ލެގޫންސް ސްޕޯޓްސް ކްލަބުގެ އިންތިޚާބާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކްލަބާ އެއްކޮޅަށް ނިމި، އިންތިޚާބީ މުޅި މަރުޙަލާ ކުރިއަށް ގެންގޮސްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ލެގޫންސްގެ އިންތިޚާބު ގޯސްކަމަށް ނިންމާ މި މައްސަލަ ސިވިލް ކޯޓުން ރަޖިސްޓަރީކުރީ މި އަހަރުގެ 15 އޯގަސްޓްގައެވެ. މި މައްސަލަ ހުށަހެޅީ ކުލަބުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ މއ. ނޮޅިވަރަމްގެ އަބްދުލްވާހިދާއި މ. ފަޅުމަތީގެ އަޙްމަދު އަލީއެވެ. ނަމަވެސް މި މައްސަލަ ނިމުނީ ލެގޫންސްގެ ކޮޅަށެވެ.
މި މައްސަލައިގެ ހުކުމް އިއްވަވައި، މިއަދު ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރެއްވި ޙުކުމުގައި، ލެގޫންސް ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީގެ އިންތިޚާބު އިންތިޒާމުކޮށް ބޭއްވުމުގައި އަމަލުކޮށްފައިވަނީ ކޯޓުގެ އަމުރުތަކާއި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އިރުޝާދުތަކާ އެއްގޮތަށް ކަން ވަނީ ސާފުކޮށްދެއްވާފައެވެ.
މައްސަލައިގެ ޝަރުޢީ މަރުޙަލާގައި ކޯޓަށް ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިޖުރާއާތުތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ގާޒީ ނިންމެވީ، ކުރިން ހިންގި މައްސަލައާ ގުޅިގެން ނެރެވިފައިވާ ޙުކުމް ތަންފީޒު ކުރުމުގެ މަސައްކަތް މުޅިން ފުރިހަމަވެ ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން، މައްސަލައިގެ ތެރެއިން ކުރިން ނެރެވިފައިވާ ވަގުތީ އަމުރުތަކާ މެދު އަލުން މުރާޖަޢާކޮށް، އެ ވަގުތީ އަމުރުތަކުގެ ބާރު މުރާޖަޢާކޮށް ނިމުމަކަށް ގެނެސްފައިވާކަން ކޯޓުގެ ޙުކުމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުން މިދިޔަ މެއި މަހުގެ 12ގައި ފޮނުއްވާފައިވާ ސިޓީގައިވާ ކަންކަމަށް ބަލާއިރު، ކްލަބުގެ އިންތިޚާބު ކުރިއަށް ގެންގޮސްފައިވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ ސީދާ ބެލުމުގެ ދަށުން، ކޯޓުގެ ޙުކުމާ އެއްގޮތަށް އަދި ވަކި ފަރާތެއްގެ ނުފޫޒެއް ނެތި ކަން ކޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
މުޅި މައްސަލައަށް ސިވިލް ކޯޓުން ބަޔާންކޮށްފައިވަނީ މައްސަލައިގެ ޙުކުމް ތަންފީޒުވެ ނިމިފައިވާކަން ޝަރުޢީ ލިޔެކިޔުންތަކުން ސާފުކޮށް އެނގެން އޮތުމާއެކު، މައްސަލައިގައި އިތުރަށް ގޮތެއް ނިންމަންޖެހޭ ނުވަތަ ކޯޓުން އިތުރު އަމުރެއް ނެރެންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތުދެއްވަމުން ލެގޫންސް ސްޕޯޓްސް ކުލަބުގެ އިސް އޮފިޝަލުން މިއަދު ވިދާޅުވީ ލެގޫންސް ސްޕޯޓްސް ކްލަބުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެގެން އާ އިންތިޚާބަކަށް އިއުލާނުކޮށްފައިވަނިކޮށް، ކުރީގެ ހިންގާ ކޮމިޓީއަކީ ސައްހަ ކޮމިޓީއެއް ނޫން ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައި، ވޭތުވެދިޔަ އަށް މަސްދުވަހު ކްލަބުގެ ހިންގުމަށް އެކި ގޮތްގޮތުން ދަތިކުރަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.
ކްލަބުގެ ބޯޑުން ނެރުނު ބަޔާނުގައިވާ ގޮތުން، މި މައްސަލައިގެ ފަހަތުގައިވަނީ އަމިއްލަ މަންފާއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ މީހަކާއި އޭނަގެ އާއިލީ މީހަކާއި އާންމު މެންބަރެއް ކަމަށެވެ.
މި މައްސަލައިގެ އަސްލު މަގުސަދަކީ ކްލަބަށް ލިބޭ އާމްދަނީ އަމިއްލަ ޖީބަށް ވަންނަ ގޮތަށް ހިންގަމުންދިޔަ ޣައިރުގާނޫނީ އަމަލުތައް ހުއްޓުވުމުން، ކްލަބުގެ އަގު ވައްޓާލައި ހިންގާ ކޮމިޓީއަށް ބިރުދެއްކުން ކަމަށް ބޯޑުން ފާހަގަކުރެއެވެ.
މީގެކުރިން ސިޔާސީ ނުފޫޒުގަދަ މަގާމެއްގައި ހުރެ އެ ފަރާތުން ޔޫތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއަށް ކަމަށްބުނެ ހިލޭ ދީފައިވާ ދެ ގަޑި އޮޅުވާލާ، އެހެން ޓީމުތަކަށް އެ ގަޑިތައް ވިއްކުމަށްފަހު ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށް ދަނޑުގެ ހުސް ޖާގަތައް ވެސް ޔޫތު މިނިސްޓްރީއަށް ދިން ކަމަށްބުނެ އޮޅުވާލާ، ހިންގާ ކޮމިޓީއަށް ނޭނގި އަމިއްލަ ފައިދާއަށް އެހެން ފަރާތްތަކަށް ވެސް ކުއްޔަށް ދެމުން ގޮސްފައިވާ ކަމަށް އެ ކުލަބުން ބުނެއެވެ.
މި ކަންކަން ހުއްޓުވުމަށް ހިންގާ ކޮމިޓީން މަސައްކަތް ކުރުމުން، ކްލަބުގެ ދަނޑު ގެއްލުވާލާނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށާއި، ނަމަވެސް މިދިޔަ އަހަރުގެ ނޮވެންބަރު 26ގައި ބޭއްވުނު ހިންގާ ކޮމިޓީގެ ބައްދަލުވުމެއްގައި ވޯޓު ނަގައިގެން އެ ފަރާތުން އޮޅުވާލައިގެން ކުރަމުންދިޔަ ހުރިހާ ކަމެއް ނިމުމަކަށް ގެނެސްފައިވާ ކަމަށް ބޯޑުން ވަނީ "ސަން"އަށް މައުލޫމާތުދީފައެވެ.
މި މައްސަލައާ ގުޅިގެން ގަވާއިދަށް އަމަލުކުރަން ޖެހުމުގެ ސަބަބުން އާންމު ބައެއް މެންބަރުންގެ ހައްގުތައް ގެއްލި، ދިމާވި ދަތިތަކަށްޓަކައި ލެގޫންސްގެ ބޯޑުން ވަނީ އާންމު މެންބަރުންގެ ކިބައިން ނިހާޔަތަށް މާފަށް އެދިފައެވެ. އަދި ކުލަބުގެ މެންބަރުންނަކީވެސް ކްލަބުގެ މުހިންމު ބައެއް ކަމަށާއި، އަލުން އެކުވެރިކަމާއެކު ކްލަބުގެ ކުރިއެރުމަށް އެކީގައި މަސައްކަތް ކުރުމަށް ލެގޫންސްގެ ބޯޑުން ވަނީ އިލްތިމާސްކޮށްފައެވެ.