ޗައިނާގެ މަގުމަތީގައި ކުނި ހޮވައިގެން ދިރިއުޅެމުންދިޔަ އުމުރުން 71 އަހަރުގެ މީހެއްގެ ޕެންޝަން އެކައުންޓުގައި 420،000 އަށް ވުރެ ގިނަ ޔުއާން ހުރިކަން އެނގި، އެ ފައިސާ އޭނާއާ ހަވާލުކޮށްފިއެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރޫ ނަމަކަށް ކިޔާ މި މީހާއަށް މި ފައިސާ ލިބިފައިވަނީ އޭނާގެ ޕެންޝަން އެކައުންޓުގައި ފައިސާ ހުރިކަން ނޭނގި 21 އަހަރު ވަންދެން މަގުމަތީގައި ދިރިއުޅެމުން ދަނިކޮށެވެ.
މި ފައިސާ ފެނިފައިވަނީ ހުނާން ޕްރޮވިންސްގެ ޗަންގްޑޭގައި އިޖުތިމާއީ އެހީތެރިން ކުރިއަށްގެންދިޔަ ރޫޓީން ވެލްފެއާ ޗެކެއްގެ ތެރެއިންނެވެ. ފަޅު އިމާރާތެއްގައި ދިރިއުޅެމުންދިޔަ ރޫ، ވަގުތީ ހިޔާއަކަށް ބަދަލުވުމަށް އެހީތެރިން ވަނީ ބާރުއަޅާފައެވެ. އޭނާގެ މައުލޫމާތުތައް ބެލިބެލުމުން، ދައުލަތުގެ ފިހާރައެއްގައި 30 އަހަރު ވަންދެން އޭނާ މަސައްކަތްކޮށްފައިވާކަން އެނގުނެވެ. އެހެންކަމުން، 2015 ވަނަ އަހަރުން ފެށިގެން އޭނާއަށް ޕެންޝަން ލިބުމުގެ ހައްގު އޮތްކަން އޮފިޝަލުންނަށް ފާހަގަކުރެވުނެވެ.

އޭނާއަށް މަހެއްގެ މައްޗަށް ލިބެންޖެހޭ 3،700 ޔުއާން ވަނީ ނުނަގައި ގާތްގަނޑަކަށް ދިހަ އަހަރު ވަންދެން އެކައުންޓުގައި ޖަމާވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން، 2000 ގެ އަހަރުތަކުގެ ކުރީކޮޅު ވަޒީފާއިން ވަކިކުރުމުން ލިބުނު ބަދަލުގެ ފައިސާ އޭނާ ވަނީ ބޭކާރު ގޮތުގައި ހަރަދުކޮށްފައެވެ. އޭގެ ފަހުން ދަރަނިވެރިވެ، އާއިލާއާ މައްސަލަ ޖެހުމުގެ ސަބަބުން އޭނާ ފެށީ ކުނި ހޮވުމުގެ މަސައްކަތެވެ.
ރޫ ބުނި ގޮތުގައި، އޭނާއަށް ޕެންޝަން ލިބޭނެކަން ކުރިން އެނގިފައެއް ނުވެއެވެ. އަދި އޭނާގެ މުސާރައިން ކަނޑާފައިވާ ފައިސާއިން މުސްތަގުބަލު ކަށަވަރުވެފައިވާކަން ވެސް އޭނާއަށް ނޭނގޭ ކަމަށް ރޫ ބުންޏެވެ.
ބޭންކް ކާޑާ ހަވާލުވުމަށްފަހު ރޮމުން މީޑިއާއަށް މައުލޫމާތު ދެމުން ރޫ ބުނީ، މިއީ އޭނާ ދުވަހަކުވެސް އުންމީދުކުރި ކަމެއް ނޫން ކަމަށާއި، މިކަމާ ވަރަށް އުފާކުރާ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ލިބުނު އެހީތެރިކަމަށް އޭނާ ވަނީ ޝުކުރުއަދާކޮށްފައެވެ.
ފައިސާ ލިބުމާއެކު، ޓެލެކޮމިއުނިކޭޝަން ސްކޭމްތަކަށް ސަމާލުވުމަށް އޮފިޝަލުން ވަނީ އޭނާއަށް އިންޒާރުދީފައެވެ. މިހާރު ރޫ ނިންމާފައިވަނީ ލިބުނު 424،204 ޔުއާން ބޭނުންކޮށްގެން އެޕާޓްމަންޓެއް ކުއްޔަށް ހިފައި، އޭނާގެ އުފަން ރަށަށް ޒިޔާރަތްކުރުމަށެވެ.