ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމަށް ޓޮޔޯޓާއިން އޭޝިއާގެ މާކެޓަށް ނެރުނު އެ ކުންފުނީގެ އެންމެ ކުޑަ އެސްޔޫވީ، "ލޭންޑް ކްރޫޒާ އެފްޖޭ" ގެ ވިޔަފާރި ޖަޕާނާއި ދެކުނުއިރުމަތީ އޭޝިއާގައި ވަރަށް ބޮޑަށް ކުރިއަރައިފިއެވެ.
ބްލޫމްބާގުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2026 ވަނަ އަހަރުގެ މެއި މަހުގެ މެދަކުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ޖަޕާނުގައި 12،000 އެއްހާ ލޭންޑް ކްރޫޒަރ އެފްޖޭ ވަނީ ރަޖިސްޓަރީކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް ވިއްކަން ކަނޑައެޅި 1،300 ކާރުގެ އަމާޒަށް ވުރެ މާ ބޮޑު އަދަދެކެވެ. މީގެ އިތުރުން، މި ކާރު މިހާރު ވިއްކަމުންދާ ތައިލެންޑާއި ފިލިޕީންސް އަދި ވިއެޓްނާމްގައި 3،000 އެއްހާ ކާރު ވަނީ ވިއްކާފައެވެ.
ޓޮޔޯޓާއިން ބުނާ ގޮތުގައި، "ބޭބީ ލޭންޑް ކްރޫޒަރ" ގެ ނަމުން މަޝްހޫރުވެފައިވާ މި ކޮމްޕެކްޓް އެސްޔޫވީ އުފައްދާފައިވަނީ އޭޝިއާގެ ހަނި މަގުތަކަށް އެކަށީގެންވާ ކުޑަ ލޭންޑް ކްރޫޒަރއަކަށް އޮތް ޑިމާންޑާ ގުޅިގެންނެވެ. ޖަޕާނުގައި މި ކާރުގެ އަގު ފެށެނީ 4.5 މިލިއަން ޔެން (28،500 ޑޮލަރު) އިންނެވެ. ފަސް މީހުންގެ ޖާގައިގެ މި އެސްޔޫވީގައި 2.7 ލީޓަރުގެ ޕެޓްރޯލް އިންޖީނަކާއި، 6 ސްޕީޑުގެ އޮޓޮމެޓިކް ޓްރާންސްމިޝަނެއްގެ އިތުރުން ފޯވީލް ޑްރައިވް ސިސްޓަމެއް ހިމެނެއެވެ.
މި ކާރު އުފައްދަނީ ތައިލެންޑުގައެވެ. ޖަޕާނުގައި ވިއްކަން ފެށުމުގެ ކުރިން، މާޗް 2026 ގައި އެންމެ ފުރަތަމަ މި ކާރު ތައާރަފުކުރީވެސް ތައިލެންޑުގައެވެ. މިއީ އަގުހެޔޮ އިލެކްޓްރިކް ކާރުތަކާއެކު އޭޝިއާގައި ފުޅާވަމުން އަންނަ ޗައިނާގެ ކުންފުނިތަކާ ވާދަކޮށް، މާކެޓު ހިފެހެއްޓުމަށް ޓޮޔޯޓާއިން ގެންގުޅޭ ސްޓްރެޓެޖީގެ ބައެކެވެ. މީގެ އިތުރުން، އެފްރިކާއާއި މެދުއިރުމަތީގެ ގައުމުތަކުގައިވެސް މި ކާރަށް ޑިމާންޑު އޮންނާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
އެފްޖޭ މޮޑެލްއާއެކު، ޓޮޔޯޓާގެ ލޭންޑް ކްރޫޒަރ 70، 250 އަދި 300 ސީރީޒްގެ އިތުރުން ކުޑަ މޮޑެލްއެއް ކަސްޓަމަރުންނަށް ލިބޭނެއެވެ. ސްރީލަންކާގައި މި ކާރު ވިއްކަން ފަށާނެ ތާރީޚެއް އަދި އަގެއް ޓޮޔޯޓާއިން އަދި އިއުލާންކޮށްފައެއް ނުވެއެވެ.