"ތިބާގެ ހިތް ޝުކުރުވެރި ނުވާ ހާލުގައި ﷲތައާލާގެ ވަހީ ބަސްފުޅު ހަނދާންކުރާށެވެ. އަންނަހުލު ސޫރަތުގެ އަށާރަވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ "وَإِن تَعُدُّوا نِعْمَةَ ٱللَّهِ لَا تُحْصُوهَاۗ މާނައަކީ ތިޔަބައިމީހުން ﷲގެ ނިއުމަތް ހިމަނާ އަދަދު ކުރަން އުޅުނަސް ތިޔަބައިމީހުންނަށް އެ ނިއުމަތްތައް ހިމަނާ އަދަދެއް ނުކުރެވޭނެއެވެ."

***

"ނޫން...ނޫން....." ހާލާ ވިދާޅުވިއެވެ. "ނޫން...ޒާއިމް އަޅުގަނޑު ދޫކޮށްފައެއް ނުދާނެ......"

"އަމިއްލަ ދެލޮލުން ދެކުނިން ޒާއިމް ބިމަށް ވެއްޓުނު ތަން..އަހަރެންވެސް ސަލާމަތްވީ ހަމަ ކިރިޔާ ހާލާ....ދެމީހުން އެކީ ހަގުރާމަކުރަމުން ދިޔައީ....ހާލާ.އެމީހުންގެ ލަޝްކަރު ބިޔަ..ހަމަ ހިފަހައްޓާލެވޭވަރު ނުވީ އެހެންވެ......" އާލަމް ވިދާޅުވިއެވެ. "އެމީހުން ޒާއިމްގެ ހަށިކޮޅުވެސް ގެންގޮސްފި..އަހަރެމެންނަށް އެކަންވެސް މަނާކުރެވޭނެގޮތެއްނުވި...ޒާއިމް....އަބަދަށްޓަކާ ވަކިވީ........"

ހާލާގެ ދުނިޔެ އެނބުރިގަތެވެ. ހިތްޕުޅަށް ބަރުދާސްތު ނުކުރެވޭ ފުން އަސަރާއި ކެކުޅުމަށް ކެތްނުކުރެވިގެން އެކަމަނާގެ ދެލޯފުޅަށް ފުސްވެ ޚަބަރު ހުސްވެގެން ވެއްޓިވަޑައިގެންނެވީ އާލަމްގެ އަތްދަނޑި މައްޗަށެވެ.

***

ރޮޑްރިގޯ ނުހަނު ބާރު ފިޔަވަޅުތަކެއްގައި ގަނޑުވަރުގެ ބޮޑު ކޮޓަރިއަށް ވަދެ ވަޑައިގެންނެވިއިރު މޫނުފުޅުމަތިން ފެންނަނީ ނުރުހުމާއި ކަންބޮޑުވުމުގެ ކުލަވަރެކެވެ. އެކޮޓަރީގައި އިންނެވި އަނބިކަބަލުންނަށްވެސް ކޮންމެވެސް ގޯހެއް ހިނގައިފިކަން އެނގިވަޑައިގަތެވެ.

"ރޮޑްރިގޯ... ކިހިނެއްވީތޯ؟ ހަނގުރާމައިގެ ޚަބަރަކީ ކޮބާތޯ؟" މާގްރެޓް ސުވާލުކުރެއްވިއެވެ.

"އަހަރެމެން މުސްލިމުންގެ ލަޝްކަރު ބަލިކޮށްފިން. އަދި އެމީހުންގެ އަމީރު ޒާއިމް ވަނީ ހައްޔަރުކުރެވިފައި........" ރޮޑްރިގޯ ގޮނޑިކޮޅުގައ އިށީދެ ވަޑައިގަތެވެ."ނަމަވެސް...ހަގީގީ އުފާވެރިކަމެއް ނުލިބުނު.. އަހަރެން ކަންބޮޑުވަނީ އެހެން ކަމަކާއި ހެދި. އަހަރެމެންގެ ދަރިފުޅު އޮލީވިއާގެ އުޅުން ހުރި ގޮތުން....."

"އޮލީވިއާ؟ އޭނާއަށް ކިހިނެއްވީ؟" މާގްރެޓްގެ މޫނުފުޅުގެ ކުލަވަރު ބަދަލުވިއެވެ.

"އޭނާ ވަނީ އެ މުސްލިމް އަމީރުއާއި ހެދި މޮޔަވެފައި.... ޒާއިމްގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ކުރުމަށް އޮލީވިއާ ހުރަސްއެޅި. އަދި އޭނާ ހައްޔަރުކޮށްގެން އެ ގެނައީ ޖަލަކަށް ނޫން... ގަނޑުވަރުގެ އެންމެ އެކަހެރި ޝާހީ ކޮޓަރިއަށް....." ރޮޑްރިގޯ ކޯފާއިސްވެ މޭޒުމަތީގައި އަތްޕުޅުން ޖެއްސެވިއެވެ. "އަހަރެމެންގެ ދުޝްމަނަކަށްޓަކައި އޮލީވިއާގެ ހިތުގައި އެފަދަ ޖަޒުބާތެއް އުފެދުމަކީ އަހަރެމެންނަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަން....."

މާގްރެޓްގެ ކޮޅަށް ތެދުވެވަޑައިގަތެވެ. "މަނިކުފާނު ތި ވިދާޅުވީ ރަގަޅަށް..މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން.....އަޅުގަނޑު ހަމަ މިހާރު އޮލީވިއާއާ ވާހަކަދައްކާނަން...އެކުއްޖާ ޖެހޭނީ އެ އަމީރު މަތިން ހަނދާން ނައްތާލާނަން...ނޫނީ އަޅުގަނޑުގެ ދެއަތުން އަމީރު ކަތިލާނަން...."

މާގްރެޓް ސީދާ ވަޑައިގަތީ އޮލީވިއާގެ ކޮޓަރިކޮޅަށެވެ. ތުނި ސަދުވާ ދަމާލާފައިވާ އެނދުކޮޅުގައި އޮށޯވެވަޑައިގެން ބާލީސްކޮޅު މޭގައި ޖައްސަވާލައްވައިގެން އޮލީވިއާ ވިސްނުމަކަށް ގެއްލިވަޑައިގެންފާ އޮންނެވިއެވެ. މާގްރެޓް ކޮޓަރީގެ ދޮރުކޮޅު ބާރަށް ހުޅުވާލުމަށްފަހު އެތެރެއަށް ވަދެވަޑައިގަތެވެ. އޮލީވިއާގެ ނަޒަރު މަންމާފުޅުގެ މޫނަށް ދަތުރުކުރިއެވެ.

"އޮލީވިއާ....ކޮންފަދަ އަޑެއް މި އިވުނީ؟ ތިޔަ ކުރެވޭ ކަންތަކުގެ ނުރައްކާތެރިކަން ތި ދަރިފުޅަށް އިޙްސާސްވޭތަ؟" މާގްރެޓް ހަރުކަށިކަމާއެކު ސުވާލުކުރެއްވިއެވެ. "އެއީ މުސްލިމުންގެ ވެރިޔާ.... އަދި އޭނާއަކީ މީހެއްގެ ފިރިއެއް.... އޭނާގެ އަނބިމީހާއަށް އޮތް ވަފާތެރިކަން ގުޑުވައެއް ނުލެވޭނެ ކަމަށް އޭނާ އެބުނަނީ. އެކަން އެހެން އޮއްވައި ކީއްވެގެން ތިޔަ މުސްލިމް އަމީރުގެ ފަހަތުން ތިޔަ އުޅެނީ؟"

އޮލީވިއާ ތެދުވެވަޑައިގެން މަންމާފުޅާއި ހަތަރުކަޅި ހަމަކުރެއްވިއެވެ. އެކަމަނާގެ އަޑުފުޅުގައިވަނީ ގޮތްދޫނުކުރުމާއި ސާބިތުކަމެކެވެ.

"މަންމާ...އަޅުގަނޑުގެ ހިތް ވަނީ އޭނާއަށްޓަކައި ޤުރުބާންވެފައި.. މިހިތުގައިވާ ހަމަ އެކަނި އިންސާނަކީ ޒައިމް...މަންމާ އަޅުގަނޑަށް ލޯބިވެވިއްޖެ..." އޮލީވިއާ ވިދާޅުވިއެވެ. "އޭނާ މީހަކާ ކައިވެނިކޮށްގެން ހުއްޓަސް އަދި މުސްލިމަކަށްވިޔަސް އަޅުގަނޑުގެ ފަރުވާލެއް ނެތް.. އޭނާގެ ލޯބި އަޅުގަނޑަށް ލިބިއްޖެއްޔާ..... މިހިރީ ދީން ދޫކޮށް އިސްލާމްދީން ޤަބޫލުކުރަންވެސް ތައްޔާރަށް..."

"އޮލީވިއާ...." މާގްރެޓްގެ އަޑުފުޅު ބާރުވިއެވެ. އޮލީވިއާގެ މޫނުފުޅުމަތީގައި ޖައްސަވަން އަތްޕުޅު އުފުލާލެއްވި ނަމަވެސް އެކަމަނާގެ ދަރިކަނބަލުންގެ މޫނުފުޅުމަތިން ފެނުނު އަޒުމުގެ ސަބަބުން ފަސްޖެހިވަޑައިގަތެވެ. "ތިޔައީ ކޮންފަދަ މޮޔަކަމެއް....... ތި ލޯބީގެ ސަބަބުން މި މުޅި ޚާންދާނާއި އުސޫލުތަކާއި ރަސްކަން ހަލާކުވެގެންދާނެ...."

"މަންމާ ލޯބީގައި ދީނެއް ތަޚުތެއް އެހެންކަމެއް ނޯންނާނެ...އަޅުގަނޑު ބޭނުންވަނީ ޒާއިމްއާއެކީ ހަޔާތް އެއްކޮށް ހޭދަކުރަން..."

"އޭނަ އެބައުޅޭތަ ކައިވެނިކުރަން؟ ބަލަ މީހެއްގެ ފިރިއެކޭ އެއީ..ކިހާ ދެރަކަމެއް..ބޮލަށް ސަވާރުވެފައިވާ ލޯބީގެ ޖިންނި ފައްސައިލާ..."

"އެކަމެއްނުވާނެ..މާފުކުރައްވާ މަންމާ..."

"މާފުބޭނުމިއްޔާ އޮލީވިއާ ވަގުތުން އޭނަގެ މަތިން ހަނދާން ނައްތާލާ..."

އޮލީވިއާގެ ލޯފުޅުން ކަރުނަ އޮހިގަތެވެ.

***

މި ޚަބަރު ރޮޑްރިގޯގެ ކޮއްކޯފުޅު ކެތްރީންގެ ކަންފަތްޕުޅަށް ފޯރީ މާގްރެޓްގެ ފަރާތުންނެވެ. އެކަމާއިހެދި ހައިރާންފުޅުވެވަޑައިގަތެވެ. އެއީ ބޭބޭފުޅު ފަހަރެއްގައިވެސް އެއްބަސްވެވަޑައިގަންނަވާނެކަމެއް ނޫނެވެ. އޮލީވިއާއަށް އެހާފަސޭހައިން މުސްލިމަކާއި ކައިވެނިކުރުމަކީ މުސްތަހީލުކަމެކެވެ. މިހާ ވަރުގަދަ ހަގުރާމައެއް ހިނގާއިރު އަމުދުން މުސްލިމުންގެ އަމީރަށް އިތުބާރުކުރެވޭނީ ކިހިނެއްހެއްޔެވެ؟

ކެތުރިންގެ މާޒީގައިވެސް ވަނީ ހިތްޕުޅު ހަލާކުވެވަޑައިގަންނަވާވަރުގެ ހާދިސާތަކާއި ކުރިމަތިވެވަޑައިގަތެވެ. އާއިލާއިން އެކަމަނާގެ ލޯތްބަށް އިންކާރުކުރުމުން އާއިލާއާއި ވަކިވެވަޑައިގަންނަވަން މަޖުބޫރުވިއެވެ. ލޯބިވެރިޔާއާއެކު އުޅުއްވަން ޖެހިވަޑައިގަތީ ދަތި ދިރިއުޅުމެކެވެ. ހުރިހާ ހިތާމައިގެ ތެރެއިންވެސް ހިތްޕުޅަށް އެންމެބޮޑަށް އަސަރުކުރުވަނީ ދަރިކަނބަލުން ދުނިޔެއާއި ވަކިވެވަޑައިަތުމެވެ. އެތައް އަހަރުފާއިތުވީއިރުވެސް ހިތްޕުޅުން އެދުވަސް ފިލާނެގޮތެއްނުވެއެވެ.

މުސްލިމް ލީޑަރެއް؟ އޮލީވިއާ އެވަރުގެ ދުޝްމަނަކަށްޓަކައި ގަނޑުވަރުގެ އަބުރު ކަތިލަން އުޅެނީ؟ ކެތުރިން ގެ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. އެކިގޮތްގޮތަށް ޚިޔާލުކުރައްވަމުންގޮސް އެންމެފަހުން ނިންމެވީ އެ މުސްލިމް މީހާއަކީ ކާކުކަން އަމިއްލައަށް ބަލައި އެކަން ހުއްޓުވުމަށެވެ. ނަމަވެސް، އެ މުސްލިމް ލީޑަރަކީ އެކަމަނާގެ އަމިއްލަ ލޭފޮދު ހިނގާ ގެއްލިފައިވާ ފިރިހެން ދަރިކަލުންކަމެއް ކެތުރިންއަކަށް އެއްވެސް މިންވަރަކަށް އެނގިވަޑައިގެންފައެއްނެތެވެ.

***

އެރޭގެ ދަންވަރުގެ ވަގުތެވެ.

ޒާއިމް ކޮޓަރީގެ ދޮރު ހުޅުވައިލެއްވިއިރު އެންމެ ފާރަވެރިޔަކު ތާއްޔާ ޖެހިޖެހި ހުރިތަން ފެނިވަޑައިގަތެވެ. އަވަހަށް އެކަލޭގެ ފަހަތުން ކަނދުރާގައި ހިފެހެއްޓެވިގޮތަށް ކޮޓަރިތެރެއަށް ދަންމަވައިގަތް ގޮތަށް ޚަންޖަރުން ގޯޅާލެއްވިއެވެ. އެއާއެކު އެދިމާލުގައި ލޭގެ ކުޑަ ކޯރެއް ހެދުނެވެ. އެމަނިކުފާނު ވަގުތު ނަގައިލެއްވުމެއްނެތި ހަގުރާމަވެރިޔާ ލައިގެން ހުރި ޔުނިފޯމް ތުރުކުރެއްވިއެވެ. އަދި ކޮޓަރިން ނުކުމެވަޑައިގެން ގަނޑުވަރުގެ ތެރެއިން ސަލާމަތްވެވޭނެ މަގެއް ހޯއްދަވަން މަސައްކަތްކުރެއްވިއެވެ. ގަނޑުވަރުގެ އަނދިރި ދިގު ކޮރިޑޯއަކުން ކުރިއަށް ވަޑައިގަންނަވަނިކޮށް ސިފައިންގެ ފިޔަވަޅުތަކުގެ އަޑު އިވުމުން އެންމެ ކުރިން ޖެހުނު ކޮޓަރިއެއްގެ ދޮރު ހުޅުވާލައްވާފައި އެތެރެއަށް ވަދެވަޑައިގަތެވެ.

އެއީ އުއްބައްތިއެއްގެ މަޑު އަލިކަން ހުރި ކޮޓަރިއެކެވެ. އެނދުދާންކޮޅުގައި އޮންނެވީ ވަރަށް ބަލިކަށި އެކަމަކު ރީތި މޫނެއްގެ ވެރިއެކެވެ. މޫނު ރަތްވެފައިވާގޮތުން އަދި މަޑުމަޑުން ކުކުރަމުންދާތީ އާލާސްކަންފުޅާ އޮންނެވިކަން އެނގިވަޑައިގަތެވެ.

"ކަލޭ... ކަލޭ ތިއީ ކާކު؟ތީ ގަނޑުވަރުގެ ސިފައިންގެ މީހެއް ނޫން..." ޑެނިއަލް އަށް ޒާއިމް ފެނިވަޑައިގަތުމުން ހާސްވިއެވެ.

ޒާއިމް ޑެނިއަލްގެ އަރިހަށް ވަޑައިގެން އަނގަފުޅުމަތީގައި މަޑުމަޑުން އަތްޕުޅު އެޅުއްވިއެވެ. "އާނ ތި ހީކުރެވުނީ ރަގަޅަށް...އަހަންނަކީ މުސްލިމުންގެ ހަގުރާމަވެރިއެއް......އަހަރެން މިއައީ އަނިޔާކުރާކަށް ނޫން...އެހެންވީމަ ހަޅޭއްލަވައިގަނެ އެހެން މީހުންނަށް އިޝާރާތް ނުކުރިއްޔާ ރަަގަޅީ...ތިއީ ކާކު؟"

"ޢަޅުގަނޑަކީ މިތާ ރަސްގެފާނުގެ މާފަ ދަރިކަލުން ޑެނިއަލް..."

ޒާއިމް ޑެނިއަލްގެ މޫނުފުޅަށް ގާތުން ބައްލަވައިލެއްވުމާއެކު ހިތްޕުޅަށް ބަޔާންކުރަންދަތި ގާތްކަމެއް އިޙްސާސްވިއެވެ. ޑެނިއަލްގެ ހާލަތު ފެނިވަޑައިގެން ޒާއިމްގެ ހިތްޕުޅުގައިގައި އޯގާތެރިކަން އުފެދުނެވެ.

"އެކަނިތަ؟" ޒާއިމް ޑެނިއަލްގެ ނިއްކުރީގައި އަތްޕުޅުޖައްސާލަމުން ވިދާޅުވިއެވެ.

"މަންމަ މިހާރު ވަޑައިގަންނަވާނެހެން ހީވޭ..... "

"މުސްލިމް އިންގެ ރުގުޔާއިން ތި ކުއްޖާގެ ހުން ތިރިކުރެވިދާނެ."

ޑެނިއަލް ހައިރާންފުޅާއި ހާސްކަމާއެކީ ޒާއިމްއަށް ބަލަހައްޓަވައިގެން އޮންނެވިއެވެ. މި ޒުވާނާގެ ދެލޯފުޅުން ފެނިވަޑައިގަތީ އޯގާތެރި ކަމާއި ލޯތްބެވެ. ޒައިމް ފާތިހާ ސޫރަތް ވިދާޅުވެފައިވާ ފެންތަށްޓެއް ހިއްޕަވަން ދެއްވުމަށްފަހު ކިޔަވާ ވިދާޅުވާން އިންނެވިއެވެ.

***

އަނެއްކޮޅުން އޮލީވިއާގެ ކޮޓަރިކޮޅުގައި އެކަމަނާ އިންނެވީ ޒާއިމްގެ ހިތްޕުޅުން ޖާގައެއް ހޯއްދަވާނެގޮތަކާއިމެދު ޚިޔާލުކުރެއްވުމުގައެވެ.

"'ޒާއިމް...މަނިކުފާނު ހާލާގެ ލޯބީގައި ސާބިތުވެ ހުއްޓަސް، އަހަރެން ގޮތްދޫނުކުރާނަން,........" އޮލީވިއާ އަމިއްލަ ނަފުސަށް ވިދާޅުވިއެވެ."މަނިކުފާނުގެ އެންމެ އޯގާތެރި ސިފައަކީ އެހެން މީހުންނަށް ކަމޭހިތުން. އަހަރެން އެ ނާޒުކު ކަންކަމުގެ ފައިދާ ނަގާނަން. މަނިކުފާނުގެ އެކުވެރިޔާ އުވައިސް ގެ ފުރާނަ ސަލާމަތްކުރުމާއި ޒާއިމްގެ މިނިވަންކަން ވަނީ އަހަރެންގެ އަތްމަތީގައި. އަހަރެން މަޖުބޫރުކުރުވާނަން .......ކައިވެނީގެ ވަޢުދުވުމަށް..."

***

ދަންވަރުގެ ހިމޭންކަން ގަނޑުވަރަށް ވެރިވެފައިވީ ނަމަވެސް، ޒާއިމްގެ ހިތްޕުޅުގައި ވަނީ ވަރުގަދަ ތޫފާނެކެވެ. ޑެނިއަލްއަށް އެހީތެރިކަން ފޯރުކޮށްދެއްވާފައި ސިފައިންނަށް ފިިއްލަވައިގެން އެމަނިކުފާނު އެނބުރިވަޑައިގަތީ ހައްޔަރުކޮށްފައި ހުރި ޝާހީ ކޮޓަރިކޮޅަށެވެ. ކުރިއަށް އޮތް ނުރައްކާތެރި ދުވަސްތަކާމެދު ވިސްނަވާ ޚިޔާލުކުރެއްވިއެވެ.

ކޮޓަރީގެ ބޮޑު ދޮރު މަޑުމަޑުން ހުޅުވާލެއްވުމަށްފަހު އެތެރެއަށް ވަދެ ވަޑައިގަތީ އޮލީވިއާއެވެ. އެކަމަނާގެ އަތް ޕުޅުގައި ކަނޑިއެއް ނެތެވެ. މޫނުފުޅުމަތިން ފެންނަންުހުރީ އިންތިހާއަށް ކެރޭ އަދި އެއްވެސް ޖެހިލުމެއްނެތް ސާބިތުކަމެކެވެ. އެކަމަނާ ދޮރު ތަޅުލުމަށްފަހު ޒާއިމްއާ ދިމާލަށް ފިޔަވަޅުތައް އަޅުއްވަމުން މަޑުކޮށްލީ ކުރިމަތީގައެވެ.

"ޒާއިމް..." އޮލީވިއާގެ އަޑުފުޅު މަޑު ނަމަވެސް، އެ އަޑުގައިވަނީ ވަރުގަދަ އިންޒާރެކެވެ. "ޒާއިމްމެންގެ ސާބިތުކަމާއި އީމާންތެރިކަމަށް ސާބަސްދެން... ނަމަވެސް... އަޅުގަނޑު ކުރިން ބުނި ފަހު ބަސް މަތިން ހަދުމަފުޅު އެބަހުރިތޯ؟ އަޅުގަނޑު ބޭނުންވާ ކަމެއް ހާސިލުނުކޮށެއް ދުވަހަކުވެސް ފަހަތަކަށް ނުޖެހޭނަން."

ޒާއިމް އޮލީވިއާގެ މޫނުފުޅަށް ބައްލަވާނުލައްވާ އިސްޖައްސަވާލެއްވިގޮތަށް އިންނެވިއެވެ. "އޮލީވިއާ... ކުރިންވެސް ބުނިިން... އަހަރެންގެ ހިތަކީ ވިއްކާލެވޭނެ އެއްޗެއް ނޫން. އަހަރެންގެ އަނބިމީހާ ހާލާއަށް އޮތް ލޯބި ބަދަލެއް ނުކުރެވޭނެ. އަދި އަހަރެންގެ ދީނާއި ޤައުމަށް ބޭވަފާތެރިއެއް ނުވެވޭނެ."

އޮލީވިއާ ކުޑަކޮށް ހިނފުޅުވަޑުވައިލެއްވިއެވެ. ނަމަވެސް އެ ހިނިފުޅުގެ ފަހަތުގައިވަނީ ނުރައްކާތެރި ރޭވުމެކެވެ.

"ހާލާ... އަބަދުވެސް ހާލާ......" އޮލީވިއާގެ އަޑުފުޅަށް ހަސަދައިގެ ނުބައިކަން ވެރިވިއެވެ. "ޒާއިމް ހީކުރައްވަނީ ތި ވަފާތެރިކަމުން އެކުވެރިން ސަލާމަތްވާނެ ކަމަށްތޯ؟ ޒާއިމްއަށް އެނގިވަޑައިގަންނަވާތޯ؟ކަނައަތްޕުޅުކަމަށް ދެކެވަޑައިގަންނަވާ އެކުވެރިޔާ އުވައިސް ވީ ކޮންތާކުކަން އެނގިވަޑައިގަންނަވާ؟"

ޒާއިމްގެ މޫނުފުޅުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. "އުވައިސް؟ އޭނާއަށް ކިހިނެއްވީ؟ ބުނީމެއްނު އޭނާއަށް ބޭސްފަރުވާ ކުރެވެމުންދާ ކަމަށް...."

"އާނ، މީގެ އިރުކޮޅެއް ކުރިއާ ހަމައަށް އޭނާ އޮތީ ބޭސްފަރުވާގަ..." އޮލީވިއާ ކުރިއަށް ފިޔަވަޅެއް އަޅުއްވާލަމުން ޒާއިމްގެ ދެލޯފުޅަށް ސީދާ ބައްލަވާލެއްވިލިއެވެ. "ނަމަވެސް މާދަމާ އިރުއަރާއިރު... އަޅުގަނޑުގެ އެންމެ އިޝާރާތަކަށް ގަނޑުވަރުގެ އެންމެ އުސް ފާރުމަތިން ތިރިއަށް އެއްލާލެވޭނެ...... އޭނާގެ ފުރާނަ ސަލާމަތުން ހުރުމާއި މަރުވެގެން ދިއުން ވަނީ...ޒާއިމްގެ ނިންމުމުގެ މައްޗަށް..."

"އޮލީވިއާ......." ޒާއިމްގެ އަޑުފުޅު ގުގުމައިގެން ދިޔައެވެ. އޭނާގެ އަތްޕުޅު މުށްކެވުނެވެ. " ތިޔަ ކުރަނީ ވިޔާނުދާ އަދި ލަދުވެތި ކަމެއް.. ހަނގުރާމައިގައި ޒަޚަމްވެފައިވާ މުޖާހިދަކު ބްލެކްމެއިލްގެ ހަތިޔާރަކަށް ހެދުމަކީ ހިތްވަރުގަދަ ބަޔަކު ކުރާނެ ކަމެއް ނޫން...."

"އަޅުގަނޑުގެ ފަރުވާލެއްނެތް....." އޮލީވިއާ ތަންކޮޅެއް ބާރަށް ވިދާޅުވިއެވެ." ލޯތްބާއި ހަނގުރާމައިގައި ކޮންމެ ކަމެއްވެސް ހުއްދަވާނެ....އެއީ އަޅުގަނޑުގެވެސް ފަލްސަފާ.....މަނިކުފާނު އަޅުގަނޑުގެ އާދޭސްތަކަށް ބީރު ކަންފަތެއް ދެއްވުމުން އަޅުގަނޑު މި މަގު އިޚްތިޔާރުކުރަން މަޖުބޫރުވީ....."

އޮލީވިއާ ޒާއިމްއާ ކައިރިއަށް ޖެހިވަޑައިގަތެވެ. އެކަމަނާގެ ލޯފުޅުން މިފަހަރު ފެނުނީ މަޖުބޫރީގެ ތެރެއިން އުފެދުނު އާދޭހުގެ ކުލަވަރެކެވެ.

"ޒާއިމް... އަޅުގަނޑު މަނިކުފާނަށްޓަކާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރު. ތި ހިތްޕުޅުގައި އަޅުގަނޑަށްޓަކާ ކުޑަވެސް ޖާގައެއް އުފެދޭނެނަމަ...މަނިކުފާނު ބޭނުންފުޅުވާނަމަ އަޅުގަނޑު މިހުރީ މި ދީން ދޫކޮށްލާ މަނިކުފާނުގެ ދީން ގަބޫލުކުރަންވެސް ތައްޔާރަށް...."

ޒާއިމް ސިހިވަޑައިގަތެވެ. އޮލީވިއާގެ ދޫފުޅުން ވިދާލުވި ބަސްފުޅުތަކުން އެމަނިކުފާނަށް ލިބިވަޑައިގަތީ ބަޔާންކުރަންދަތި ހައިރާންކަމެކެވެ.

"ދީން ދޫކޮށް އިސްލާމްވަނީ ހަމައެކަނި އަހަރެންގެ ލޯބި ހޯދުމަށްޓަކައިތަ؟" ޒާއިމް ސުވާލުކުރެއްވިއެވެ.

"މަނިކުފާނުގެ ދީނުގައިވާ އަޚުލާޤާއި ސާބިތުކަމާއި ވަފާތެރިކަން އަޅުގަނޑުގެ ހިތް އަތުލައިފި......" އޮލީވިއާގެ ލޯފުޅުގައި ކަރުނަވިދަން ފެށިއެވެ.. "އަޅުގަނޑު އިސްލާމްވާނަން... އަދި މަނިކުފާނުގެ އަނބިމީހާއަށްވެސް ވާނަން. އޭރުން މަނިކުފާނަށް މި ތަޚުތު ލިބިވަޑައިގަންނަވާނެ. އަދި އެކުވެރިޔާ އުވައިސްއާއި ހައްޔަރުކުރެވިފައިވާ މުސްލިމް ސިފައިން މިނިވަންކޮށް މި ހަނގުރާމަ އަބަދަށްޓަކައި ނިމުމަކަށް ގެނެސްދޭނަން... ނަމަވެސް... މަނިކުފާނު އަޅުގަަނޑުގެ މި ހުށަހެޅުމަށް އިންކާރުކުރައްވައިފިނަމަ މާދަމާ އިރުއަރާއިރު އުވައިސްގެ މަރުގެ ޚަބަރު ލިބިވަޑައިގަންނަވާނެ..."

ޒާއިމްގެ ކުރިފުޅުމަތީގައިވަނީ އިންތިހާއަށް އުނދަގޫ އަދި ނުރައްކާތެރި އިމްތިހާނެކެވެ. އެއްކޮޅުން އެމަނިކުފާނުގެ އަމިއްލަ ނަފުސަށްވުރެ އިތުބާރުކުރެވޭ އެކުވެރިޔާ އުވައިސްގެ ފުރާނައެވެ. އަނެއްކޮޅުން އެމަނިކުފާނުގެ އީމާންކަމުގެ އިޚްލާސްތެރިކަމާއިި ލޯބިވާ އަނބިކަނބަލުން ހާލާއަށް އޮތް ވަފާތެރިކަމެވެ.

"އޮލީވިއާ..." ޒާއިމް މަޑުމައިތިރިކަމާއެކު ވާހަކަފުޅުދައްކަވަން ފެށްޓެވިއެވެ "އިސްލާމްދީނަކީ މަޖުބޫރުކަމާއި ބްލެކްމެއިލްގެ މައްޗަށް ބިނާވެގެންވާ ދީނެއް ނޫން. މީހަކު އިސްލާމްވާންޖެހޭނީ ހިތުގެ އިޚްލާސްތެރިކަމާއެކު، ﷲ އަށްޓަކައި.... އިންސާނެއްގެ ލޯބި ހޯދުމަށްޓަކައި ދީން ބަދަލުކުރުމަކީ އެ ދީނުގެ މާތްކަން ކުޑަކޮށްލުން.... އަދި އުވައިސްގެ ފުރާނައިން އަހަރެން ބްލެކްމެއިލްކޮށްގެން ކަލެއަށް އަހަރެންގެ ހަށިގަނޑު ހޯދިދާނެ... ނަމަވެސް، އަހަރެންގެ ހިތެއް ކަލެއަކަށް ދުވަހަކުވެސް ނުލިބޭނެ......."

އޮލީވިއާގެ ލޯފުޅުގައި ގިނަވެގަތް ކަރުނަފޮދު ކޯތާފަތްޕުޅުން ތިރިއަށް ދެމިގަތެވެ ޒާއިމްގެ އެ ސާބިތު ބަސްފުޅުތަކުން އެކަމަނާގެ ހިތްޕުޅު ކުދިކުދިވެއްޖެއެވެ.

"ތިއީ މަނިކުފާނުގެ ފަހުގެ ނިންމެވުންތަ؟" އޮލީވިއާ ތުރުތުރުއަޅާ އަޑަކުން އެއްސެވިއެވެ.

"އާނ... އަހަރެންގެ ފުރާނަ ދިޔަޔަސް އަހަރެންގެ އީމާންކަމާއި ވަފާތެރިކަމުގައި ހިފަހައްޓާނަން. އުވައިސްގެ ފުރާނަ ސަލާމަތްކުރުމަށް ﷲ ކުޅަދުންވަންތަ..މަރާއި ދިރިހުރުމަކީ ހަމައެކަނި އެފަރާތުގައި މިންވަރުކުރައްވާފައިވާ ގޮތަށް ހިނގާ ކަންތައްތައް........." ޒާއިމް ސާބިތުކަމާއެކު ވިދާޅުވިއެވެ.

އޮލީވިއާ ކޯފާއާއި ހިތާމައިގެ މައްޗަށް ކެތްނުކުރެވިގެން އެއްވެސް އެއްޗެއް ވިދާޅުނުވެ ކޮޓަރިކޮޅުގެ ދޮރު ބާރަށް ލައްޕަވައިލެއްވުމަށްފަހު ނުކުމެ ވަޑައިގަތެވެ. އެކަމަނާގެ ހިތްޕުޅުގައިވަނީ ވަރުގަދަ ބަދަލުހިފުމުގެ އަލިފާނެއް ރޯވެފައެވެ.

***

އޮލީވިއާ ވަޑައިގަތުމުން ޒާއިމް އިންތިހާއަށް ކަންބޮޑުވެފައި ކޮޓަރީގައި އިންނެވިއެވެ. މޭޒުމަތީގައި ބަހައްޓާފައިވާ އަގުބޮޑު މޭވާއާއި ފަރިއްކޮޅުގައި އަތްޕުޅުވެސް ނުލައްވައެވެ. އެމަނިކުފާނުގެ ސިކުނޑީގައި އެނބުރެމުންދިޔައީ ހައްޔަރުކުރެވިފައިވާ އުވައިސްގެ ފުރާނައާއި އަދި އެއްވެސް ޚަބަރެއް ނުލިބިވާ އެމަނިކުފާނުގެ ލޯބިވާ އަނބިކަނބަލުން ހާލާގެ ޚިޔާލުތަކެވެ.

އެވަގުތު ކޮޓަރީގެ ބޭރުގައި ތިބި ސިފައިންނަށް އަންހެނަކު އަމުރުކުރާ އަޑު އިވުނެވެ.

"ދޮރު ހުޅުވާ.....އަހަރެން ބޭނުން އެ މުސްލިމް އަމީރާއި ބައްދަލުކުރަން..........."

ސިފައިން ވަގުތުން އިޙްތިރާމާއެކު ދޮރު ހުޅުވާލުމުން ކެތުރިން މަޑުމަޑު ފިޔަވަޅުތަކެއްގައި ކޮޓަރީގެ ތެރެއަށް ވެދެވަޑައިގަތެވެ.

ޒާއިމް އިސްއުފުލާ ބައްލަވާލެއްވިއެވެ.ކެތްރިންއާއި ޒާއިމްގެ ނަޒަރު ބައްދަލުވެވަޑައިގަތެވެ.

ކެތުރިންގެ މޫނުފުޅު ފެނިވަޑައިގަތުމާއެކު ޒާއިމްގެ ހިތްޕުޅަށް ބަޔާންކުރަންދަތި އަޖައިބެއްފަދަ ނުފެންނަ ގުޅުމެއްގެ އިޙްސާސް ކުރެވިގެން ދިޔައެވެ. އެއީ ދުވަހަކުވެސް އެމަނިކުފާނަށް ކުރެވިފައިވާ އިޙްސާސެއް ނޫނެވެ. އެމަނިކުފާނުގެ މޭގެ ތެރޭގައިވާ ހިތްޕުޅު ނުހަނު ބާރަށް ތެޅިގަތެވެ. އެއާއެކު އަޖައިބެއްފަދަ ފިނިކަމާއި އަމާންކަމެއް ހިތްޕުޅަށް ލިބި ނުތަނަވަސްކަން ފިލައިގެން ހިނގައްޖެއެވެ. އަދި އަނެއްކޮޅުން ކެތުރިންގެ ހިތްޕުޅަށްވެސް ވަގުތުން މަޑުމައިތިރިކަމެއް ވެރިވިއެވެ. ޒާއިމްގެ މޫނުފުޅުމަތިން އެކަމަނާއަށް ފެނިވަޑައިގަތީ ދަރިކަލުން ޑެނިއަލްއާއ ސިފަތައް ވައްތަރު ހިތްވަރުގަދަ ޒުވާން ސޫރައެކެވެ. މައިވަންތަކަމުގެ އިހުސާސްތަކުން ހިތްޕުޅު ފުރިގެން ދިޔުމާއެކު އެ ދަރިކަލުން ގެނެސް މޭފުޅުގައި ޖައްސަވާލައްވަން ބޭނުންފުޅުވިއެވެ. ލޯފުޅު ތެމޭގޮތްވީ އެތައް ޖަޒުބާތުތަކާއެކުގައެވެ. ނަމަވެސް އެކަމަނާ ގަދަކަމުން ސިކުނޑިއަށް ހަނދާންކޮށްދިނީ މިއީ ދުޝްމިނެއްކަމެވެ.

ކެތުރިން ވަގުތުން އެކަމަނާގެ ހިތްޕުޅު ހިލަކޮށްލިއެވެ.އެކަމަނާގެ ދަރިކަނބަލުން މާޒީގައި ގެއްލިފައިވާ ހިތާމައާއި މުސްލިމުން ދެކެ އެކަމަނާގެ ހިތްޕުޅުގައިވާ ނަފުރަތު ކުރިއަށް ނެރުނެވެ.

"ކަލެއަކީ މުސްލިމުންގެ އަމީރަކީ؟" ކެތުރިން ހަރުކަށިކަމާއެކު ސުވާލުކުރެއްވިއެވެ.. "ކަލޭމެން ފަދަ މީހުންގެ ސަބަބުން އަހަރެމެންގެ ދިރިއުޅުން ހަލާކުވެގެން މިދަނީ.... ކަލޭމެންނަކީ އަހަރެމެންގެ ދުޝްމަނުން. ކަލޭމެން ދެކެ އަހަރެން އިންތިހާއަށް ނަފުރަތުކުރަން....."

ކެތުރިން ގެ ހަރުކަށި ޖުމްލަތަކަށް ރައްދުނުދެއްވާ ޒާއިމް އިސްޖައްސަވާލައްވައިގެން ހިމޭނުން އިންނެވިއެވެ. އެމަނިކުފާނު އެއްޗެކޭ ވިދާޅުނުވެ ކެތުރިންގެ ވާހަކަތައް އަޑުއެއްސެވިއެވެ. އެ މާތް ކަމަނާއަށް ރައްދުގައި އެއްޗެއް ވިދާޅުވާން އެމަނިކުފާނަށް އުދަގޫފުޅުވާންޖެހުނު ސަބަބެއްވެސް ވިސްނިވަޑައެއްނުގެންނެވިއެވެ. މިއީ މުސްލިމުންދެކެ ނަފްރަތުކުރާކަމަށް ދައުވާކުރާ އީސާއީ ޝާހީ އާއިލާގެ ބޭފުޅެއްތާއެވެ.

ކެތުރިން ވާހަކަފުޅުދައްކަވަމުން ގޮސް މޭޒުމައްޗަށް ބައްލަވާލެއްވިއެވެ. ފަރިއްކޮޅު ހުރިގޮތަށް ހުރިތަން ފެނިވަޑައިގަތުމުން އެކަމަނާގެ ހިތްޕުޅުގައި ކުޑަ އޯގާތެރިކަމެއް އުފެދުނު ނަމަވެސް، އަވަހަށް މޫނުފުޅު އަނބުރާލެއްވިއެވެ.

ކޮޓަރީގެ ދޮރުކޮލޫ ހުޅުވާލުމަށްފަހު އެތެރެއަށް ވަދެވަޑައިގަތީ އޮލީވިއާއެވެ. އެކަމަނާއަށް ބޮޑުދައިތާފުޅު ކެތުރިން އެތަނުގައި ހުއްޓާ ފެނިވަޑައިގަތުމުން ސިހިވަޑައިގަތެވެ.

"ބޮޑުދައިތާފުޅު... މިތަނުގައި ކީއް ތިޔަކުރައްވަނީ؟" އޮލީވިއާ ސުވާލުކުރެއްވިއެވެ.

ކެތުރިން އޮލީވިއާއަށް ބައްލަވައިލައްވަމުން، ހަރުކަށިކަމާއެކު އަމުރުކުރެއްވިއެވެ. "އޮލީވިއާ.... މި މުސްލިމް ގައިދީ މިފަދަ ޝާހީ ކޮޓަރިއެއްގައި ބެހެއްޓުމަކީ ބޮޑު މޮޔަކަމެއް..... މިހާރުން މިހާރަށް އޭނަ ޖަލުގެ އަނދިރިގެއަށް ބަދަލުކުރޭ......."

"ނޫން....." އޮލީވިއާ ވަގުތުން ދެކޮޅުހެއްދެވިއެވެ. އެކަމަނާގެ އަޑުފުޅުގައިވަނީ ގޮތްދޫނުކުރުމުގެ ބާރެވެ. "ޒާއިމް ޖަލަކަށް ނުލެވޭނެ...ދައިތާފުޅަށް އެނގިވަޑައިނުގަތަސް މިއީ އަޅުގަނޑުގެ ލޯބި.... މި ގަނޑުވަރުގެ ކުރިމަގުގެ ރަސްގެފާނު......."

"އޮލީވިއާ...." ކެތުރިންގެ އަޑުފުޅު ގުގުމައިގެން ދިޔައެވެ. އެކަމަނާގެ މޫނުފުޅުމަތިން ފެނުނީ އިންތިހާގެ ކޯފާއެވެ. ދަރިކަނބަލުންނަށްޓަކާ ބަދަލު ހިފުމެވެ. "ކޮއްކޮ މޮޔަވީތަ؟ އެއީ އަހަރެމެންގެ ދުޝްމަނެއް...މުސްލިމެއް.. ތިފަދަ ލޯބިއެއްގެ ސަބަބުން ކޮއްކޮގެ އަބުރާއި މުޅި ޝާހީ އާއިލާގެ ނަން ކިލަނބުވެގެންދާނެ...ކުރިމަގު ރަސްގެފާނުކަމުގައި ހެދުމަކީ ހުވަފެނެއް.... ތި ނުބައި ޚިޔާލު މުޅިން ދޫކޮށްލާ...."

"ނޫން..ނޫން....އަޅުގަނޑު ދުވަހަކުވެސް އެމަނިކުފާނު ދޫކޮށެއް ނުލާނަން......." އޮލީވިއާ ގޮތްދޫނުކުރާ ގޮތަކަށް ވިދާޅުވިއެވެ."އަޅުގަނޑު ކޮންމެ ފަދަ ޤުރުބާނީއެއް ވެގެންވެސް އެ ލޯބި ހޯދާނަން. އެކަކަށްވެސް އަޅުގަނޑު ނުހުއްޓުވޭނެ..."

ކެތުރިން އޮލީވިއާއަށް ވިސްނައިދޭން އުޅުއްވި ނަމަވެސް އޮލީވިއާގެ ބުރަދަނެއް ނެތް ގޮތްދޫނުކުރުމުގެ ސަބަބުން ކެތުރިން ކޯފާ އިސްކުރައްވާ ކޮޓަރިކޮޅުން ނުކުމެވަޑައިގަތެވެ.

***

ކެތުރިން އޮލީވިއާގެ ކޮޓަރިން ނުކުމެވަޑައިގެން މިސްރާބު ޖެއްސެވީ ޑެނިއަލްގެ ކޮޓަރިކޮޅަށެވެ. ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލެއްވުމަށްފަހު އެތެރެއަށް ވަދެވަޑައިގެން އެނދުދާންކޮޅުގައި އިށީދެވަޑައިގަތެވެ. ޑެނިއަލް އޮންނެވީ ލޯފުޅު މަރުއްވައިގެންނެވެ. ކެތުރިންގެ ފިޔަވަޅުތަކުގެ އަޑަށް ލޯ ހުޅުވައިލެއްވިއެވެ.

"މަންމާ..." ޑެނިއަލް ބަލިކަށި އަޑަކުން ގޮވާލިއެވެ. "ކިހިނެއްވީތޯ؟ މަންމަގެ މޫނުފުޅުމަތިން ހާސްކަމާއި ކަންބޮޑުވުން އެބަފެނޭ."

ކެތުރިން ޑެނިއަލްގެ އަތްޕުޅުގައި ބޮސްދެއްވަމުން ފުންނޭވާއެއް ދޫކޮށްލެއްވިއެވެ. އެކަމަނާގެ ދެލޯފުޅުން ފެންނަން ހުރީ ބަޔާންކުރަންދަތި ހާސްކަމެވެ.

"ޑެނިއަލް... މަންމަ މިއައީ އޮލީވިއާ ގަނޑުވަރަށް ގެނެސްގެން އުޅޭ މުސްލިމް ގައިދީގެ ކައިރިން....." ކެތުރިން މަޑުމަޑުން ވިދާޅުވިއެވެ.. "އެއީ މުސްލިމުންގެ އަމީރު... ޒާއިމް..."

"ޒާއިމް؟" ޑެނިއަލްގެ ދެލޯފުޅު ބޮޑުވެގެން ދިޔައެވެ. ރޭގައި ސިއްރުން އެކޮޓަރިއަށް ވަދެވަޑައިގެން އެމަނިކުފާނުގެ ހުން ތިރިކޮށްދޭން މަސައްކަތްކުރެއްވި އޯގާތެރި ޒުވާނާގެ މޫނުފުޅު ޑެނިއަލްގެ ސިކުނޑީގައި ސިފަވެގެން ދިޔައެވެ.

"އާނ..." ކެތުރިން އިސްޖައްސަވާލެއްވިއެވެ. "މަންމަ ދިޔައީ އޭނާއަށް އެއްޗެހި ގޮވައި މަގާމުގެ ގޮތުން އިންޒާރުދޭން. މަންމަމެންގެ ދީނާއި ޤައުމުގެ ދުޝްމަނެއްގެ ގޮތުގައި އޭނާ ދެކެ ނަފުރަތުކުރަން. ނަމަވެސް... ޑެނިއަލް.. މަންމަ އޭނާގެ ދެލޮލަށް ބަލައިލި ވަގުތު..މަންމަގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތް.......މަންމަގެ ހިތުގައިވާ މުޅި ނަފުރަތު ވިރިގެން ދިޔަ.........."

ޑެނިއަލް ހައިރާންކަމާއެކު މަންމައަށް ބަލަހައްޓައިގެން އޮންނެވިއެވެ.

"މަންމަގެ ހިތަށް ކުރެވުނީ އަޖައިބެއްފަދަ އިޙްސާސެއް," ކެތުރިންގެ ލޯފުޅުން ކަރުނަ ފާއްދާލިއެވެ. "އެއީ މައިވަންތަކަމުގެ އިޙްސާސް.... މާޒީގައި މަންމަގެ އަތުން ގެއްލުނު ދަރިފުޅުގެ މަތިން މަންމަ ހަނދާންވީ..... އޭނާގެ މޫނުމަތިން ފެންނަނީ ހަމަ ދަރިފުޅުގެ ސޫރަ. ދަރިފުޅު ފަދައިން އޯގާތެރި އަދި އެހާމެ ހިތްވަރުގަދަ ސިފައެއް.... މަންމަ އޭނާއަށް އެތައް ހަރުކަށި ބަސްތަކެއް ގޮވިއިރުވެސް އޭނާ އިސްޖަހާލައިގެން އިނީ އިންތިހާއަށް އިޙްތިރާމާއެކު. އެއީ ދުޝްމަނެއްގެ ކިބައިން ފެންނާނެ ސިފައެއް ނޫން."

ޑެނިއަލް ހިތާހިތުން ވިދާޅުވިއެވެ.. 'މަންމާ.... މަންމައަށް އެ ކުރެވުނީ މުޅިން ތަފާތު އިޙްސާސެެއް...އެއީ ދުޝްމަނެއް ނޫން... އެއީ އަހަރެންގެ ފުރާނަ ސަލާމަތްކުރަން އުޅުނު މާތް އިންސާނާ........."ނަމަވެސް، ޑެނިއަލް އަދި އެ ސިއްރު މަންމައަށް ހާމަކުރައްވަން ބޭނުންފުޅެއްނުވިއެވެ.

***

އަނެއްކޮޅުން މުސްލިމުންގެ ކޭމްޕުގެ ހާލަތު މުޅިން ތަފާތެވެ.

ހާލާ މަޑުމަޑުން ލޯހުޅުވާލެއްވިއެވެ. އެކަމަނާގެ މޫނުފުލުމަތިން ފެންނަނީ އިންތިހާގެ ވަރުބަލިކަމާއި ހުންގަދަވެފައިވާ ކަމުގެ އަސަރުތަކެވެ. ރޭގައި ޒާއިމް ޝަހީދުވިކަމުގެ ދޮގު ޚަބަރު އިވިވަޑައިގަތުމުން ޚަބަރުހުސްވި ގޮތަށް އެކަމަނާ ހޭފުޅުއެރީ އެތައް އިރެއްގެ ފަހުންނެވެ.

ހާލާ ހޭފުޅު އެރުމާއެކު އެނދުކައިރީގައި އިން އާލަމް ތެދުވެ ވަޑައިގެން އަވަހަށް ހާލާއަށް ފެންތަައްޓެއް ދިއްކޮށްލެއްވިއެވެ. އެމަނިކުފާނުގެ މޫނުފުޅުމަތިން ފެންނަނީ އިންތިހާއަށް އަޅާލާ، އަދި ހިތާމައިގައި ބައިވެރިވާ މީހެއްގެ މަކަރުވެރި ކުލަވަރެކެވެ.

"ހާލާ... ކިހިނެއްވީ؟" އާލަމް އޯގާތެރިކަން ދައްކަމުން ސުވާލުކުރެއްވިއެވެ."ކުޑަ ފެންފޮދެއް ބޯލާ..."

ހާލާ ފެންތަށީގައި އަތެއް ނުލިއެވެ. އެކަމަނާގެ ލޯފުޅުން ހުއްޓުމެއްނެތި ކަރުނަފޮދު އޮހެން ފެށިއެވެ. "ބޭބޭފުޅާ... ޒާއިމް... ޙަޤީޤަތުގައިވެސް އަޅުގަނޑު ދޫކޮށްފައި ދިޔައީތަ؟ ދިރިއުޅުމުގެ މުޅި އުއްމީދު ގެއްލުނީތަ؟"

އާލަމް އިސްޖަހާލެއްވިއެވެ."ހާލާ...ބޭބެވެސް ބޭނުމެއް ނޫން މި ޙަޤީޤަތް ޤަބޫލުކުރާކަށް........ ޒާއިމްއަކީ އަހަރެންގެ ބޭބެ... ނަމަވެސް... މާތްﷲ ގެ ނިޔާފުޅާމެދު އަހަރެމެންނަށް ކުރެވޭނެ ކަމެއް ނެތް. އޭނާ ވަނީ ޝަހީދެއްގެ މަތިވެރި ދަރަޖަ ހޯދާފައި..."

އާލަމް ކުޑަކޮށް ހާލާއާ ކައިރިއަށް ޖެހިވަޑައިގެންފާ ހާލާގެ ކޮނޑުފުޅުގައި އަތްޖައްސާލަން އުޅުއްވިއެވެ. ނަމަވެސް ހާލާ ފަހަތަށް ޖެހިލިއެވެ.

"ހާލާ... އަހަރެން ކޮއްކޮއަށް ދެރައެއް ދޭކަށް ނޫޅެން," އާލަމް އޭނާގެ އަސްލު މަޤުޞަދު ހާސިލުކުރުމަށްޓަކައި ވާހަކަދައްކަވަން ފެށްޓެވިއެވެ. "ޒާއިމް ނެތް ދުނިޔެއެއްގައި ކޮއްކޮ އެކަނިވެ، ހާލުގައި ޖެހޭކަށް ބޭބެ ބޭނުމެއް ނޫން. ކޮއްކޮގެ ޝަހަރުގައ އަބަދުވެސް ރައްކާތެރިކަން ލިބޭނެ. ކޮއްކޮގެ ޙިމާޔަތުގައި ކައިރީގައި އަބަދުވެސް ހުރުމަށް ބޭބެ ތައްޔާރު. ޒާއިމްގެ ހަނދާންތަކާއެކު، ކޮއްކޮގެ ދިރިއުޅުން އުޖާލާކޮށްދޭނަން..."

ހާލާ އާލަމްގެ ލޯފުޅަށް ނަޒަރު ހުއްޓަވައިލެއްވިއެވެ. އާލަމްގެ ދުލުން އެ ނުކުތް ބަސްތަކުގެ ފަހަތުގައިވާ ނުބައި ނިޔަތް ހާލާއަށް ކުޑަކޮށް އިޙްސާސްވިއެވެ.

"ބޭބޭ........." ހާލާގެ އަޑުގައިވަނީ ސާބިތުކަމެވެ. "ޒާއިމްގެ ހަނދާންތަކަކީ އަޅުހަނޑުގެ ފުރާނަ.... ޒާއިމް ޝަހީދުވީކަމަށް ބޭބެ ވިދާޅުވިޔަސް... ހިތް ބުނަނީ ޒާއިމް އަދިވެސް ދިރިހުންނެވި ކަމަށް... އަދި ޒާއިމް ނެތް ދުނިޔެއެއްގައިވެސް، މިހިތުގައި ޒ\ައިމް ފިޔަވައި އެހެން އެއްވެސް ފިރިހެނަކަށް ޖާގައެއް ނުލިބޭނެ..... އަހަރެންގެ ރައްކާތެރިކަން ހޯދާނީ ހަމައެކަނި ﷲގެ ހަޟުރަތުން..."

އާލަމްގެ މޫނުމަތިން ކޯފާއާއި ނުރުހުން ފެންނަންފެށިއެވެ. ނަމަވެސް އެ މަނިކުފާނު އަވަހަށް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލެއްވިއެވެ.

'ހާލާ... ގޮތްދޫނުކުރިޔަސް، ވަގުތު ދާވަރަކަށް ހާލާގެ މައްޗަށް އަހަރެންގެ ބާރު ފޯރާނެ....."' އާލަމް ހިތްޕުޅުގައި އެކި ބާަވަތުގެ ޚިޔާލުތައް ހިނގަން ފެށިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު