ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކު، ބައިނަލްއަގްވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.
އެގޮތުން ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ ސީއޭއޭ2 އިން ސީއޭއޭ1 އަށެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ބުނީ، މި ކުރިއެރުމަކީ ކައިރި މުސްތަގްބަލެއްގައި ރާއްޖެއަށް ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުތަނުން ކުޑަވެފައިވާ ކަމަށް މޫޑީޒް އިން ކުރި އަންދާޒާގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށެވެ. އަދި މި ބަދަލުތައް ގެނައުމަށް ޓަކައި ސަރުކާރުން ކަނޑައަޅައިގެން ކުރިއަށްގެންދާ ސިޔާސަތުތަކުގެ ނަތީޖާ ރަނގަޅުކަން ވެސް އެ އިދާރާއިން ފާހަގަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ ދައުލަތުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް ދައްކައި ޚަލާސްކުރުމާ ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ އެޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ޚަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުން ހިމެނެއެވެ. މީގެ އިތުރުން މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ދައްކާފައިވާއިރު، 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާ ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް އިތުރުކުރެވުމަކީ ވެސް ދަރަނި ދެއްކުމުގައި ކުރިމަތިވެފައި އޮތް ތާށިކަން ކުޑަވި މުހިންމު ސަބަބެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސްޑީއެފް) ޖަމާކުރާ ފައިސާ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކްރެޑިޓް ރޭޓިން ރަނގަޅުވުމަށް ފަހިވި ކަމަށެވެ. ޚާއްސަކޮށް 2024 ވަނަ އަހަރު ތައާރަފުކޮށް 2026 ގައި ފުޅާކުރި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސަބަބުން، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވޭކަމަށް ބުންޏެވެ.
މި މަސައްކަތްތަކުގައި ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކުރައްވައި ފިނޭންސް މިނިސްޓްރީން ބުނީ، ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން (އޭޑީބީ) 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރާއެކު، ޖުމްލަ 130 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ސަރުކާރުން ހޯދާފައިވާ ކަމަށެވެ.
ދައުލަތުގެ ދަރަނީގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.2 އިންސައްތައިގައި ހުރި ނަމަވެސް، ސަރުކާރުގެ ފިޔަވަޅުތަކާއެކު މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެ ނިސްބަތް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ކާމިޔާބީތައް ހޯދިފައިވަނީ ދުނިޔޭގެ އިގްތިޞާދީ ގޮންޖެހުންތަކާއި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުން ފަދަ ދަތި ހާލަތްތަކުގެ ތެރޭގައެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ރައްކާތެރިކަން ކަށަވަރުކޮށްދީ، އިގްތިޞާދީ ހަރަކާތްތަކަށް މަގުފަހިކުރުމާއެކު، ދައުލަތުގެ ޚަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެމުންދާ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބޮޑެތި ދަރަނިތައް ދައްކައި، މާލީ ރައްކާތެރިކަން ޤާއިމުކުރުމުގެ ސަބަބުން ދަރަނި ނުދެއްކުމުގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އަދި އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދައުލަތުގެ މާލީ ހާލަތު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު ހޯދިފައިވާ މި ކުރިއެރުން ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމުގައި ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.