ލަންޑަން (06 އޮކްޓޯބަރު 2026) : ފަލަސްތީނުގެ ބިމަކީ ރައްޔިތަކު ނޫޅޭ ބިމެއްކަމަށް ބުނެ، އެބިމުގައި އިސްރާއީލުގެ ނަމުގައި ޔަހޫދީންނަށް ޚާއްސަ އެންޓިޓީއެއް އުފެއްދުމަށް ވަކާލާތުކޮށް ޔަހޫދީންނަކީ ގާނޫނުން މަތީގައި އުޅެންޖެހޭ "ގޯޑް ޗޫސެން ޕީޕަލް" ކަމަށް ދައުވާކުރާ ޒަޔަނިޒަމްއަކީ ނަސްލީ އިމްތިޔާޒުގެ ވައްތަރެއް ކަމަށް އިނގިރޭސިވިލާތުގެ ގްރީން ޕާޓީ (ގްރީން ޕާޓީ އޮފް އިންގްލެންޑް އެންޑް ވޭލްޒް) އިން ކަނޑައަޅައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު އިނގިރޭސިވިލާތުގައި ބޭއްވި ގްރީން ޕާޓީގެ ކޮންވެންޝަންގައި އެޕާޓީގެ މަންދޫބުން ޒަޔަނިޒަމް އާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ބުނެފައިވަނީ ޒަޔަނިޒަމްއަކީ ވަރަށް ނުރައްކާތެރި އިސްތިއުމާރީ ހަރަކާތެއްކަމަށާ އަދި އޭގެއިތުރުން ޒަޔަނިޒަމްގެ ނެރެޓިވް އަކީ ނަސްލީ ތަފާތުކުރުން ނުވަތަ ނަސްލީ އިމްތިޔާޒުގެ ވައްތަރެއް ކަމުގައެވެ. މިކަމުގެ އެއްސަބަބަކީ ޔަހޫދީންނަކީ "ގޯޑް ޗޫސެން ޕީޕަލް" ނުވަތަ އެއީ އެހެން ނަސްލުތަކުގެ މައްޗަށް މާތް ﷲ އިޚްތިޔާރު ކުރައްވާ މާމަތީ ނަސްލެއްކަމަށް އެ ހަރަކާތުން ވަކާލާތު ކުރުމާއެކު އެހެން މީހުންގެ މައްޗަށް ހިނގާ ގާނޫނާއި ގަވައިދު، ޔަހޫދީންގެ މައްޗަށް ނުހިނގާނެކަމަށް އެމީހުން ދެކޭ ދެކުމެވެ.
މީގެއިތުރުން ޒަޔަނިޒަމްގެ އަމަލުތައް ހުރީވެސް މިގޮތަށްކަން ގްރީން ޕާޓީގެ ކޮންވެންޝަންގައި ވަނީ ފާހަގަކޮށްފައެވެ. ޔަހޫދީންގެ ތެރެއިންވެސް ބައެއް މީހުންނަކީ ޒަޔަނިޒަމް އާ އިދިކޮޅު މީހުންނެވެ. އަދި ޒަޔަނިޒަމް އަކީ ޔަހޫދީންނަށް އޮތް ލަދު ހުތުރެއްކަމަށާ ޒަޔަނިޒަމް ހަރަކާތް އުފެއްދި ޔަހޫދީންނަކީ ޔަހޫދީ ދީނާ ގުޅުންނެތް ލާދީނީ ސެކިއުލަރިސްޓުން ކަމަށްވެސް ބައެއް ޔަހޫދީން ސިފަކުރެއެވެ.
އިނގިރޭސިވިލާތުގެ ގްރީން ޕާޓީގެ މަހާސިންތާގައި އެޕާޓީގެ މަންދޫބުންވަނީ ޒަޔަނިޒަމްގެ ސަބަބުން ފަލަސްޠީނުގެ ބިން ފަލަސްތީނުގެ ރައްޔިތުންނަށް ގެއްލިގެން ގޮސްފައިވާކަން ފާހަގަކޮށްފައެވެ. އަދި ޒަޔަނިޒަމްއަކީ އިސްތިއުމާރީ ފިކުރެއްކަމަށްވެސް ނިންމާފައިވެއެވެ. ޒަޔަނިޒަމްގެ ސަބަބުން ފަލަސްތީނުގެ ދައުލަތެއް ފަލަސްތީނުގެ ބިމުގައި އުފެއްދުމަށް ހުރަސްއެޅިފައިވާ ކަމާއި ޒަޔަނިޒަމްގެ އަމާޒަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކުރުން ނޫނީ އެބިން ދޫކޮށް ދިޔުން މަޖުބޫރު ކުރުންކަމަށް ބަޔާންކޮށް ވަނީ ގަރާރެއް ފާސްކޮށްފައެވެ. މިގަރާރުގައި ޒަޔަނިޒަމްއަކީ ނަސްލީ އިމްތިޔާޒުގެ ވައްތަރެއްކަމަށް ސާފުކޮށް ބުނެފައިވެއެވެ.
މި ގަރާރު ފާސްކޮށްފައިވަނީ ގްރީން ޕާޓީގެ މަންދޫބުންގެ އަޣްލަބިއްޔަތަކުންނެވެ. މިގަރާރު އާ އިދިކޮޅު މަންދޫބުން މިއާ އިދިކޮޅަށް ވޯޓު ދެއްވިއެވެ. ގްރީން ޕާޓީގެ ކޮންވެންޝަން އިން ފާސްކުރި ގަރާރު ބުނާގޮތުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި ގެދޮރު ތަޅާލުމާއި މުދާ ފޭރިގަތުމާއި ފަލަސްތީނުގެ މިނިވަންކަމާއި ފަލަސްތީނަށް ދައުލަތެއް ހައްގު ނުވާކަމަށް އިންކާރު ކުރުންފަދަ ލާއިންސާނީ ޖަރީމާތަކަކީ ޒަޔަނިޒަމްގެ ނަތީޖާ ކަމުގައެވެ.
މިގަރާރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގްރީން ޕާޓީގެ ލީޑަރު ޒެކް ޕޮލަންސްކީ ވިދާޅުވިގޮތުގައި ޒަޔަނިޒަމްއަކީ ފަލަސްތީނުގެ ރައްޔިތުންގެ މިނިވަންކަމާއި އިސްތިގްލާލަށް އިއުތިރާފްނުވެ ފަލަސްތީނު މީހުން އެ މީހުންގެ ވަޒަނުން ބޭރުކޮށް ގެދޮރު ތަޅާލުންފަދަ ޖަރީމާތައް ހިންގުންކަމަށްވާނަމަ އެއީ ނަސްލީ ތަފާތުކުރުން ކަމުގައެވެ. އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއްގެ ވެރިއެއްގެ ގޮތުގައި ހުރި ޔަހޫދީ ލީޑަރެއްގެ ހައިސިއްޔަތުން ކަމަށް ވެސް ޕޮލަންސްކީ ވިދާޅުވެފައިވެއެވެ. ގްރީން ޕާޓީގެ މި ނިންމުމާ ގުޅިގެން އިސްރާއީލު ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެފައެވެ.
ޒެކް ޕޮލަންސްކީ އަކީ ޒަޔަނިޒަމް އާ އިދިކޮޅު އަދި ފަލަސްތީނުގެ ހައްގުތަކަށް ގޮވާލާ ޔަހޫދީ އެކެވެ. އދ. ގެ ޖެނެރަލް އެސެމްބްލީންވެސް ވަނީ ޒަޔަނިޒަމް އަކީ ނަސްލީ އިމްތިޔާޒުގެ ވައްތަރެއްކަމަށް 1970 ގެ އަހަރުތަކުގެ ކުރީކޮޅު ކަނޑައަޅައިފައެވެ. ނަމަވެސް އެމެރިކާގެ ބާރާއި ނުފޫޒުގައި 1990 ގެ އަހަރުތަކުގައި އެގަރާރުވަނީ އުވާލައިފައެވެ.