އަހަރުތަކަކަށްފަހު ރޭ ބޭއްވި އެފްއޭއެމް އެވޯޑްސް 2026' ގެ އެންމެންގެ ނަޒަރު ހުއްޓުނު އެއް ވަގުތަކީ މި ދުނިޔެ ދޫކޮށްދިޔަ ދިވެހި ފުޓުބޯޅައިގެ ޚިދުމަތްތެރިންގެ އަގުވަޒަންކޮށް އެފްއޭއެމުން ދިން ޕްރެޒިޑެންޓްސް އެވޯޑުގެ ވަގުތުކޮޅެވެ. މި އެވޯޑު ލިބުނީ މުޙައްމަދު އާރިފް (ބަކާ) އާއި ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތި) އަދި ކީޕަރު އިފްރާހް އަރީފަށެވެ.
މީގެ ތެރެއިން ދިވެހިރާއްޖެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު، މަރުހޫމް މުހައްމަދު އާރިފް (ބަކާ) އަށް އެރުވި އެވޯޑާ ހަވާލުވާން ސްޓޭޖަށް އެރީ އޭނާގެ ދަރިފުޅު ޔޫސުފް އަލާވީ އާރިފެވެ. ދަރިފުޅުގެ އަތަށް ބައްޕަ ދިވެހި ފުޓުބޯޅައަށް ކޮށްދިން ޙިދުމަތްތަކުގެ އަަގުވަޒަންކޮށް ދިން ޚާއްސަ ޝަރަފުގެ އެވޯޑު ހަވާލުކުރިއެވެ.
ބަކާގެ ދަރިފުޅު އަލާވީ ސްޓޭޖަށް އަރައި އެފްއޭއެމްގެ މިހާރުގެ ރައީސް، އަދި ބަކާއާއެކު ފުޓުބޯޅައިގެ ކާމިޔާބު ކެރިއަރެއް ހޭދަކުރި އަޙްމަދު ތޯރިގު (ޓޮމް) ގެ އަތުން އެ އެވޯޑުގައި ދަރިފުޅު އަލާވީ ހިފެހެއްޓި މަންޒަރަކީ އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވި ވަގުތެކެވެ.
ބަކާގެ އަންހެނުން ފާތިމަތު ފިލްޒާ (ފިލް) އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ ޝުއޫރުތަކުގައި ބުނެފައިވަނީ، ބައްޕަގެ ނަމުގައި އެ އެވޯޑާ ހަވާލުވާން އަލާވީ ސްޓޭޖަށް އެރި މަންޒަރު ފެނުމުން ފަޚުރުވެރިކަމާއެކު ބަޔާންކުރަން ދަތި ފުން ހިތާމައެއް ވެސް އިހުސާސްވި ކަމަށެވެ.
"ބަކާ ދިވެހި ފުޓްބޯޅައަށް ކޮށްދިން ހިދުމަތްތަކާއި ދެއްކި ނަމޫނާއަކީ ތާރީހުގައި އަބަދުވެސް ރަން އަކުރުން ފެވިފައި އޮންނާނެ ކަމެއް. ދުނިޔޭގައި އޭނާ ހޭދަކުރި ވަގުތު ކުރުވި ނަމަވެސް، ދޫކޮށްދިޔަ ހަނދާންތަކާއި ހިދުމަތްތައް އަބަދުވެސް ދިރިހުންނާނެ. ރޭގެ އެ ހާއްސަ ވަގުތުގެ ބަޔަކަށް އަޅުގަނޑުމެންގެ ކުޑަކުޑަ ދަރިފުޅު ވެގެންދިޔަތަން ބަކާއަށް ފެންނާނެނަމައޭ ހިތަށްއެރި" ފިލްޒާގެ ފޭސްބުކް ސްޓޭޓަސްގައި ވެއެވެ.
ސ. ހިތަދޫއަށް އުފަން ބަކާ، 38، އަކީ ދިވެހި ފުޓްބޯޅައިގައި އޭނާގެ ނަން ވަކިން ހާއްސަގޮތެއްގައި ފެވިގެންދިޔަ ކުޅުންތެރިއެކެވެ. އޭނާގެ ކެރިއަރު 2004 ވަނަ އަހަރު އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އިން ފެށިފަހުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އެންމެ ބޮޑެތި ކްލަބްތަކަށް ކުޅެގޮސްފައިވެއެވެ.
އޭގެ ތެރޭގައި ނިއު ރޭޑިއަންޓް، ވިކްޓަރީ، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ގްރީން ސްޓްރީޓްސް އަދި މާޒިޔާ ހިމެނެއެވެ. މީގެ އިތުރުން މިޔަންމާގެ ކޭބީޒެޑް ކްލަބަށް ކުޅެ، ބޭރުގެ ލީގެއްގައިވެސް ރާއްޖެ ތަމްސީލުކުރިއެވެ.
ގައުމީ ޓީމާއެކު ރާއްޖެއިން 2008 އާއި 2018 ވަނަ އަހަރު ހޯދި ސާފް ޗެމްޕިއަންޝިޕްގެ ދެ ރަންކާމިޔާބީގައި ބަކާއަކީ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ގައުމީ ޖާޒީގައި އެންމެ ފަހުން ފެނުނީ 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ޕްރިލިމިނަރީ ސްކޮޑުންނެވެ.
ބަކާ މި ދުނިޔެއާ އަަލްވަދާއުކީ 2024 ވަނަ އަހަރުގެ ޖޫން މަހު، މާތްވެގެންވާ ހައްޖުގެ އަޅުކަން ނިންމުމަށްފަހު އެނބުރި ރާއްޖެ އައިސް ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހުއެވެ.
ރޭގެ ހަފްލާގެ އެންމެ އަސަރުގަދަ މަންޒަރަކަށްވީ، މުޅި ދިވެހި ފުޓުބޯޅަ އާއިލާގެ ކުރިމަތީގައި ކުޑަކުޑަ އަލާވީ އޭނާގެ ބައްޕަގެ އެވޯޑުގައި ހިފެހެއްޓި ވަގުތެވެ. ބަކާ ދަނޑުމަތީގައި ދެއްކި ހިތްވަރާއި އަޒުމް، މުޅި ދިވެހި ފުޓްބޯޅަ އާއިލާގެ ހިތްތަކުގައި އަބަދަށް ދިރިހުންނާނެއެވެ.