މިހާރު ވެސް 2،500އަށް ވުރެ ގިނަ ޕާސްޕޯޓުގެ ބެކްލޮގެއް އެބަ އުޅޭ ކަމަށާއި، ނަމަވެސް ހަފުތާ ބަންދުގައި އައު ސްޓޮކް ލިބުމުން ބެކްލޮގު އެއްކޮށް ފިލުވައިލަން ފަސް ވަރަކަށް ދުވަސް ނަގާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ފާހަގަކުރެވޭ ގޮތުގައި ޕާސްޕޯޓުގެ ސްޓޮކް ލިބުން ލަސްވުމުގެ ސަބަބުން އިމިގްރޭޝަނުން ވަނީ މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އަންނަ ޖޫން މަހުގެ ނިޔަލަށް އިތުރުކުރަން ނިންމައި، އާންމުކޮށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އިމަޖެންސީ ޕާސްޕޯޓު ދޫކުރަން ނިންމައިފައެވެ. އެއަށްފަހު މިދިޔަ އަންގާރަ ދުވަހު އިމިގްރޭޝަނުން 'ސަން'އަށް ބުނީ އައު ޕާސްޕޯޓުގެ ސްޓޮކް ލިބި އާންމު ހާލަތަށް އަންނަ ހަފުތާގައި އަންނާނެ ކަމަށެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިޙްސާން ވިދާޅުވީ ޕާސްޕޯޓު ޕްރިންޓުކުރާ ޖަރުމަނުވިލާތުގެ ކުންފުންޏަށް ދިމާވެފައިވާ މައްސަލަ ހައްލުވެއްޖެ ކަމަށާއި، މި ހަފުތާ ބަންދުގައި ޕާސްޕޯޓުގެ އައު ސްޓޮކް ލިބޭނެ ކަމަށެވެ. އެއަށްފަހު ކުރިއެކޭ އެއްގޮތަށް އަންނަ ހަފުތާއިން ފެށިގެން ޕާސްޕޯޓު ދޫކުރަން ފެށޭނެ ކަމުގެ ޔަގީންކަން އިޙްސާން ދެއްވިއެވެ.
"މި ވަގުތަށް ބަލާއިރު ގާތްގަނޑަކަށް ބެކްލޮގުގައި އެބަ އުޅޭ 2،646 ވަރަކަށް ޕާސްޕޯޓު ހެދުމުގެ ރިކުއެސްޓުތައް، މި ބެކްލޮގު ކްލިއާކުރަން އަޅުގަނޑުމެންނަށް ގާތްގަނޑަކަށް ނަގާނެ ފަސް ވަރަކަށް ދުވަސް އެ ދުވަހުން (އާދިއްތައިން) ފެށިގެން،" އޭނާ ވިދާޅުވިއެވެ.
އެކަމަކު ކޮންމެހެން މުހިންމު ދަތުރުތައް ކުރަންޖެހޭ ފަރާތްތަކަށް އެއްވެސް ދަތިކަމެއްނެތި ޕާސްޕޯޓުތައް ދޫކުރަމުން ދާނެ ކަމަށް އިޙްސާން ވިދާޅުވިއެވެ.
އިޙްސާން ވިދާޅުވީ ދުވާލަކު އާންމުކޮށް 350އެއްހާ މީހުން ޕާސްޕޯޓު ހައްދަން އެދޭ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޕާސްޕޯޓު ދޫކުރީ ފަސް ތަނަކުން ކަމަށާއި މިހާރު 39 ތަނަކުން ޕާސްޕޯޓު ދޫކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ޕާސްޕޯޓު ދޫކުރަން ގިނަވެގެން ދެ ހަފުތާ ނޫނީ އެއް މަސް ދުވަސް ނަގާ ކަމަށް އިޙްސާން ވިދާޅުވިއެވެ. ނަމަވެސް އާންމު ހާލަތަށް ގެނެވުމުން، 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ލިބޭނެ ކަމުގެ ޔަގީންކަން ވެސް އިޙްސާން ދެއްވިއެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިޙްސާން ވިދާޅުވީ ޕާސްޕޯޓު އިމިގްރޭޝަނުން މުޅިއަކުން ހުސްނުވާ ކަމަށެވެ.
ރާއްޖޭގެ ޕާސްޕޯޓަކީ ސިފަތަކަށް ބެލިކަމުގައި ވިޔަސް ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ވަރުގަދަ ޕާސްޕޯޓުކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވުމުން ކޮންމެ ޕްރިންޓް ހައުސްއަކުން ޕާސްޕޯޓު ހެއްދެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަ އެއާ އެކުގައި ވަރަށް ރެޕިއުޓެބަލް، މިހާތަނަށް އައިއިރުގައި މައްސަލަތަކެއް ޖެހިފައި އޮތް ފަރާތެއްނޫން އެ ފަރާތަކީ، އެހެންވީމާ އަޅުގަނޑުމެން މަލްޓިޕަލް ސަޕްލަޔާސް ގެންގުޅުމުގެ ވިސްނުމަށްވުރެ ސްޓޮކެއް ގާއިމްކުރަން މިފަދަ ކަންކަމަށް ކޭޓާކުރެވޭ ވަރުގެ، އަދި މިކަހަލަ އިޝޫއެއް ދިމާވެއްޖިއްޔާމު އަޅުގަނޑުމެންނަށް ސްމޫތުލީ މެނޭޖްކުރެވޭ ވަރުގެ ސްޓޮކެއް އެބަ ބިލްޑުކުރަން މިހާރު،" އިޙްސާން ވިދާޅުވިއެވެ.
އިޙްސާން ވަނީ، ޕާސްޕޯޓުގެ މިހާރު އޮތް ބެކްލޮގް ކްލިއާކުރުމަށް އިމިގްރޭޝަނުން ޚިދުމަތްތައް ދޭ ވަގުތު އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޮފީސް ހުޅުވާފައި ހުންނަ ވަގުތާއި ޕްރިންޓް ކުރުމުގެ ގާބިލުކަން އިތުރުކޮށް ބެކްލޮގް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.