ރާއްޖެއަށް ކުރި ހަނީމޫން ދަތުރުގެ ޚަރަދު ބައްޕަ ލައްވައި ކުރުވި މައްސަލައެއް އިންޑިއާގެ ފުލުހުންނަށް ހުށަހަޅައިފި

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އިންޑިއާގައި ބޭއްވި އެއްވުމެއްގައި އަންހެނުންތަކެއް ބައިވެރިވެ---

އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ އަހުމަދުއާބާދުގައި އައިޓީ ދާއިރާގައި މަސައްކަތްކުރާ 32 އަހަރުގެ އަންހެނަކު، އޭނާގެ ފިރިމީހާއާއި ފިރިމީހާގެ އާއިލާއިން ޑައުވްރީ (ކައިވެނީގެ ހަދިޔާ) އަށް އެދި ގޯނާކުރި ކަމަށް ބުނެ ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އަހުމަދުއާބާދުގެ ވެސްޓް ވިމެންސް ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވާ ގޮތުން، 2021 ވަނަ އަހަރު ކުރި ކައިވެންޏަށް ފަހު، 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ކުރި ހަނީމޫން ދަތުރުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ އަންހެން މީހާގެ ބައްޕައެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ދުބާއީއަށް އަދި 2023 ވަނަ އަހަރު ހޮންގްކޮންގް އަދި ގޯއާއަށް ކުރި ދަތުރުތަކުގެ ޚަރަދުތަކުގެ ދެބައިކުޅަ އެއްބައި ދިނުމަށް ފިރިމީހާ އޭނާއަށް މަޖުބޫރުކުރި ކަމަށް ވެސް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.

އައިޓީ ކުންފުންޏެއްގައި ވަޒީފާއަދާކުރާ މި އަންހެން މީހާ ބުނި ގޮތުގައި، އޭނާގެ މުސާރަ ފިރިމީހާއާ ހަވާލުކުރުމަށް މަޖުބޫރުކުރުމުގެ އިތުރުން، ޑައުވްރީގެ ގޮތުގައި އެޕަލް ފޯނަކާއި އޭސީއެއް އޭނާގެ ބައްޕަ އަތުން ހޯދާފައިވެއެވެ.

މި މައްސަލައިގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ދަރިމައިވުމުގެ ފަރުވާ ހޯދުމާ ގުޅޭގޮތުން ދެމަފިރިންގެ ދެމެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި، އޭނާގެ ސިއްހީ ރިޕޯޓުތައް ރަނގަޅު ނަމަވެސް، ފިރިމީހާ ވަނީ އައިވީއެފް ހެދުމަށް ދެކޮޅުހަދައި، އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކޮށްފައެވެ. އަދި ފިރިމީހާގެ އާއިލާއިން ވެސް މިކަމުގައި ބައިވެރިވެ، އޭނާއަށް އެކި ގޮތްގޮތުން ދުއްތުރާކޮށްފައިވާ ކަމަށް އަންހެން މީހާ ބުނެފައިވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން އަހުމަދުއާބާދުގެ ފުލުހުން މިހާރު ވަނީ މައްސަލަ ރަޖިސްޓަރީކޮށް، ތަހުގީގު ފަށާފައެވެ. ނަމަވެސް، މި މައްސަލައިގައި އަންހެން މީހާ ކޮށްފައިވާ ތުހުމަތުތައް މިހާތަނަށް މިނިވަން ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.

comment ކޮމެންޓް