ރާއްޖޭގައި ފުޓުބޯޅަ އިތުރަށް ތަރައްގީކުރުމަށް އެފްއޭއެމުން ކުރަމުންދާ މަސައްކަތްތަކަށް ވަޒީރު ރާފިޢުގެ ތައުރީފު

އެފްއޭއެމް އެވޯޑްސް ނައިޓް 2026 ގައި ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވާހަކަދައްކަވަނީ- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުބާރާތްތައް ބާއްވާ، އެ އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް ކުޅިވަރާބެހޭ ވަޒީރު، އަބްދުﷲ ރާފިއު ތައުރީފު ކުރައްވައިފިއެވެ.

އަށް އަހަރުގެ މެދު ކެނޑުމަކަށްފަހު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އެ އެސޯސިއޭޝަންގެ އެވޯޑްސް ނައިޓުގައި ވާހަކަދައްކަވަމުން ވަޒީރު ރޭ ވަނީ ކުޅިވަރާ ބެހޭ ގާނޫނުން ކުޅިވަރު ލާމަރުކަޒުކޮށް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ފުރުސަތު އެސޯސިއޭޝަންތަކަށް ފަހިވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ބޭނުން ހިފައި، އެފްއޭއެމް އިން ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގައި މުބާރާތްތައް ކުރިއަށް ގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފުޓުބޯޅައިގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު، ކުރިން އޮތް މަގާމަށް ގެންދިއުމަށް މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެފްއޭއެމް އެވޯޑް ނައިޓުގައި ރީޖަނަލް މުބާރާތްތަކުން އެންމެ މޮޅު ކުލަބް ހޮވިގެން ދިއުމަކީ އެ މިސްރާބަށް ފުޓުބޯޅަ ދާކަމުގެ ހެއްކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރޭގެ އެވޯޑް ނައިޓުގައިވަނީ ރީޖަނަލް މުބާރާތްތަކުން އެންމެ ފާހަގަކޮށްލެވުނު ތިން ޓީމަށް އެވޯޑު ދީފައެވެ. އެގޮތުން ގައްދޫ ރެކްރިއޭޝަން ކުލަބަށް ތިންވަނަ ލިބުނުއިރު، ދެވަނަ ލިބިފައިވަނީ ދިއްދޫ ސްޕޯޓްސް ކުލަބަށެވެ. އަދި މި ކެޓެގަރީގެ ފަޚުރުވެރި އެއްވަނަ ލިބިފައިވަނީ ބިސްބުރު ސްޕޯޓްސް ކުލަބަށެވެ.

އެފްއޭއެމްއިން މިހާރު މުޅި ރާއްޖޭގައި ފުޓުބޯޅަ މުބާރާތްތައް ބާއްވާއިރު، ފުޓުބޯޅައިގެ އިތުރުން އެ އެސޯސިއޭޝަންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޅިވަރު ކަމަށްވާ ފުޓްސަލް މުބާރާތްތައްވެސް ކުރިއަށް ގެންދާކަން ވަޒީރު ފާހަގަކުރެއްވާ، ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ފުޓުބޯޅަ އަދި ފުޓްސަލް އާއިލާއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.

އެފްއޭއެމް އިން އަންނަނީ މުޅި ރާއްޖެއަށް ފުޓުބޯޅަ ފުޅާކުރުމަށް، އެ އެސޯސިއޭޝަންގެ ރީޖަނަލް އެސޯސިއޭޝަންތައް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތާއެކު އެ އެސޯސިއޭޝަނަށް ފެޑަރޭޝަނެއްގެ ދަރަޖަ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

އެފްއޭއެމްއިން ކުރަމުން އަންނަ ހުރިހާ މަސައްކަތެއްގައިވެސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން، ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ދެއްވިއެވެ.

comment ކޮމެންޓް