ރެޔާއި ދުވާލު މި އުޅެނީ އޮންލައިން ވިޔަފާރި ކުރުމުގައި ހުރި ދަތިތައް ހައްލުކުރުމުގައި: ރައީސް

ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި ރައީސާ ބައްދަލުކުރެއްވި އަންހެނަކާ ސަލާންކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ރެޔާ ދުވާލު އުޅުއްވަނީ އޮންލައިން ވިޔަފާރި ކުރުމުގައި ހުރި ދަތިތައް ހައްލުކުރެއްވުމުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމުގައި އަންހެނަކު ވަނީ، ޓީމޫ ފަދަ އޮންލައިން ޕްލެޓުފޯމުތަކުން ވިޔަފާރި ނުކުރެވޭ ކަމަށް ބުނެފައެވެ. އަދި، އެ މައްސަލަ ހައްލުކޮށްދެއްވުުމުން ރައީސަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބިވަޑައިގަންނަވާނެ ކަމަށް އެ މީހާ ބުންޏެވެ.

ރައީސް ވިދާޅުވީ، ރެޔާ ދުވާލު އުޅުއްވަނީ އެ މައްސަލަ ހައްލުކޮށްދެއްވުމުގެ މަސައްކަތުގައި ކަމަށެވެ.

"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ" ރައީސް ވިދާޅުވިއެވެ.

ރައީސް އެ ފަދައިން ވިދާޅުވީ، ގިނަ ބަޔަކަށް އޮންލައިން ޕްލެޓުފޯމުތަކުން ވިޔަފާރި ނުކުރެވޭ ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ފާހަގަކުރެވޭ ގޮތުގައި، ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމައި، އެ ކަން ބީއެމްއެލްއިން ފުރަތަމަ އިއުލާނުކުރީ މިދިޔަ މެއި މަހެވެ. އޭރު ވެސް ބެންކުން ވަނީ އޭގެ ސަބަބަކީ ލިބޭ މިންވަރަށްވުރެ އިތުރަށް ޑޮލަރު ވިއްކަން ޖެހުން ކަމަށް ބުނެފައެވެ.

https://sun.mv/227327

އޭގެފަހުން ވެސް މިދިޔަ ސެޕްޓެމްބަރުގައި ވަނީ އީކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. މިގޮތުން، ޓީމޫ ހިމެނޭ ކެޓެގަރީއަށް ކަނޑައަޅާފައި ވަނީ، މަހަކަށް ތިން މިލިއަން ޑޮލަރު ކަމަށްވާއިރު، ކޮންމެ ދުވަހެއްގެ ވެސް ބީއެމްއެލްގެ ކެޓަގަރީ ލިމިޓްތައް އާ ވަނީ ހެނދުނު 7:00 ގައެވެ. ވަކި ދުވަހެއްގައި ކެޓަގަރީ ނުވަތަ މާޗަންޓް ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ދެ ގޮތަކުން އެއް ގޮތެއް އިޚްތިޔާރު ކުރެވޭނެއެވެ. އެއީ ޖެހިގެން އަންނަ ދުވަހު އަލުން މުޢާމަލާތް ކުރުމަށް މަސައްކަތްކުރުން ނުވަތަ ޑޮލަރު ކާޑެއް އޮތްނަމަ، އެ ކާޑު ބޭނުންކުރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

comment ކޮމެންޓް