ހުއްދަނެތި ބޭންކިން ޚިދުމަތް ދިނުމުގެ މައްސަލައެއްގައި 4 ބިދޭސީންނާއި ދިވެއްސަކު ބަލައިފާސްކޮށްފި

މީގެ ކުރިން ހިންގި އޮޕަރޭޝަނެއްގައި ހިފެހެއްޓި ބިދޭސީއަކާއި ހޯދި ފައިސާ: ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ފިހާރައަކާއި ބިދޭސިއަކު ދިރިއުޅޭ ތަނެއް ބަލައި ފާސްކޮށްފި -- ފައިލް ފޮޓޯ/ އިމިގްރޭޝަން

ހުއްދަނެތި ބޭންކިން ޚިދުމަތް ދިނުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހަތަރު ބިދޭސީންނާއި ދިވެއްސަކު ބަލައިފާސްކޮށްފިއެވެ.

ފުލުހުން ރޭ ބުނީ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އިއްޔެ ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެއީ ހުއްދަނެތި ބޭންކިން ޚިދުމަތް ދިނުމާއި ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ އޮޕަރޭޝަނުގައި ހަތަރު ބިދޭސިއަކާއި ދިވެއްސެއްގެ އިތުރުން ފިހާރައަކާއި ބިދޭސީއަކު ދިރިއުޅޭ ތަނެއް ބަލައި ފާސްކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ ބިދޭސީންނާއި ދިވެހި މީހާއަށް ފިޔަވަޅު އެޅިތޯ ނުވަތަ ނޫންތޯ ފުލުހުން ނުބުނެއެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސަރުކާރުން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލްކުރުމަށްޓަކައި މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުން ވެސް މަނާކުރަން ނިންމައިފައެވެ.

ހުއްދަނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޓާސްކްފޯހެއް ހަދައި، މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ ނަންބަރެއް ވެސް ހަމަޖައްސައިފައެވެ.

މިދިޔަ އޮގަސްޓު މަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވިގޮތުގައި ރާއްޖޭގައި ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއް ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވެއެވެ.

https://sun.mv/227436

ހަމަ އެހެންމެ އޮގަސްޓު މަހުގެ ފަހުކޮޅުން ފެށިގެން، ގާނޫނާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ކަމަށް ބުނެ އެ ވިޔަފާރިކުރާ ބައެއް ތަންތަނުގެ ހުއްދަތައް ވެސް ހިފަހައްޓައިފައިވެއެވެ.

މިނިސްޓަރު ވަނީ، ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ކަންމަތީ ފިހާރަތައް ހުޅުވައި، އެ ތަންތަނަކީ ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ބިދޭސީން ހިންގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ވެސް މިދިޔަ މަހު ވިދާޅުވެފައެވެ.

comment ކޮމެންޓް