އެމްއައިބީން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ޚިދުމަތް ފަށައިފި

އެމްއައިބީގެ ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވުން --

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ށ. ފުނަދޫގައި އާ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއްގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މިއީ ރާއްޖޭގެ އަތޮޅުތަކުގައި ބޭންކިން ޚިދުމަތްތައް ފުޅާކޮށް، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިން ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢެއްގެ ތެރެއިން ގާއިމުކުރި ހިދުމަތެކެވެ.

ފުނަދޫގައި ގާއިމުކުރި ސޭލްސް ސެންޓަރާއި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރުއާއި، ށ. ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ޙުސައިންއާއި، އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ރިޒާ އާއި އެމްއައިބީގެ ސީއެފްއޯ އަލީ ވާސިފެވެ.

އެމްއައިބީގެ ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވުން --

މި ސޭލްސް ސެންޓަރާއި އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް ދިވެހި ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ޚިދުމަތް ލިބޭނެއެވެ. މީގެ ސަބަބުން ފުނަދޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ރަށުގައި ތިބެގެން ރައްކާތެރި، އަދި ފަސޭހަ ގޮތަކަށް މާލީ ޚިދުމަތްތައް ލިބޭނެއެވެ.

ރާއްޖޭގެ މާލީ ދާއިރާ ހުރިހާ ރަށަކަށް ފުޅާކުރުމަށާއި، ރަށްރަށުގެ ތަރައްގީއަށާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ ފަސޭހަތައް ފޯރުކޮށްދިނުމަށް އެމްއައިބީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް