ސަޓާގައި ރާއްޖެއަށް 36 އެވޯޑު، ފަޚުރުވެރި ''ފޭސް އޮފް ސައުތު އޭޝިއާ'' އެވޯޑު ދަމާސް ޞާލިޙަށް

ސަޓާގެ އެންމެ ޚާއްސަ އެއް އެވޯޑް، "ފޭސް އޮފް ސައުތު އޭޝިއާ" އެވޯޑް ހާސިލުކުރެއްވީ ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙް (ދަމާސް ޞާލިޙް) -- ސަން ފޮޓޯ/ ޢަފްވާން ޞަލާޙް

ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދޭ ޚިދުމަތްތަކުގެ އަގުވަޒަންކުރާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)ގައި ފަޚުރުވެރި "ފޭސް އޮފް ސައުތު އޭޝިއާ"ގެ އެވޯޑު މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދަމާސް ކުންފުނީގެ ޗެއާމަން މުޙައްމަދު ޞާލިޙް (ދަމާސް ޞާލިޙް)އަށް ލިބުން ހިމެނޭހެން، ރާއްޖެއަށް ޖުމުލަ 36 އެވޯޑެއް ލިބިއްޖެއެވެ.

މިއީ ސަޓާ އެވޯޑު ބާއްވާ 10ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑުގައި ޖުމުލަ 54 ކެޓަގަރީއަކުން 178 އެވޯޑު ދީފައިވެއެވެ.

އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވެނީ "ފޭސް އޮފް ސައުތު އޭޝިއާ" ނުވަތަ ދެކުނު އޭޝިއާއިން މި ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅާގެ އެވޯޑު ދަމާސް ޞާލިޙަށް ލިބުމެވެ.

ޞާލިޙް ވަނީ ރާއްޖޭގައި ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި، ފަތުރުވެރިކަން ކުރިއެރުވުމަށް އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އެންމެ ފުރަތަމަ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވިއެވެ.

ސަޓާ އެވޯޑު ލިބުނު ފަރާތްތައް ސްޓޭޖު މަތީ އެވޯޑު ހިފައިގެން --- ސަން ފޮޓޯ: ޢަފްވާން ޞަލާޙް

ފާހަގަކުރެވޭ ގޮތުގައި ވިޒިޓާސް ޗޮއިސް ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ވޯޓުން މި އަހަރު ވެސް ރާއްޖެ ވަނީ ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން އެވޯޑު ހާސިލުކޮށްފައެވެ. އެންމެ ފަހުން ރާއްޖެއަށް މި އެވޯޑު ލިބުނީ މިދިޔަ އަހަރެވެ.

ހަމަ އެއާއެކު ލީޑިން ޓްރާންސްޕޯޓް ސާވިސް ޕްރޮވައިޑަރުގެ އެވޯޑުތައް ގައުމީ އެއާލައިން މޯލްޑިވިއަނަށާއި ޓްރާންސް މޯލްޑިވިއަން ވަނީ ހޯދައިފައެވެ. ލީޑިން ލިބްއަބޯޑުގެ އެވޯޑު މި އަހަރުގެ ސަޓާ އެވޯޑްސްގައި ހޯދީ މޯލްޑިވްސް ލެޖެންޑް އެކްސްއެވެ. އޭގެ އިތުރުން ރާއްޖެއަށް ދެން ލިބުނު އެވޯޑުތަކުގެ ތެރޭ ހިމެނެނީ:

  • ލީޑިން ސުޕަވިޝަން އޭޖެންޓް: އާވިއާ މޯލްޑިވްސް
  • ލީޑިން ބީޗް ހޮޓެލް / ރިސޯޓު: ސިނަމަން ވެލިފުށި މޯލްޑިވްސް
  • ލީޑިން ޑައިވް ހޮޓެލް / ރިސޯޓު: އަދާރަން ކްލަބް ރަންނާޅި
  • ލީޑިން ސާފް ރިސޯޓު: ސިނަމަން ދޮންވެލި މޯލްޑިވްސް
  • ލީޑިން ފައިން ޑައިނިން އައުޓްލެޓް އިން ހޮޓެލް / ރިސޯޓު: އެޗް2އޯ، ޔޫ އެންޑް މީ މޯލްޑިވްސް
  • އެންމެ ރޮމެންޓިކް ރިސޯޓު: އަދާރަން ޕްރެސްޓީޖް ވަޑޫ
  • ދެކުނު އޭޝިއާގެ ބެސްޓް ޖެނެރަލް މެނޭޖަރު - ރާއްޖެ: ސިރާޖު ޢަލީ ވަސީމް - ކޮކޯ ޕާމް ދުނިކޮޅު
  • ލީޑިން އޯލް އިންކްލޫސިވް ހޮޓެލް / ރިސޯޓު: ހެރިޓަންސް އާރަށް
  • ލީޑިން ޑައިވް ސެންޓަ / ބްރޭންޑް: އޯޝަން ގްރޫޕް ޕްރައިވެޓް ލިމިޓެޑް
  • ލީޑިން އެޑްވެންޗާ / ސްޕޯޓްސް ޓުއާ އޮޕަރޭޓަރު: ބެސްޓް ޑައިވް މޯލްޑިވްސް
  • ލީޑިން ބުޓީކް ރިސޯޓު: ކޮކޯގިރި އައިލެންޑް ރިސޯޓު
  • ލީޑިން ގެސްޓްހައުސް / ޓޫރިސްޓް އިން: ޓްރައިޓަން ޕްރެސްޓީޖް ސީވިއު އެންޑް ސްޕާ
  • ލީޑިން ޖެނެރަލް ސޭލްސް އޭޖެންޓް: އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް
  • ލީޑިން ޕެސެންޖާ ސޭލްސް އޭޖެންޓް: ވިލާ ޓްރެވަލްސް އެންޑް ޓުއާސް
  • ލީޑިން ފެމިލީ ރިސޯޓު: ކަނޑޫމާ މޯލްޑިވްސް
  • ލީޑިން ރިސޯޓު / ހޮޓަލް ބްރޭންޑް: އެޓްމޮސްފިއާ ކޯ

މި އެވޯޑުތައް ހިމެނޭހެން ރާއްޖެއަށް ޖުމުލަ 36 އެވޯޑެއް މި އަހަރުގެ ސަޓާ އެވޯޑްސްގައި ލިބިފައިވެއެވެ.

ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ދެމުން އަންނަ ސަޓާ އެވޯޑަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަން ފާހަގަކުރުމުގެ ގޮތުން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ގައުމަކީ ދިވެހިރާއްޖެއެވެ.

comment ކޮމެންޓް