ޓައިވާން ކަނޑުއޮޅީގެ މަސްލަހަތު ނަގާލަނީ އެމެރިކާއިން ކަމަށް ބުނެ އުތުރު ކޮރެއާއިން ޗައިނާގެ ދިފާއުގައި ވާހަކަދައްކައިފި

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކައި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާތީ، އުތުރު ކޮރެއާއިން އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އުތުރު ކޮރެއާގެ ރަސްމީ މީޑިއާ ކޭސީއެންއޭ އިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، ވޮޝިންޓަނުން ދަނީ ޓައިވާން ކަނޑުއޮޅީގެ މަސްލަހަތު ގަޑުބަޑުކޮށް ނުތަނަވަސްކަން އުފައްދަމުންނެވެ.

ރޮއިޓާޒްގައިވާ ގޮތުން، އުތުރު ކޮރެއާގެ ބައިނަލްއަގްވާމީ ކަންކަމާ ބެހޭ އެނަލިސްޓެއް ކަމަށްވާ ކިމް މިޔޮންގް ޗޮލްއާ ހަވާލާދީ ކޭސީއެންއޭއިން ބުނީ، އެމެރިކާގެ ސިޔާސަތުތަކުގެ ސަބަބުން އެ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރަމުންދާ ކަމަށެވެ. އަދި އެމެރިކާއިން ވިއްކި އަސްކަރީ ޖެޓްތައް ޓައިވާނުން ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ.

އުތުރު ކޮރެއާއިން އިތުރަށް އިންޒާރު ދެމުން ބުނެފައިވަނީ، ޓައިވާނުގެ ދިފާއުގައި ޗައިނާ ފަދަ ބާރުގަދަ ޤައުމަކާ ސީދާ ކުރިމަތިލުމަކަށް ދިއުމަށް އެމެރިކާ ތައްޔާރުވެފައިވޭތޯ އަދި އޭގެ ނަތީޖާއާ ކުރިމަތިލެވިދާނެތޯ ދެވަނަ ފަހަރަށް ވިސްނަންޖެހޭ ކަމަށެވެ.

މިދިޔަ ހަފްތާގައި ޓައިވާނަށް ވަނީ 2019 ވަނަ އަހަރު އޯޑަރުކުރި 66 އެފް-16ވީ (F-16V ބްލޮކް 70) މަރުކާގެ ހަނގުރާމަމަތީ ޖެޓްތަކުގެ ތެރެއިން ފުރަތަމަ ދެ ޖެޓް ލިބިފައެވެ. މިއީ ޗައިނާގެ ފަރާތުން ކުރިމަތިވަމުންދާ އަސްކަރީ ބިރުވެރިކަމާ ދެކޮޅަށް ޓައިވާނުން ހޯދި ހަތިޔާރެވެ. ޗައިނާއިން ޓައިވާނަކީ އެ ގައުމުގެ ބައެއްގެ ގޮތުގައި ދެކޭއިރު، ޓައިވާނުގެ ސަރުކާރުން ބުނަނީ ޗައިނާއަށް އެ ރަށުގެ މައްޗަށް އެއްވެސް ބާރެއް ނޯންނާނެ ކަމަށެވެ.

ފަހަކަށް އައިސް އުތުރު ކޮރެއާއިން ދަނީ ޗައިނާއާއި ރަޝިޔާއާއެކު އޮންނަ ގުޅުން ވަރުގަދަކުރަމުންނެވެ. މިގޮތުން ޖޫން މަހު ޕިޔޮންގޔަންގގައި ބޭއްވުނު ސަމިޓެއްގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަށް "ވަން ޗައިނާ" ޕޮލިސީއަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެއިތުރުން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ އުފަންދުވަހުގެ މުނާސަބަތުގައި ކިމް ފޮނުއްވި މެސެޖެއްގައި، ރަޝިޔާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް އުތުރު ކޮރެއާގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި، ރަޝިޔާގެ އިސްތިގްލާލާއި ސަލާމަތްތެރިކަން ދިފާއުކުރުމަށް ކުރާ "އަދުލުވެރި ހަނގުރާމަ" ކާމިޔާބުވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

comment ކޮމެންޓް