ދެ ސައިކަލު ޖެހި އެކަކަށް އަނިޔާތަކެއް؛ އެއް ސައިކަލު ދުއްވީ ލައިސެންސް ނެތް ބިދޭސީއެއް

ބާޒާރުމަތި: އެ ސަރަހައްދުގައި ދެ ސައިކަލު ވަނީ އެކްސިޑެންޓުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ރޭ ދެ ސައިކަލު ޖެހި، ދިވެހި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ދިން މައުލޫމާތުގައި ވާގޮތުން، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 22:14 އެހައިކަންހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ އެއް ސައިކަލު ދުއްވަން އިން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށްކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށާއި، އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://sun.mv/225355

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވެފައިވާއިރު، އެކްސިޑެންޓުތައް އެންމެ ގިނައީ މާލޭގައެވެ. އެގޮތުން، މާލެއާއި ސިނަމާލެ ބުރިޖްގައި ދުވާލެއްގެ މައްޗަށް ހަތް އެކްސިޑެންޓް ހިނގާ ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް