ސަން ޕޯލް: 88 ޕަސެންޓް މީހުން ބުނީ ޕާޓީތަކަށް ފައިސާ ދޭން ނުޖެހޭ ކަމަށް

ސިޔާސީ ޕާޓީގެ ދަފުތަރަށް ޝަކުވާ ހުށަހަޅާ ފޯމެއް: -- ފޮޓޯ/ އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމާ ދެކޮޅަށް އާންމުންގެ ބޮޑު އަގުލަބިއްޔަތެއް އޮތްކަން ސަން އޮންލައިނުން ކުރިއަށްގެންދިޔަ ޕޯލަކުން ދައްކައިފިއެވެ.

"ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭތަ؟" މި ސުވާލުގެ މައްޗަށް އިއްޔެގެ ނިޔަލަށް ހަފުތާއަކަށް ކުރިއަށްގެންދިޔަ ޕޯލްގެ ނަތީޖާ ދައްކާ ގޮތުން، ޕޯލްގައި ބައިވެރިވި މީހުންގެ 88.2 ޕަސެންޓް މީހުން ވަނީ ޕާޓީތަކަށް ފައިސާ ދޭން ނުޖެހޭ ކަމަށް ވޯޓު ދީފައެވެ. ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޭން ޖެހޭނެ ކަމަށް ބުނެފައިވަނީ އެންމެ 11.8 ޕަސެންޓް މީހުންނެވެ.

https://www.sun.mv/polls/12/results

މި ޕޯލަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޕާޓީތަކުގެ ދައުރާއި، އެ ޕާޓީތަކަށް ދައުލަތުން ކުރާ ހޭދައާ މެދު އާންމުންގެ މެދުގައި ބަހުސްކުރެވެމުންދާ ދަނޑިވަޅެއްގައި ކުރިއަށްގެންދިޔަ ޕޯލެކެވެ. މި ޕޯލްގައި ގިނަ ބަޔަކު ވަނީ ޕާޓީތަކަށް ފައިސާ ދިނުމާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ 0.1 އިންސައްތަ ސިޔާސީ ޕާޓީތައް ހިންގުމަށް ދޫކުރަން ޖެހެއެވެ. މި ފައިސާ ދޫކުރަނީ އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުގައި 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތަކަށް އެކަންޏެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ފަސް ޕާޓީއަކަށް ޖުމްލަ 27.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރާތީ، އެކަމާ މެދު މީޑިއާތަކުގައާއި އާންމުންގެ މެދުގައި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް، ފައިސާ ލިބޭ އަދަދު އިތުރުކުރުމަށާއި 10،000 މެންބަރުން ހަމަކުރުމަށްޓަކައި އާންމުންނަށް ނޭނގި ސައްހަ ނޫން ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މީހުން ވައްދާ ކަމުގެ މައްސަލަތައް ވަނީ ބޮޑުވެފައެވެ. މީހުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކުރުމާއި، ވަގު ސޮއިކޮށްގެން ފޯމު ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި، އެ އިދާރާތަކުން އަންނަނީ ތަހުގީގުކުރަމުންނެވެ. އޮޅުވާލައިގެން ޕާޓީތަކަށް މީހުން ވެއްދުމުގެ ސަބަބުން، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެވޭ ކަމަށް ބައެއް އާންމުން ވަނީ ތުހުމަތުކޮށްފައެވެ. މީގެ އިތުރުން، ޕާޓީތަކުން ހިންގާ ހަރަކާތްތަކާ އަޅާބަލާއިރު ދައުލަތުން ދޭ ފައިސާގެ ބޭނުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިފޭ ކަމަށްވެސް ބައެއް އާންމުން ފާހަގަކުރެއެވެ.

މި މައްސަލަތަކާ ގުޅިގެން، ދައުލަތުގެ ފައިސާ ޕާޓީތަކަށް ދިނުމުގެ ނިޒާމު މުރާޖައާކުރަން ޖެހޭ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ފައިސާ ދޫކުރާ އުސޫލުތައް ހަރުކަށިކުރުމަށާއި، ސައްހަ ނޫން ފޯމު ހުށަހަޅާ ޕާޓީތަކާ މެދު ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ހުށަހަޅުއްވާފައެވެ.

comment ކޮމެންޓް