އެފްޑީސީ ފުލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ

އެފްޑީސީ ފުލެޓުތަކެއް: އެފްޑީސީ ފުލެޓުތަކުގައި ރައްކާތެރިކަން އިތުރުކުރުމަށް، ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަކުރުމުގެ މަސައްކަތް ދަނީ ކުރަމުން -- ފޮޓޯ/ އެފްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރަކުން މިއަދު މީހަކު ވެއްޓި، މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އުދަރެސް އަށެއް ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓާ ގުޅިގެން އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އެ ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ވެއްޓިފައިވާ ކަމަށް ބެލެވެނީ އެ އިމާރާތުގެ 15 ވަނަ ފަންގިފިލާއިން ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ފިރިހެން މީހާ ވެއްޓި ބޯ ޖެހުނު ގޮތަށް ވަނީ މަރުވެފައެވެ. އޭނާގެ ބޮލަށް އިންތިހާއަށް ބޮޑަށް ޒަޚަމުތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

https://sun.mv/228232

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓަވަރުތަކުން ކުޑަ ދެ ކުދިން ވެއްޓުނު ދެ ހާދިސާއެއް ދާދި ފަހުން ވަނީ ހިނގައިފައެވެ. އެގޮތުން އޯގަސްޓު މަހުގެ 31ގައި، އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓި އަނިޔާވެފައެވެ. އޭގެ ޖެހިގެން އައި ދުވަހު، ސްޓެލްކޯ ފުލެޓަކުން ދެ އަހަރުގެ އަންހެން ކުއްޖަކު ވެއްޓި ވަނީ މަރުވެފައެވެ.

އެ ހާދިސާތަކާ ގުޅިގެން، އެފްޑީސީގެ ފުލެޓުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް، ކުޑަދޮރުތައް ހުޅުވޭ މިންވަރު ކުޑަ ކުރުމުގެ މަސައްކަތްތައް މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނިން ފެށިއެވެ. އަދި ފުލެޓުތަކުގެ ޔުޓިލިތީ ބެލްކަނިތައް އުސޫލާ އެއްގޮތަށް ބަދަލުކުރަން މަސް ދުވަހުގެ މުއްދަތެއް، މިދިޔަ މަހުގެ 28ގައި އެ ކޯޕަރޭޝަނުން ވަނީ ދީފައެވެ.

comment ކޮމެންޓް