ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި "އޮޑިން ރަށަށް" ފެތުމުގެ ސީރީޒްގެ ފުރަތަމަ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލައިފި
ސްވިމް މޯލްޑިވްސް އިން ރާވައި، "އެސްއެމްއީ ޑިޖިޓަލް" ގެ ޓައިޓަލް ސްޕޮންސަރޝިޕްގެ ދަށުން ބޭއްވި "އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" ސީރީޒްގެ ފުރަތަމަ ހަރަކާތް ވިލިމާލޭގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ އޯޕަން ވޯޓަރ ފެތުމުގެ ސީރީޒްއެވެ. ވިލިމާލޭގައި ކުރިއަށްދިޔަ މި ހަރަކާތުގައި 25 ޓީމެއްގެ އިތުރުން އަމިއްލަ ގޮތުން 50 ފެތުންތެރިން ބައިވެރިވެފައިވެއެވެ. ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިތާ އެންމެ 24 ގަޑިއިރުގެ ތެރޭގައި ހުރިހާ ޖާގައެއް ވަނީ ފުރިފައެވެ.
ވިލިމާލޭގައި ބޭއްވި ""އޮޑިން ރަށަށް" ފެތުމުގެ ސީރީޒްގެ ފުރަތަމަ އިވެންޓުގެ ތެރެއިން-- ފޮޓޯ: ސްވިމް މޯލްޑިވްސް"އޮޑިން ރަށަށް" މި ހަރަކާތަކީ ދިވެހިންނާއި ކަނޑުފަޅާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އައު ބާވަތެއްގެ ފެތުމުގެ މުބާރާތެކެވެ. މުބާރާތުގެ ބައިވެރިން ފަތަން ފަށަނީ ރަށުގެ ފަޅުން ބޭރުގައި އޮންނަ އޮޑިއަކުން ކަނޑަށް ފުންމާލައިގެންނެވެ. އަދި އެ ދިމާއިން ފެށިގެން ރަށުގެ ގޮނޑުދޮށާ ހަމައަށް ގާތްގަނޑަކަށް 500 މީޓަރުގެ ރާސްތާއެއް ފަތަންޖެހެއެވެ.
މިއީ ރާއްޖޭގެ ރަށްރަށުގައި ބަނދަރާއި ފާލަން ތަރައްގީ ކުރުމުގެ ކުރިން، އޮޑިދޯނިފަހަރު ރަށާ ދުރުގައި ލަފަންޖެހުމުން ރަށަށް އަރަން މީހުން ފަތާފައި ދިޔަ މާޒީގެ ސަގާފަތާއި އާދަކާދަ އަލުން އާލާކޮށްދޭ ތަޖުރިބާއެކެވެ.
ވިލިމާލޭގައި ބޭއްވި ""އޮޑިން ރަށަށް" ފެތުމުގެ ސީރީޒްގެ ފުރަތަމަ އިވެންޓުގެ ތެރެއިން-- ފޮޓޯ: ސްވިމް މޯލްޑިވްސްސްވިމް މޯލްޑިވްސްގެ މަގުސަދަކީ މި ހަރަކާތުގެ ޒަރީއާއިން، ދިވެހިންގެ މާޒީއާއި ރަށްފުށުގެ ދިރިއުޅުމުގެ ސަގާފަތާ މިހާރުގެ ޖީލު އަލުން ގުޅުވައިދިނުމެވެ.
މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އުތުރުން ދެކުނަށް މުޅި ރާއްޖެއަށް މި ސީރީޒް ފުޅާކުރުމެވެ. އެސްއެމްއީ ޑިޖިޓަލުން މި ހަރަކާތުގެ ޓައިޓަލް ސްޕޮންސަޝިޕް ނެގި މައިގަނޑު ބޭނުމަކީ، މުޅި ރާއްޖޭގެ އެކި މުޖުތަމައުތަކާ ދެމެދު ބަދަހި ގުޅުމެއް އުފެއްދުމަށް އެ ކުންފުނިން ދޭ އިސްކަން ހާމަކޮށްދިނުން ކަމަށް ބުނެއެވެ.
މީގެ އިތުރުން، އެކި ރަށްރަށުގައި މި އިވެންޓް ބޭއްވުމުން ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތައް އެއްވެ، ރަށުގެ ވިޔަފާރިތަކަށް އެހީތެރިކަން ލިބި، އިގްތިސާދީ ދިރުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.
"އެސްއެމްއީ ޑިޖިޓަލް އޮޑިން ރަށަށް" ސީރީޒްގެ ދެވަނަ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 27 ވަނަ ދުވަހު ކ. ގުރައިދޫގައެވެ. މި މުބާރާތަށްވެސް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާތަނަށް އަމިއްލަ ގޮތުން 50 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.