކޮފީ ތައްޔާރުކުރާއިރު ބޭނުންކުރާ ބާވަތްތަކާމެދު ފަރުވާތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ޑރ. ގުޕްތާ ވިދާޅުވި ގޮތުގައި، ކޮފީއަށް ގިނަ ޢަދަދަކަށް ހަކުރާއި، ފޮނި ސިރަޕް ނުވަތަ ކްރީމް އެއްކުރުމަކީ ކެލޮރީ އިތުރުވެ، ހަށިގަނޑުގެ މެޓަބޮލިޒަމަށް ނޭދެވޭ އަސަރު ފޯރުވާނެ ކަމެކެވެ. ޚާއްސަކޮށް، މާބޮޑަށް ފަލަ މީހުންނާއި، އިންސިއުލިން ރެސިސްޓެންސް ހުންނަ މީހުންގެ އިތުރުން ފުރަމޭގައި ސަރުބީ ޖެހިފައިވާ މީހުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ.
ދިގު މުއްދަތަކަށް ފުރަމޭގެ ބަލި ތަޙައްމަލުކުރާ މީހުން ކޮފީ ބުއިން މުޅިން ހުއްޓާލާކަށް ނުޖެހެއެވެ. ނަމަވެސް، ކޮފީގެ ސަބަބުން މޭ އެންދުން، ހިތުގެ ތެޅުން އަވަސްވުން، ނިދިނައުން ނުވަތަ އެނޫންވެސް އުނދަގުލެއް ކުރިމަތިވާނަމަ، ކޮފީ ބޯ މިންވަރު މަދުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދަންވާނެއެވެ. އަދި މާބަނޑު މީހުންނާއި ސިއްޙީ ޚާއްސަ ހާލަތްތަކުގައި ތިބޭ މީހުން ކެފެއިން ބޭނުންކުރުމުގައި ޑޮކްޓަރުންގެ އިރުޝާދަށް ތަބާވާންޖެހޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ޚުލާސާކޮށް ދަންނަވާނަމަ، މިންހެޔޮ މިންވަރަކަށް ކޮފީ ބުއިމަކީ ފުރަމޭގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެކެވެ. އެހެންނަމަވެސް، އެންމެ އިސްކަމެއް ދޭންޖެހެނީ ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ޚިޔާރުކުރުމަށެވެ. ކޮފީއަކީ ސިއްޙަތަށް ފައިދާހުރި އާދަތަކުގެ ތެރެއިން އެއް ބައި ކަމުގައި ބެލެވުނު ނަމަވެސް، އެއީ ފުރަމޭގެ ބަލިތަކަށް އޮތް ފަރުވާއެއް ނޫނެވެ.