ނުހައްގު މުއްސަނދިކަމާއި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދި ނަމަވެސް، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ވެފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިއަދު ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި، ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމާ ގުޅޭ ބިލުގެ އިބުތިދާއީ ބަހުސްގައެވެ.
މައުރޫފް ވިދާޅުވީ ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ހުށަހަޅާފައިވާ ބިލަކީ މުހިންމު އަދި އެއްވެސް މެންބަރަކު ދެކޮޅު ނުހަދާނެ ބިލެއް ކަމަށެވެ. އެހެން ނަމަވެސް، މަޖިލީހުގެ ބަހުސްތަކުން ފެންނަނީ ހެޔޮ ނިޔަތެއްގައި ނުވަތަ ރަނގަޅު މަގުސަދެއްގައި ބަހުސް ކުރުމުގެ ބަދަލުގައި އެހެން ނިޔަތެއްގައި ވާހަކަ ދައްކަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނެސް ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ތެރެއިން ވެސް އެފަދަ ވިޔަފާރިތަކުން ހޯދާ ނުހައްގު މުއްސަނދިކަން ނެގޭ ގޮތަށް ގާނޫނުތައް ފާސްކުރިކަން މައުރޫފް ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެ ހުރިހާ ގާނޫނެއް ފާސްކޮށްފައި އޮތް ނަމަވެސް، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާ ނެންގެވުމުން ގާނޫނުތަކުގެ ބޭނުން ކެނޑޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ގާނޫނުއަސާސީގެ 40 ވަނަ މާއްދާގައި ކޮންމެ ރައްޔިތަކަށް ވެސް މުދާ ހޯދުމާއި ގެންގުޅުމުގެ ހައްގު ލިބިދީފައިވާކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މީހަކު ކުރި ކުށެއްގެ ބަދަލުގައި މުދާ ދައުލަތަށް ހިފުމަކީ މަނާ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް މިހާރު ހުށަހެޅިފައިވާ ބިލުގެ 74 ވަނަ މާއްދާގައި ކުށެއް ސާބިތުނުވާ ހާލަތްތަކުގައި ވެސް މުދާ ނެގޭ ގޮތަށް އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފަނޑިޔާރުގެތަކާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ފުލުހުންގެ މުއައްސަސާގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ނަންގަވައިގެން ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދެއްކުމުން އޭގެ ހަގީގީ މަގުސަދު ހާސިލުނުވާނެ ކަމަށެވެ.
މައުރޫފް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ވެސް މިފަދަ ކަންކަން ކުރަން އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދިކަމަށާއި އެހެން ނަމަވެސްއެކަމުން ރައްޔިތަކަށް ލިބުނު ފައިދާއެއް ނުފެނުނުކަމަށެވެ.
"އަޅުގަނޑުމެންގެ ނިިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި. އެހެން ނަމަވެސް އޭގެން ރައްޔިތަކަށް ލިބުނު ފައިދާއެއް ނުފެނުނު،" މަޓޭ ވިދާޅުވިއެވެ.
ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އިޖުރާއަތުތައް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި، މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތައް ނެގުމުގެ އުސޫލުތަކާއި އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ހިމަނާފައިވެއެވެ.
އެ ބިލުގައި ވަނީ، ދައުލަތުން ހިފަހައްޓާ މުދާ ބެލެހެއްޓުމާއި އެ މުދާ ބޭނުންކުރުމާއި، އެކަމާ ގުޅޭ ކަންކަން ކުރާނީ އެސެޓް މެނޭޖްމެންޓް އޮތޯރިޓީން ކަމަށެވެ. އެ އޮތޯރިޓީ އުފައްދަވާނީ ރައީސް ކަމަށާއި އެ އިދާރާ ހިނގާނީ މާލިއްޔަތާ ބެހޭ ވުޒާރާގެ ދަށުން ކަމަށް ވެސް ބިލުގައިވެއެވެ.
ބިލުގައި ވަނީ އެސެޓް މެނޭޖްމެންޓް އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި މަސައްކަތް ކުރަންވާނީ މިނިވަންކަމާއެކު ސިޔާސީ ނުފޫޒުން ނުވަތަ އެ ނޫން ވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެގެން ކަމަށެވެ.
އެ ބިލުގައި ވަނީ، ރިސްޓްރެއިންޓް އަމުރެއް ނުވަތަ ސިވިލް ރިސްޓްރެއިންޓް އަމުރެއް މެދުވެރިކޮށް ހިފެހެއްޓޭ މުދަލަކީ ވަކި ބާވަތެއްގެ މުދަލެއް ކަމަށްވާނަމަ، އެ މުދަލެއް ވިއްކާލުމަށް ހައިކޯޓުން އަމުރުކުރެވިދާނެ ކަމަށެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައީސް ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަހުޤީގު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހްޤީގު ކުރުމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން އުފެއްދެވި ކޮމިޝަނެކެވެ. ނަމަވެސް، އެ ކޮމިޝަން 2022ގައި އުވާލެއްވިއިރު ވެސް، ގެއްލިފައިވާ ފައިސާ ހޯދުމުގައި އެދެވޭ ނަތީޖާއެއް ހޯދިފައިނުވެއެވެ.