މަރަޑޯނާގެ މަރުގެ މައްސަލަ: މެޑިކަލް ޓީމަށް 12 އަހަރުގެ ޖަލު ހުކުމެއް ކުރަން އެދެފި

މެރަޑޯނާގެ މަރުގެ މައްސަލައާއި ގުޅިގެން އޭނާއަށް ފަރުވާދިން މެޑިކަލް ޓީމަށް 12 އަހަރުގެ ޖަލު ހުކުމެއް ދޭން ޕްރޮސެކިއުޓަރުން ވަނީ އެދިފަ.... ފޮޓޯ/ ނިއުސް18

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ މަރުވިއިރު އޭނާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި މެޑިކަލް ޓީމުގެ މެންބަރުންނަށް 12 އަހަރާ ހަމައަށް ޖަލު ހުކުމް އިއްވައިދިނުމަށް އެ ގައުމުގެ ޕްރޮސެކިއުޓަރުން ކޯޓުގައި އެދިއްޖެކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ސިއްހީ ދާއިރާގެ 7 ޕްރޮފެޝަނަލުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ހިންގަމުން އަންނަނީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ސިކުނޑީގެ އޮޕަރޭޝަނަކަށް ފަހު އަރާމުކުރަމުން ދަނިކޮށް، 2020 ވަނަ އަހަރުގެ ނޮވެމްބަރު 25 ގައި މެރަޑޯނާ މަރުވުމުގައި އިހުމާލުވި ކަމަށެވެ.

1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަޝްހޫރު ތަރި މަރުވީ، ސިކުނޑީގެ ލޭގަނޑުވުމަކާ ގުޅިގެން ކުރި އޮޕަރޭޝަނަށް ދެ ހަފުތާ ފަހުން، ބުއެނޮސް އައިރީސްގެ އަވަށެއް ކަމަށްވާ ޓިގްރޭގައި ކުއްޔަށް ހިފާފައިވާ ގެއެއްގައެވެ. އުމުރުން 60 އަހަރުގައި އޭނާ މަރުވީ ހިތް ހުއްޓިގެން އަދި ފުއްޕާމެއަށް ފެންފޭބުމުގެ ސަބަބުންކަމަށް ރިޕޯޓުތައްބުނެއެވެ.

ދައުވާލިބޭ މެޑިކަލް ޓީމުގައި މެރަޑޯނާގެ ޕާސަނަލް ޑޮކްޓަރުގެ އިތުރުން ސައިކޮލޮޖިސްޓަކާއި، ސައިކިއޭޓްރިސްޓަކާއި ނަރުހުން ހިމެނެ އެވެ.

އެ މީހުންގެ މައްޗަށް ކުރަނީ ބަލިމީހާއަށް ދޭންޖެހޭ ފަރުވާ ދިނުމުގައި އިންތިހާއަށް އިހުމާލުވި ކަމުގެ ތުހުމަތެވެ. ނަމަވެސް އެ މީހުން ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.

މަރަޑޯނާ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު ވޯލްޑް ކަޕް ޓްރޮފީއާއި އެކު.... ޓައިމްސްއޮންއައްޑޫ

ޝަރީއަތުގެ ނިންމުމުގެ ބަޔާން އިއްވަވަމުން ޕްރޮސެކިއުޓަރު ޕެޓްރީސިއޯ ފެރައި ވިދާޅުވީ، ދައުވާލިބޭ ފަރާތްތަކުގެ މެދުގައި އޮތް ހަމައެއްލަމައެއް ނެތް އިންތިޒާމުތަކުގެ ސަބަބުން، ބަލިހާލު ބޮޑުވެފައިވާ ބަލިމީހާ އެއްވެސް އެހީތެރިކަމެއް ނެތް ނިކަމެތި ހާލަތަކަށް ދޫކޮށްލެވި، އޭނާގެ ތަގުދީރަށް ދޫކޮށްލެވުނު ކަމަށެވެ. އަދި އެ މީހުން ވަނީ ޒިންމާތަކާ ޚިލާފުވެ، ފަރުވާ ދިނުމުގެ އަސާސްތަކާ ދެކޮޅަށް އަމަލުކޮށް، ކުރަންޖެހޭ ކަންކަން ކުރުމުން އެއްކިބާވެފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ "ޑޯލޯ އިވެންޗުއަލް" ނުވަތަ ތިމާގެ އަމަލުގެ ސަބަބުން ފުރާނައަށް ގެއްލުންވެދާނެ ކަން އެނގިހުރެވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ކުރިއަށްދިއުމުގެ ދައުވާ އެވެ.

މީގެ ތެރެއިން އެންމެ ބޮޑު އަދަބެއްގެ ގޮތުގައި 12 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓަރުން އެދިފައިވަނީ މެރަޑޯނާގެ ޒާތީ ޑޮކްޓަރު ލިއޮޕޯލްޑޯ ލޫކޭގެ މައްޗަށް ކަމަށް ރިޕޯޓުތައްބުނެއެވެ.

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް އަދި 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އެ ގައުމަށް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ޑިއޭގޯ މަރަޑޯނާ މަރުވީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިތާ ދެ ހަފްތާ ފަހުން، 25 ނޮވެމްބަރު 2020 ގައެވެ.

އޭނާ ނމަރުވީ އުމުރުން 60 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން، ބުއެނޯސް އައިރީސްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައެވެ.

މަރަޑޯނާގެ މަރާ ގުޅިގެން އާއިލާއިން ކުރި ޝަކުވާތަކާ ގުޅިގެން، އޭނާއަށް ފަރުވާދިން މެޑިކަލް ޓީމުގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންގެ އިހުމާލު އޮތްކަމަށް ތުހުމަތުކުރެވި، އެ މައްސަލައިގެ ތަހުގީގު ހިންގައި ދައުވާ އުފުލިފައިވެއެވެ.

comment ކޮމެންޓް