ވިލިމާލޭގައި އިއްޔެ ހިންގި ޚާއްސަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި، ހައްޔަރުކުރި ތިން ފިލްމީ ތަރިންގެ މައްޗަށް 15 ދުވަހުގެ ބަންދުގެ މުއްދަތު މިއަދު ޖަހައިފިއެވެ.
މި މައްސަލައިގައި ހަތަރު މީހަކު އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު އޭގެ ތެރޭގައި ތިން ފިލްމީ ތަރިން ހިމެނެއެވެ. އެއީ:
- އަހުމަދު އަޒްމީލް (44އ)
- އިސްމާއިލް ޖުމައިހު (35އ)
- މުހައްމަދު ވިޝާލް (ރޯމަން) (29އ)
ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި މި ތިން މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތެވެ. އަދި އެ ތިން މީހުންގެ މައްޗަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިފައެވެ.
ހައްޔަރުކުރި 3 ފިލްމީ ތަރިންނާއި، ޝާހިލް މުހައްމަދު -- ފޮޓޯ: ފުލުހުންކޯޓު އަމުރުގައިވާ ގޮތުން ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އެ ތިން މީހުންގެ ކުޑަކަމުދާ ތަކެތި 'އެމްއޭޕީ' އާއި (ސީއޭޓީ' އަށް ފޮޒިޓިވްވެފައިވާ ކަމަށް އިންވެސްޓިގޭޓިވް އޮފިސަރު ފާހަގަކޮށްފައިވާ ކަމަށް ކޯޓު އަމުރުގައި ވެއެވެ.
ފުލުހުން ބުނި ގޮތުގައި އެ ތިން މީހުން ތިބި ކޮޓަރި ފުލުހުން ބާރުގެ ބޭނުން ކޮށްގެން ހުޅުވިއިރު، ކޮޓަރީގައި ހުރި މޭޒެއްގެ މަތީގައި މަސްތުވާތަކެތި ހާމައަށް ހުއްޓެވެ. އަދި އެ ކޮޓަރީގައި ތިން މީހުން ތިބިކަން ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން އެ ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި ޓްރެފިކިން މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ތިން މީހުންގެ ތެރެއިން އަޒްމީލާއި ވިޝާލަކީ ބަންދު ރެކޯޑު އޮތް ދެމީހުންކަން ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
ތިން ފިލްމީ ތަރިންގެ އިތުރުން ދެން އެ ކޮޓަރީގައި ހުރީ ޝާހިލް މުހައްމަދު ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ވެސް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ ކުޑަކަމުދާ ތަކެތި ވެސް ވަީ 'އެމްއޭޕީ' އާއި (ސީއޭޓީ' އަށް ފޮޒިޓިވްވެފައެވެ. އަދި އޭނާއަކީ ވެސް ބަނދުގެ ރެކޯޑު އޮތް މީހެއް ކަމަށް ބަޔާންކޮށްފައިވެއެވެ.