މުދަލަށް އޮންނަ ލޯބީގެ އިމުން ބޭރުވާ މީހާގެ އަޚުލާގު ފަސާދަވެ، މާތް ﷲ އާ ދެމެދު އޮންނަ ގުޅުން ކެނޑޭ ކަމަށް ޚުތުބާގައި މިއަދު ބުނެފިއެވެ.
މިއަދު އިއްވި، ހުކުރު ޚުތުބާ ޚާއްސަކޮށްފައި އޮތީ މުދަލުގެ ވާހަކަތަކަށެވެ.
ޚުތުބާގައި ސިފަކުރި ގޮތުގައި، އަހަރެމެންގެ އަތްމަތީގައި މިވާ މުދަލަކީ ވަގުތީ ގޮތުން އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތެކެވެ.
އެގޮތުން، ދުނިޔޭގައި ކޮންމެ އަމާނާތަކާ މެދު ޖަވާބުދާރީވާން ޖެހޭ ފަދައިން، ޤިޔާމަތްދުވަހު މާތް ﷲގެ ޙަޒުރަތުގައި މުދަލާ މެދު ޖަވާބުދާރީވާން ޖެހޭނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ފިހަރާއެއްގައި ބަޔަކު ވިޔަފާރި ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާޚުތުބާގައި ބުނީ، މުދަލަކީ ހަމައެކަނި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ދެއްވައިފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ އިމްތިޙާނެއްކަން މާތް اللهُ އަންގަވައިފައިވާ ކަމަށެވެ.
މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވައިފައިވުމަކީ އިއްތިފާގެއް ނޫންކަން ފާހަގަކޮށް ޚުތުބާގައި ކިޔައިދިން ގޮތުގައި، އެއީ މާތް ﷲގެ މަތިވެރި ޙިކުމަތްފުޅުން އަޅުތަކުން އިމްތިޙާނުކުރެއްވުމުގެ ގޮތުން، އެކަލާނގެ މިންވަރުކުރައްވަވާ ކަންކަމެވެ.
އެހެންކަމުން، ކޮންމެ މީހަކު ވެސް އަމިއްލަ ނަފުސާ ކުރަންވީ ސުވާލަކީ، ތިމާއަށް އެއްކުރެވުނީ ކިހައި މުދަލެއްތޯއެއް ނޫން ކަމަށާއި ކުރަންވީ ސުވާލަކީ، މާތް ﷲ ކުރިމަތިކުރެއްވި މި އިމްތިޙާނުން ކާމިޔާބީ ހޯދުނުތޯ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނި ގޮތުގައި، މިއީ ނުރައްކާތެރިކަން ބޮޑު އިމްތިހާނެކެވެ. އެ ކަމުގެ ބޮޑުކަން ބަޔާންކުރައްވައި ރަސޫލާ ހަދީސްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ބަކަރި އައިނެއްގެ ތެރެއަށް، ހައިވެފައިވާ މިނިކާ ދެ ކުއްތާ ދޫކޮށްލުމުން، އެ ތަކެއްޗަށް ދޭ ގެއްލުމަށް ވުރެ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމުގެ ސަބަބުން އިންސާނާގެ ދީންވެރިކަމަށް ހުރި ގެއްލުމާއި ފަސާދަ މާ ބޮޑެވެ."
މީގެއިތުރުން، މުދަލަށް އޮންނަ ލޯބީގެ އިމުން ބޭރުވެއްޖެނަމަ، އެ މީހެއްގެ ދީން ހަލާކުވެ، ﷲއާ ދެމެދު އޮންނަ ގުޅުން ކެނޑޭކަން ޚުތުބާގައި ފާހަގަކުރިއެވެ.
މުދާ ހޯދާންވާނީ މާތް ﷲ ކަނޑައަޅުއްވައިފައިވާ އުޞޫލުތަކާއި އިންތަކުގެ ތެރެއިން ކަމަށާއި ﷲ ޙަރާމްކުރެއްވި މަގަކުން މުދާ ހޯދުމުގެ ޙައްޤެއް އަހަރެމެންނަކަށް ނެތްކަން މީސްތަކުންނަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
މިގޮތުން، ވައްކަން ކުރުމާއި ޖުވާ ކުޅުން ފަދަ ކަންކަމުން ފައިސާ ހޯދުމަކީ، ހަމައެކަނި މާލީ ގޮތުން ހެދޭ ގޯހެއް ނޫން ކަމަށާއި އެއީ އިލާހީ އަމާނާތަށް ވެވޭ ބޮޑު ޚިޔާނާތެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރިއެވެ.
އެއާއެކު، ﷲ މީސްތަކުންނާ ޙަވާލުކުރައްވައިފައިވާ މުދަލުން ޙައްޤުތަކަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެ މުދަލުން އަނބިދަރިންނާއި މައިންބަފައިންނަށް ޚަރަދުކޮށް، ޒަކާތް ދެއްކުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި، އެ މުދާ އިސްރާފު ކުރުމާއި ބޭކާރު ގޮތުގައި ހަލާކުކުރުމުގެ ހައްގު އަހަރެމެންނަށް ލިބިފައިނުވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާ ނިންމާލީ، ޙަލާލު ގޮތުގައި މުދާ ހޯދައި، ﷲ ރުހިވޮޑިގަންނަވާ މަގުން އެ މުދާ ހޭދަކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުއާކުރަމުންނެވެ.