ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ މ. ހަނީސަކަލް-1، ހުސެއިން ޝިފާއުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުންތައް މާދަމާ ހައިކޯޓުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
ޝިފާއުގެ މައްޗަށް ދައުލަތުން އުފުލި 23 ދައުވާ ސާބިތުވެ، މިދިޔަ އަހަރުގެ ޑިސެމްބަރު 18 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 109 އަހަރަށް ޖަލަށް ލުމަށާއި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައެވެ. އެ މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފައެވެ.
އިސްތިއުނާފު މައްސަލަ މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ޝިފާއު މިހާރު ހުރީ ސިއްހީ ފަރުވާއަށްޓަކައި ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޖަލުތަކާ ބެހޭ ގާނޫނުގެ ދަށުން ޖަލުގައި ހުރެގެން ދެވެން ނެތް ފަރުވާއެއް ދިނުމަށްޓަކައި އެއް މަސްދުވަހުގެ މުއްދަތަށް އޭނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ސިއްހީ ހާލަތަށް ބަލައި އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވަގު ޓީޓީގެ މައްސަލައަކީ، ޝިފާއު "ކިންގްޑަމް އޮފް ފްރޫޓްސް" ނަމުގައި ހިންގި ވިޔަފާރި މެދުވެރިކޮށް ބޭރުގެ ކުންފުނިތަކަށް ވަގު ޓީޓީ ފޮނުވައިގެން 123,000 އަށްވުރެ ގިނަ ޑޮލަރު (ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާ) ގެ މުދާ އެތެރެކޮށްފައިވާ ކަމަށް ސާބިތުވެފައިވެއެވެ.
މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ހިނގަމުންދަނިކޮށް، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކުރިއެވެ. ނަމަވެސް އެކަން އާންމުންގެ ސަމާލުކަމަށް އައުމާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.