ޝިފާއުގެ 109 އަހަރުގެ ހުކުމުގެ އިސްތިއުނާފު ފަށައިފި، އިސް ވަކީލަކީ ސުއޫދު

ޝިފާއުގެ 109 އަހަރުގެ ހުކުމުގެ އިސްތިއުނާފު ފަށައިފި، އިސް ވަކީލަކީ ސުއޫދު --

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ މ. ހަނީސަކަލް-1، ހުސެއިން ޝިފާއުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން އުފުލި 23 ދައުވާ ސާބިތުވެ، މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 109 އަހަރަށް ޖަލަށް ލުމަށާއި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ އަޑު އެހުންތައް މިއަދު ފެށިއިރު، ޝިފާއުގެ ލީގަލް ޓީމުގެ އިސް ވަކީލަކީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުއެވެ. އަދި އިތުރު ވަކީލުން ވެސް އެ ޓީމުގައި ހިމެނެއެވެ.

މި މައްސަލަ ބަލާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ހުސެއިން މަޒީދު، ދީބާނާޒް ފަހުމީއާއި އިސްމާއީލް ޝަފީއުއެވެ.

އިސްތިއުނާފު މައްސަލަ މިއަދު ފަށައި ވަކި ހިސާބަކުން ހުއްޓާލީ، ބާކީބައި މާދަމާ ކުރިއަށް ގެންދާށެވެ. އިސްތިއުނާފު މިއަދު ފެށިއިރު، ޝިފާއު މިހާރު ހުރީ ސިއްހީ ފަރުވާއަށް ޓަކައި ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޖަލުތަކާ ބެހޭ ގާނޫނުގެ ދަށުން ޖަލުގައި ހުރެގެން ދެވެން ނެތް ފަރުވާއެއް ދިނުމަށް ޓަކައި އެއް މަސްދުވަހުގެ މުއްދަތަށް އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ސިއްހީ ހާލަތަށް ބަލައި އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަގު ޓީޓީގެ މައްސަލައަކީ، ޝިފާއު "ކިންގްޑަމް އޮފް ފްރޫޓްސް" ނަމުގައި ހިންގި ވިޔަފާރި މެދުވެރިކޮށް ބޭރުގެ ކުންފުނިތަކަށް ވަގު ޓީޓީ ފޮނުވައިގެން 123,000 އަށްވުރެ ގިނަ ޑޮލަރު (ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާ) ގެ މުދާ އެތެރެކޮށްފައިވާ ކަމަށް ސާބިތުވެފައިވެއެވެ.

މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ހިނގަމުންދަނިކޮށް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކުރިއެވެ. ނަމަވެސް އެކަން އާންމުންގެ ސަމާލުކަމަށް އައުމާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު