މެލޭޝިއާގައި ބާއްވާ ބައިބަލާ މުބާރާތުގައި 5 ޓީމު: ޝަރަފުވެރިކޮށްދެއްވަނީ ޕާލިސްގެ ކްރައުން ޕްރިންސް

މެލޭޝިއާގެ ޕާލިސްގެ ކްރައުން ޕްރިންސް ހިޒް ރޯޔަލް ހައިނެސް ޓޫއަންކު ސައިދު ފައިޒުއްދީން ޕޫތުރާ އިބްނީ ޓޫއަންކު ސައިދު ސިރާޖުއްދީން ޖަމާލުއްލައިލް

މެލޭޝިއާގައި ބާއްވަން ތައްޔާރުވާ "މެލޭޝިއާ ބައިބަލާ ޗެލެންޖު" ގައި ޖުމްލަ 5 ޓީމެއް ބައިވެރިވެފައިވާ ކަމަށާއި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ ޕާލިސްގެ ކްރައުން ޕްރިންސް ހިޒް ރޯޔަލް ހައިނެސް ޓޫއަންކު ސައިދު ފައިޒުއްދީން ޕޫތުރާ އިބްނީ ޓޫއަންކު ސައިދު ސިރާޖުއްދީން ޖަމާލުއްލައިލް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރާއްޖެއިން ބޭރުގައި މުޅިން އަލަށް ބާއްވާ ބައިބަލާ މުބާރާތް މި މަހުގެ 17 އިން ފެށިގެން 18 ވަނަ ދުވަހާ ހަމައަަށް މެލޭޝިއާގައި ކުރިއަށްގެންދިއުމަށް ދަނީ ތައްޔާރުވަމުންނެވެ. މުބާރާތް އިންތިޒާމުކުރަަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިން އިސްވެގެން ހިންގަމުން އަންނަ "މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިވެލޮޕްމަންޓް އިނީޝިއޭޓިވް" (މަޑި) ޖަމުއިއްޔާއިންނެވެ.

މެލޭޝިއާގައި ބާއްވާ ބައިބަލާ މުބާރާތުގެ ޕޯސްޓަރު-

މުބާރާތާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތުދެއްވަމުން މަޑި ޖަމުއިއްޔާގެ ނައިބު ރައީސް މުޙައްމަދު ޒީދާން ޒައީމް ވިދާޅުވީ މުބާރާތުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކޮންމެ ޓީމަކަށްވެސް ބޭރުން ތިން ކުޅުންތެރިން ޓީމު ލިސްޓުގައި ހިމެނުމުގެ ފުރުސަތު ދީފައިވާ ކަމަށާއި މުބާރާތުގައި މިސްޓަ ބައިބަލާގެ މަގާމު ހޯދި ކުޅުންތެރިންވެސް ވާދަކުރާ ކަމަށެވެ.

މި މުބާރާތް މެލޭޝިއާގައި ބާއްވަން ނިންމީ ދިވެހިވަންތަ ކުޅިވަރެއް ގައުމުން ބޭރުގައި ކުޅުމުގެ މަގުސަދުގައި ކަމަށާއި މީގެުކރިން ކާމިޔާބުކަމާއެކު މެލޭޝިއާގައި އުޅޭ ދިވެހިންގެ މެދުގައި ފުޓުބޯޅައާއި ބާސްކެޓްބޯޅަ ފަދަ ކުޅިވަރުތަކުގެ މުބާރާތްތައް ގަވާއިދުން ބާއްވާފައިވާނެ ކަމަށެވެ. އަދި މިހާތަނަށް ރާއްޖެއިން ބޭރުގައި ބައިބަލާ މުބާރާތެއް ބާއްވާފައިނުވާތީ މި މުބާރާތް މެލޭޝިއާގައި ބާއްވަން ނިންމީ ދިވެހިވަންތަ ކުޅިވަރެއް ބޭރުގެ ދުނިޔެއަށް ތައާރަފުކޮށް އާލާކުރުމުގެ ބޭނުމުގައި ކަމަށްވެސް ޒީދާން ވިދާޅުވިއެވެ.

މަޑި ޖަމުއިއްޔާގެ ނައިބު ރައީސް މުޙައްމަދު ޒީދާން ޒައީމް "ސަން" އަށް މައުލޫމާތުދެއްވަނީ-- ސަން ފޮޓޯ: ޝާތިއު ޢަބްދުﷲ

މީގެ އިތުރުން މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި މެލޭޝިއާގެ ޝާލް އާލާމްގެ ވަލީއަހުދު ބައިވެރިވާގޮތަށް ވާހަކަދެކެވެމުން އަންނަ ކަމަށްވެސް މައުލޫމާތުދެއެވެ.

މިއީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައިވެސް ރާއްޖެއިން ބޭރުގައި ބާއްވާ މިފަދަ ފުރަތަމަ ބައިބަލާ މުބާރާތެވެ. މުބާރާތް ބާއްވަނީ މެލޭޝިއާގެ ބީޗު ވޮލީ ސްޓޭޑިއަމެއް ބައިބަލާ މައިދާނެއްގެ ގޮތުގައި ތައްޔާރުކުރުމަށްފަހު އެވެ.

comment ކޮމެންޓް