ވިލިމާލޭގައި ހުންނަ 'މަސްޖިދުއްސަލާމް' މިސްކިތް މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މިއީ ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށާއި، ދީނީ ޚިދުމަތްތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.
ފިޔަ ފައުންޑޭޝަނުން އިމާރާތްކުރާ މި މިސްކިތަކީ އެއްފަހަރާ 1000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. ޒަމާނީ ފެންވަރަށް ތަރައްގީކުރާ ދެ ބުރީގެ މި އިމާރާތުގައި ނަމާދުކުރާ ބައިގެ އިތުރުން، ދީނީ ތަޢުލީމު ފޯރުކޮށްދިނުމަށް ދެ ކްލާސްރޫމާއި އިމާމު ރޫމެއް ހިމެނެއެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތަށްފަހު ވާހަކަދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ވިލިމާލޭގައި ބިނާކުރެވޭ ޖާގަ ތަނަވަސް އަދި ރީތި މިސްކިތަކަށް ވެގެންދާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެއް ކަމުގައި ވެސް ޝަހީމް ފާހަގަކުރެއްވިއެވެ.
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝަހީމް ވާހަކަދައްކަވަނީ... ފޮޓޯ/ އިސްލާމިކް މިނިސްޓްރީ'މަސްޖިދުއްސަލާމް' ހުރި ބިމުގައި މިހާރު ހުރި މިސްކިތް ތަޅާލައި އައު މިސްކިތެއް އެޅުމުގެ މަސައްކަތަކީ ތަރައްގީނުކޮށް ވަރަށް ދުވަސްވީ މަސައްކަތެއްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ފާއިތުވި 25 އަހަރުވެސް މި މިސްކިތް މިތަނުގައި ހުރި ކަމަށާއި އެހެންނަމަވެސް މިސްކިތް ހުރީ ތަރައްގީކުރަން ޖެހިފައިކަމަށެވެ.
ވަޒީރު ވިދާޅުވީ، މިއީ ވިލިމާލޭގައި ބިނާ ކުރެވިގެންދާނެ އެންމެ ރީތި މިސްކިތައް ވެގެންދާނެ ކަމަށެވެ. އެގޮތުން އުންމީދަކީ ވީ އެންމެ އަވަހަކަށް މި މިސްކިތުގެ މަސައްކަތް ނިންމާ ރައްޔިތުންނަށް މިތަނުގެ ބޭނުން ހިފަން ފެށުންކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މިސްކިތްތައް އައު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި މާލެ ސަރަހައްދުގައި ބައުވެފައި ހުރި ހުރިހާ މިސްކިތްތަކެއް އައުކޮށް ނިމެނޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވިލިމާލެ މަސްޖިދުއްސަލާމް ހުރި ބިމުގައި އިމާރާތްކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ އެޅުމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ"މި މިސްކިތުގެ މަޝްރޫއާއެކު ލިބިގެންދާ އުފާވެރިކަމަކީ މާލެ ސަރަހައްދުގައި ބައުވެފައި ހުރި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް ފިޔަވައި އެހެން ހުރިހާ މިސްކިތަކަށް ސްޕޮންސާ ހަމަޖެހި މަސައްކަތް ފެށި، ބައެއް ތަންތަނުގެ މަސައްކަތް ވަރަށް ބޮޑަށް ނިމިގެން ދިޔުން. ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ހުރިހާ މިސްކިތްތައް ހުންނާނީ އައުވެފައި،" ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ވަސީލަތްތައް ހަރުދަނާކޮށް، ފެންވަރު ރަނގަޅު މިސްކިތްތައް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތަށް ފިޔަ ފައުންޑޭޝަނުން ދެއްވި އެހީތެރިކަން ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.