މާދަމާގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރި ނަަމަވެސް، ކަނޑުތައް މަޑުވާނެ: މެޓް

ވިއްސާރަ ދުވަހެއްގައި ބަޔަކު ކޯޓެއް ލައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރި ނަމަވެސް ކަނޑުތައް މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

މާލެ ސަރަހައްދަށް މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ވިއްސާރަ ކުރިއެވެ.

'ސަން'އަށް މައުލޫމާތު ދެމުން ބުނީ، މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި އަންނަ އާދިއްތަ ދުވަހުގެ ފަހުން މޫސުން ރަނގަޅުވާން ފަށާނެ ކަމަށެވެ.

އެކަމަކު، ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރި ނަަމަވެސް ކަނޑުތައް ގަދައެއް ނުވާނެ ކަމަށް މެޓުން ބުންޏެވެ.

އެ އިދާރާއިން ބުނި ގޮތުގައި، ވައި ޖެހޭނީ ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، އެކި ހިސާބުތަކަށް މިއަދާއި މާދަމާ ބޯކޮށް ވާރޭ ވެހުނަސް ވައި ގަދަވެގެން ނުދާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މިއީ ހަފުތާ ބަންދު ކަމަށްވާތީ، ކުރު ޗުއްޓީއެއް ހަދާލުމަށް އެކި މީހުން ތަންތަނަށް ދަތުރުކުރާނެއެވެ. އެހެންކަމުން އެ މީހުން މޫސުމަށް ސަމާލުވުން މުހިންމެވެ.

comment ކޮމެންޓް