ޗާޖުން ފޯނު ނައްޓައިލަމުން، އޭނާ އައިސްފައިވާ މެސެޖަށް ބަލައިލިއެވެ. އުންމީދުކުރި ގޮތަށް އެއީ ނަހާގެ މެސެޖެކެވެ.
ޒަރޫންގެ ދެލޯ ވިދައިގަތެވެ. މޫނުމައްޗަށް އުޖާލާކަމެއް ވެރިވެގެންދިޔަ އިރު، އޭނާގެ ތުންފަތް މައްޗަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ހިތުގެ ތެޅުމުން ކޮންމެވެސް ކަހަލަ އިޝާރާތްތަކެއް އޭނާގެ އަމިއްލަ ނަފްސަށް ދެމުން ދިޔަ ނަމަވެސް، ޒަރޫންއަށް އެ ކަން އަދި ރޭކާނުލައެވެ.
ނަހާ ބުނެފައި އޮތީ އޭނާއަށް ޒަރޫންގެ މަސައްކަތް ކަމުދާ ކަމުގައެވެ. އިތުރަށް ވާހަކަ ދައްކައިލަން ބޭނުންވާކަމުގައެވެ. މާދަމާ ދިމާވާނެ ކަމަށް އުންމީދުކުރާ ކަމުގައި ވެސް މެސެޖުގައި އޮތެވެ. ޒަރޫންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވެގެން ދިޔަ އިރު، އެ އަށް ޖަވާބު ދޭނެ ގޮތަކާ މެދު އޭނާއަށް ވިސްނެން ފެށިއެވެ.
"ސީ ޔޫ ޓުމޯރޯ." ޒަރޫން ލިޔުނެވެ. "ގުޑް ނައިޓް."
އިތުރަށް ދައްކާނެ ވާހަކައެއް އޭނާއަކަށް ނޭނގުނެވެ. އެހެންކަމުން ރޭގަނޑުގެ ސަލާމްކޮށްލާފައި ޒަރޫން ވެސް އިތުރު އެއްޗެއް ނުބުންޏެވެ. ނަހާގެ މެސެޖަކަށް އިންތިޒާރުގައި ގިނައިރު ހުންނާކަށް ނުޖެހުނެވެ. "ސީ ޔޫ ޓޫ." އޭ ޖަހައިލުމަށް ފަހު ނަހާ ވެސް މެސެޖެއް ފޮނުވައިލިއެވެ. ޒަރޫން އަލުން ފޯނު ޗާޖަށް ޖަހަމުން އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ނަހާއާ ބައްދަލުކޮށްލާ ވާހަކަ ދައްކައިލެވޭނެ ޚިޔާލުން އޭނާގެ ހިތަށް ފިނިކަމެއް ވަނީ ލިބިގެން ގޮސްފައެވެ.
ފަތިސް ނަމާދަށް ހޭލިގޮތަށް ޒަރޫންއަކަށް ނުނިދުނެވެ. ކުޑަކޮށް ޤުރުއާން ކިޔަވާލުމަށް ފަހު، ދެން އޭނާ އިށީނީ ކޮންޕިއުޓަރު ކައިރީގައެވެ. ކުރިން ދުވަހަކު ނެގި ފޮޓޯތަކެއް އެޑިޓްކުރަން ފެށިއެވެ. އާއްމުކޮށް ފަތިސް ނަމާދަށް ފަހު ކަސްރަތުކޮށްލަން ދާ ޒަރޫންގެ އެ ޚިޔާލެއް ވެސް ނެތެވެ.
މަސައްކަތުގައި ފުދޭވަރަކަށް ގިނަ އިރު ހޭދަވިއެވެ. ހަށިގަނޑު ދަމައިލަމުން ގަޑިބަލައިލި އިރު ހަތެއްޖަހަނީއެވެ. އޭރު އޭނާގެ ކަނދުރާގައި ކޮންމެވެސް ވަރަކަށް ތަދެއް ހުއްޓެވެ. މާ ގިނައިރު އެއްގޮތަކަށް އިނދެވުނީއެވެ. ފޮޓޯތައް ޑްރައިވްއަށް އަޅައިލުމަށްފަހު، ލިންކު ހިއްސާކޮށްލުމަށް ފަހު އޭނާ ތެދުވެލިއެވެ. ހަށިގަނޑުގައި ހުރި ލޮޑުކަން ފިލުވައިލަން އޭނާ ބޭނުންވީ ކޮފީއެއް ބޯލާށެވެ. ތިރިއަށް ދިޔައިރު އާދައިގެ މަތިން މަންމަ މަސައްކަތުގައި އުޅެއެވެ. ޒަރޫން ގޮސް ބަދިގެ ވަތްގަނޑުގައި ހުރި ދަޅު ނަގާ އޭގެން ކޮފީ ޕެކެޓެއް ނެގިއެވެ. ޕެކެޓު ޖޯޑަށް އަޅައިލުމަށް ފަހު ފެން ހޫނުކުރަން ޖައްސައިލިއެވެ. ކެބިނެޓުގައި ލެނގިލައިގެން އޭނާ ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ. ފެން ހޫނު ވުމުން، ޖޯޑަށް ފެންއަޅައިލުމަށް ފަހު ސަމްސަލެއް ނަގާ ގިރައިލައިގެން ގޮސް އޭނާ އިށީނީ މޭޒު ކައިރީގައެވެ.
ކޮފީ ޖޯޑުން ފުރަތަމަ ބޯލި އެތިފޮދާ އެކު ވެސް އާރާމުކަމެއް އޭނާއަށް އިޙްސާސްވިއެވެ. ޒަރޫންއަކީ ކޮފީގެ އެކި އެކި ރަހަތަކަށް ވަރަށް ލޯބިކުރާ މީހެކެވެ. އެހެންކަމުން، އެކި ވައްތަރުގެ ކޮފީތައް ވެސް އޭނާ ގަނެގެން ގެނެސްފައި ބަހައްޓައެވެ.
"ހާދަ އަވަހަކަށް ހޭލައިގެން ތި އުޅެނީ؟" ޒައިނަބު މަސައްކަތުގައި އަވަދި ނެތި އުޅެމުން މޭޒު ދޮށުގައި އިށީން ޒަރޫންއަށް ބަލައިލިއެވެ. އާއްމުކޮށް ޒަރޫން ފަތިސް ނަމާދުކޮށްލައިގެން ދުވެފައި އައިސް ނިދާލާތީ ޒައިނަބު ސުވާލުކޮށްލީއެވެ.
"ފަތިހު ހޭލި ގޮތަށް ނުވެއް ނިދުނު." ޒަރޫންއަށް ބުނެވުނެވެ. ހަޤީޤަތުގައި އޭނާގެ ނިދި ގެއްލުމުގެ ސަބަބަކީ ނަހާއެވެ. އެކަމަކު އެ ކަން އަދި ޒަރޫންއަށް އިޙްސާސްވީހެނެއް ހިޔެއްނުވެއެވެ.
ކޮފީ ބޯލައިގެން ދެން އޭނާ އެރީ މައްޗަށެވެ. މަންމަ އެއްޗެހި ތައްޔާރުކޮށް ނިމެންވާއިރަށް ކުޑަކޮށް ތާޒޭވެލުމުގެ ބޭނުމުގައެވެ. ކަނޑުނޫލުލައިގެ ޓީޝާޓަކާއި ޑެނިމް ޖީންސްއެއް ލައިގެން ތައްޔާރުވެލައިގެން އޭނާ ތިރިއަށް އައި އިރު މަންމަ ހުރީ ހުރިހާ އެއްޗެހި ތައްޔާރުކޮށްފައެވެ.
ކޮތަޅުތައް ހިފައިގެން ޒަރޫން ގެއިން ނުކުތެވެ. އޭނާ ގޮސް ސައިކަލަށް އަރައިގެން ދުއްވައިލިއެވެ.
ކެފޭއާ ހިސާބަށް އައިސް ސައިކަލު ޕާކުކޮށްލާ ސައިކަލުން ފޭބި ޒަރޫން އާދައިގެ ފިޔަވަޅުތަކެއްގައި ގޮސް ކެފޭއަށް ވަދެ ގަޑި ބަލައިލިއެވެ. އަށެއް ޖަހަން މިނެޓެއް އަދި އެބަ އޮތެވެ. އޭނާ ގޮސް ކައުންޓަރު މަތީގައި ކޮތަޅުތައް ބަހައްޓައިލިއެވެ. އޭރު ނަހާ ހުރީ ތަންކޮޅެއް ދުރުގައި އެ ތަނުގެ ސްޓާފަކާ ވާހަކަ ދައްކާށެވެ. ޒަރޫން ފެނުމުން އޭނާ އައިސް ކައުންޓަރު ކައިރީގައި ހުއްޓުނެވެ. އެއަށްފަހު އާދައިގެ މަތިން، ކޮތަޅުތަކުން ޑިސްޕޯސަބަލް ތަށިތައް ނަގާ ގުނަން ފެށިއެވެ. ޒަރޫން އެއްޗެއް ނުބުނެ ކައުންޓަރު ދޮށުގައި މަޑުކޮށްލައިގެން ނަހާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. އެކަން ކޮށް ނިންމާފައި އާދައިގެ މަތިން ލާރި ޒަރޫންއާ ހަވާލުކޮށްލިއެވެ. އެއަށް ފަހު ނަހާ ވާހަކަ ދެއްކިއެވެ.
"ކޮފީ، އެސްޕްރެސޯއެއް؟" ނަހާ ސުވާލުކޮށްލުމާއެކު ޒަރޫންއަށް ދެ ބުމަ އަރުވައިލެވުނެވެ.
"އެސްޕްރެސޯއެއް." ޒަރޫން ބުނެލިއެވެ. އޭނާ ކޭޝް ކާޑު ނަގަން އުޅުމުން، ނަހާ އެ ކަން މަނާކުރިއެވެ.
"އިޓްސް އޮން މީ..." އެހެން ބުނެލުމަށް ފަހު، ނަހާ އެދުނީ އިށީނުމަށެވެ. އޭނާ އެބަ ދަންކަމުގައި ބުނުމުން ޒަރޫން ވެސް ވޮލެޓު ޖީބަށްލަމުން ގޮސް ދެމީހުންނަށް އިށީނދެވޭ ގޮތަށް ހުރި މޭޒެއްގެ ކައިރީގައި އިށީނދެލިއެވެ. އެއަށް ފަހު އޭނާ ފޯނު ނަގާ ހުޅުވައިލިއެވެ. އެހެންނަމަވެސް، ފޯނަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. އޭނާގެ ނަޒަރު ގިނަ ވަގުތު ހުއްޓެމުން ދިޔައީ ކައުންޓަރު ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ ނަހާއަށެވެ. ޒަރޫން އެ ގޮތުގައި އިންދާ ކޮފީ ހިފައިގެން އައިސް މޭޒުމަތީގައި ބަހައްޓަމުން ނަހާ ވެސް ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު، އޭނާ ހަމަޖެހިލިއެވެ.
"ސޯ... އަމް... އަހަރެން ބޭނުންވޭ ފޮޓޯ ނަހާފަ ޕޯސްޓްރަސް ވެސް ހަދަން." ވާހަކަ ފެށީ ނަހާއެވެ. ޒަރޫން ބޯ ޖަހައިލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނުމުގެ ގޮތުންނެވެ. ނަހާ އޭނާ ބޭނުންވާ ގޮތް ޒަރޫންއަށް ކިޔައިދިނެވެ. ޒަރޫން އެ ވާހަކަތައް ކަނުލާ އަޑު އަހަމުން ދިޔަ އިރު، އިރުއިރުކޮޅަކާ ކޮފީ ފޮދެއް ވެސް ބޯލައެވެ. ނަހާ ހުރިހާ ވާހަކައެއް ދައްކާ ނިންމާލާފައި ޒަރޫންއަށް ބަލައިލިއެވެ. އޭނާ ޒަރޫންގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. އަގުގެ ވާހަކަ ދެއްކޭނީ ޒަރޫން އެއްބަސްވަންޏާތާއޭ ނަހާގެ ހިތަށް އެރިއެވެ.
"އަހަރެން ތި ކަންތައް ކޮށްދީފާނަން." ޒަރޫން އާނ ބަސް ދިނެވެ. ނަހާއަށް ހިނިތުންވެވުނެވެ.
"ކިހާ ވަރަކަށް މި ހުރިހާކަމެއް ކޮށްދޭނީ؟" ނަހާ އަހައިލިއެވެ. އެއީ އޭނާއަށް އެންމެ މުހިންމު ކަންތަކެވެ. އެކަށީގެންވާ އަގަކަށް އެކަންތައްކޮށްދެންޏާ ޒަރޫންއާ އެ މަސައްކަތް ހަވާލުކުރަން އޭނާ ހުރީ ނިންމައިގެންނެވެ.
"ތީ ފުދޭވަރަކަށް ބުރަ މަސައްކަތަކެއް. ފޮޓޯ ނަގާފަ، އެޑިޓްކޮށްފަ، ޕޯސްޓަސް ހެދުން." ޒަރޫން ވިސްނައިލިއެވެ. އެ ހުރިހާކަމަކަށް ހޭދަވާނެ ވަގުތު އޭނާ އަންދާޒާކޮށްލާފައި، އަގު ކިޔެވެ. އާއްމުކޮށް ކިޔާ ވަރަށް ވުރެ ކުޑަކޮށް ހެޔޮކޮށެވެ. އެހެންނަމަވެސް އޭނާ ކުރާ މަސައްކަތާ އެކަށީގެންވާ އަގެކެވެ. ނަހާ އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒަރޫންއަށް އެއް ބުމަ އަރުވައިލެވުނެވެ. އޭނާ ހީކުރީ ނަހާއަށް އެވަރު ވެސް ބޮޑުވަނީ ކަމަށެވެ.
"ހާދަ ހެޔޮކޮށޭ ތި ކޮށްދެނީ؟" ނަހާއަށް ސުވާލުކޮށްލެވުނެވެ. އެހިތުގައި ދައުރުވަމުންދިޔަ އެއްޗެއް ޒަރޫންއަށް ދެނެގަނެވުނީ ދެނެވެ.
"އިތުރުކޮށްލަންވީތަ؟" ޒަރޫން އަހައިލިއެވެ. އޭނާ އަނެއްކާވެސް ކޮފީ ޖޯޑުން އެތިފޮދެއް ބޯލިއެވެ.
"ނޫންނޫން! އެހެންމީހުން ކިޔާ އަގާ ބަލާފަ ކުޑަވީމަ އަސްލު." ނަހާއަށް ބުނެވުނެވެ.
"ކޮން އިރަކުން އެހެންވީމަ މިކަންތައް ކުރަން ބޭނުންވަނީ؟" ނަހާގެ ވާހަކައިން ހީނލި ޒަރޫން ވާހަކަ ދެއްކިއެވެ.
"މާދަން ނޫން އަނެއް ދުވަހު އޯކޭވާނެތަ؟" ނަހާއަށް ސުވާލުކޮށްލެވުނެވެ.
"އަހަންނަށް އޯކޭ. އަނެއްހެން ފްރީވާނެ. އާއްމުކޮށް ހަވީރާ ރޭގަނޑު ނޯންނާނެ މާ ބޮޑު ކަމެއް. އެގަޑި އޯކޭވާނެތަ؟ ހެނދުނުކޮޅު ކުޑަކޮށް އުނދަގޫވާނެތީ!" ޒަރޫން ބުނެލިއެވެ. އޭނާއަކީ ފްރީލާންސް ފޮޓޯގްރާފަރެކެވެ. އެހެންކަމުން، އޭނާ ޕްރޮޖެކްޓްތައް ނަގާއިރު، ބައްޕައާ އެކީ ގަރާޖުގައި މަސައްކަތްކުރާ ގަޑިތަކުގައި ފޮޓޯ ނެގުމުގެ އެއްވެސް މަސައްކަތެއް ނުކޮށްވޭތޯ ބަލައެވެ.
"އަހަންނަށް ވެސް އޯކޭ... އެޑްވާންސް ނަގާނެތަ؟" ނަހާ ސުވާލުކޮށްލިއެވެ.
"ނޫނޭ. ނިމުނީމަ ދެއްކީމަ އޯކޭވާނެ." ޒަރޫން ހީނލިއެވެ. ނަހާ ވެސް ރައްދުގައި ހިނިތުންވުމެއް ދިނެވެ.
ޒަރޫން ކޮފީ ބޮއި ނިންމާލުމަށް ފަހު، ނަހާއަށް ޝުކުރު އަދާކުރިއެވެ. އެއަށް ފަހު އޭނާ ދާން ތެދުވީ އިތުރުކަމެއް ބޭނުންނަމަ މެސެޖުކޮށްލަން ނުވަތަ ގުޅާލަން ބުނެފައެވެ. ނަހާ އެންމެ ފުރަތަމަ ވެސް ކައުންޓަރ ކައިރިއަށް ގޮސްފައި ޔޫލިއާއަށް މެސެޖުކޮށްލިއެވެ.
*****
މެންދުރުގެ ހޫނުން ދުނިޔެމަތި ދޮންކުރަމުން ދިޔައެވެ. ދުރުދުރުން ފެންނަމުން ދިޔަ އަވާމެންދުރުތަކާ އެކު މަގުމަތި ވެސް ހީވަނީ އަވަނެއް ހެންނެވެ. އެހެންނަމަވެސް، މާލޭގެ ހަލަބޮލި މަގުތަކަށް ހިމޭންކަމެއް ވެރިއެއް ނުވެއެވެ. ހިނގާބިނގާވެ އުޅޭ މީހުންނާ ދުއްވާއެއްޗެހި ވެސް އެހާ ގިނައެވެ. ޒަރޫންއާއި ތައިމޫރާ ދެމީހުން މިސްކިތުން ފޭބީ އެކުއެކީގައެވެ. ޒަރޫން ގެއަށް އައީ ތައިމޫރު ގޮވައިގެން ސައިކަލުގައެވެ. އައި އިރު ވެސް ދެބަފައިން ދިޔައީ ތަފާތު އެކިއެކި ވާހަކަތައް ދައްކަމުންނެވެ. ތައިމޫރު ގަރާޖުގައި މަޑުކޮށްލި އިރު ޒަރޫން އެއީ މައްޗަށެވެ. އޭރު ތަސާމާ އިނެވެ.
"ދޮންތާ! ކޮބާ ދޮންތަބޭ؟" ޒަރޫން ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ.
"ހަވީރު ބަލާ އަންނާނެ. އޭރުން ދިމާވާނެ." ތަސާމާ ހިނިތުންވެލިއެވެ.
"މަންމަ ކޮބާތަ؟ އެނގޭތަ ދޮންތަ އައިސް އިންކަން؟" ޒަރޫން އަނެއްކާ ވެސް އަހައިލިއެވެ.
"ނަމާދުކޮށްލަން އެ ވަނީ." ތަސާމާ ބުނެލިއެވެ. ޒަރޫން އެ އައި ގޮތަށް އައިސް ސޯފާމައްޗަށް ވެއްޓިގަތެވެ. ކުރިމަތީގައި ހުރި މޭޒުމައްޗަށް ފައި އަރުވާލައިގެން އޭނާ ފޯނަށް ބަލައިލިއެވެ. އިންސްޓަގްރާމުން އައިސްފައިވާ މެސެޖަކަށް ޖަވާބު ދިނުމަށް ފަހު، އޭނާ ތަސާމާއާ ދިމާލަށް ބަލައިލި އިރު ތަސާމާ އިނީ ނިކަން ފުންކޮށް އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.
"ކިހިނެއްވީ؟ އަހަރެން މޫނުގަ އެއްޗެއް ހުރީތަ އަނެއްކާ؟" ޒަރޫން އަހައިލަމުން މޫނުގައި ދެ އަތް ޖައްސައިލިއެވެ. ތަސާމާ ހީނލަމުން ދެ ފަރާތަށް ބޯ ހޫރައިލިއެވެ.
"ކިހިނެއްވީތަ ދޮންތާ! ކީއްވެ ތިހެން ތި ބަލަނީ؟" ޒަރޫންއަށް އަނެއްކާ ވެސް އަހައިލެވުނެވެ. ތަސާމާގެ ސިކުނޑީގައި އެ ވަނީ ކޮންކަހަލަ ކަންތައްތަކެއްކަން އޭނާއަށް ފަހުމްވަމުން ދިޔަ ނަމަވެސް، އެކަމާ މާ ސީރިއަސް ވާކަށް ޒަރޫން ބޭނުމެއް ނޫނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާ ކުރާ ކޮންމެ ކަމެއް ވެސް ކުރަނީ އެތަކެއް ގޮތަކުން ވިސްނުމަށްފަހުއެވެ.
"ޒަރޫއަށް އެނގޭނެ ކީކޭ ބުނަންކަން ދޮންތަ މިއުޅެނީ؟" ތަސާމާ ވާހަކަ ފެށީ ދުރުދުރުންނެވެ.
"އެއްކަލަ ޒަރޫ... ޕިސް. ދޮންތާ!" ޒަރޫންއަށް މޫނަށް ގޮތެއް ހަދައިލެވުނެވެ. ސީރިއަސްވާން ބޭނުންނުވާކަން އޭނާގެ ޢަމަލުތަކުން ތަސާމާއަށް އެނގުނެވެ.
"ޒަރޫން... ދޮންތަ ވަރަށް ސީރިއަސްއޭ. ހަމަ ކޮންމެ ކަމެއް މަޖަލަކަށްތަ ނަގަން ޖެހެނީ؟" ތަސާމާއަށް ބުނެވުނެވެ. ދޮންތަ ހިތްހަމަނުޖެހުނުހެން ހީވުމާއެކު ޒަރޫން ދެ އަތް މައްޗަށް އުފުލައިލާ އަމާން ދެމުން މާފަށް އެދުނެވެ.
"ދެން ކިޔާބަ. އަޑު އަހަން މީނީ." ޒަރޫން ބުނެލިއެވެ.
"އެބައިން ވަރަށް ސަޅިތަނަކުން ގްރެފިކް ޑިޒައިނަރއަކަށް އިއުލާނުކޮށްފަ. އެކަމަކު ފުލްޓައިމް. ފުދޭވަރަކަށް ސެލެރީ ވެސް ރަނގަޅު. ޓްރައިކޮށްލަންވީނު." ތަސާމާ ބުނެލިއެވެ. ޒަރޫން މޭޒުމަތިން ފައި ނަގާފައި ތިރިކޮށްލަމުން ތަސާމާއަށް ބަލައިލިއެވެ.
"ފުލްޓައިމް ވީމަ ނުވާނެ ދޮންތާ!" ޒަރޫން ބުނެލިއެވެ.
"އެއީ ކީއްވެ؟" ތަސާމާއަށް ބުނެވުނެވެ.
"ދޮންތައަށް އެނގެއެއްނު. ހެނދުނުކޮޅު އަހަންނަކަށް ވަގުތެއް ނުވާނެ. އެހެން ނޫނަސް، ފްރީލާންސްކޮށް މި މަސައްކަތްކޮށްގެން ވެސް އަހަންނަށް ވާވަރަށް ލިބެޔޭ." ޒަރޫންއަށް ބުނެވުނެވެ. "އަހަރެން ނެތިއްޔާ ބައްޕައަށް ވެސް ކިހާ އުނދަގޫވާނެ. މިހާރަކު ގަރާޖުގެ މަސައްކަތްތައް ވެސް ބައްޕައަކަށް ނުކުރެވޭކަން ދޮންތައަށް އެނގެއްނު."
"ތިކަން އެނގެޔޭ. ކުރިން ގެނައިހެން ބޭރު މީހަކު ގެންނާނީނު." ތަސާމާއަށް ބުނެވުނެވެ.
"އޭރުން އަނެއްކާ އަނެއް ޚަރަދެއްނު ހިނގާނީ. ބައްޕަ ބަލިވެފަ ރަނގަޅުވިފަހުން އަދި ކިރިޔާ ކަންތައްތައް ހަމައަކަށް މި އެޅުނީ، މި ވަގުތަށް ކުރަން އެންމެ ރަނގަޅުކަމެއް ނޫން ތީ ދޮންތާ!" ޒަރޫންއަށް ބުނެވުނެވެ.
"ޒަރޫ ދެން ހަމަ ގަސްތުކޮށްގެން ތިހުރީ އުމުރަށް ތިހެން އުޅެން؟ ކޮބާ ކިޔެވި އެއްޗެއްގެ ބޭނުމަކީ؟" ތަސާމާއަށް ބުނެވުނެވެ. ޒަރޫންގެ ހުވަފެންތަކެއް ވާކަން އޭނާ ދަނެއެވެ. އެހެންނަމަވެސް، ކޮންމެ ފަހަރަކު ވެސް އަމިއްލަ އުފާތައް ޤުރުބާންކޮށްފައި އޭނާ އިސްކުރަނީ އާއިލާއެވެ.
"ދޮންތާ! އަހަންނަށް މި ގޮތް އޯކޭއޭ. ފުލްޓައިމް ޖޮބަކަށް ނުދިޔަޔަސް، އަހަރެން ކިޔެވި އެއްޗެއްގެ ބޭނުން އެބަ ކުރެވެއެއްނު. އެކަން ކުރަމުން ބައްޕައަށް ހެލްޕްވަމުން، މަންމައަށް ހެލްޕް ވަމުން... މި ގޮތް އޯކޭއޭ..." ޒަރޫން ތަސާމާގެ އަތުގައި ހިފަހައްޓައިލާފައި ބުނެލިއެވެ. އޭނާ ހިނިތުންވެލަމުން އެކަން ތަސާމާއަށް ޔަޤީންކޮށްދޭން މަސައްކަތްކުރިއެވެ. "ދޮންތަ ޤަބޫލުކޮށްބަލަ. އައެމް ރިއަލީ ހެޕީއޭ..."
"އެހެން ނޫނަސް، މީހެއްގެ ދަށުން ވޯކްކުރުމަށް ވުރެ ކިހާ ފަން ތަ މިހެން އުޅެން. އަހަރެންގެ ބޮސްއަކީ އަހަރެން." ޒަރޫން އަނެއްކާ ވެސް ސަމާސާކޮށްލިއެވެ. ތަސާމާއަށް ހީނލެވުނެވެ.
"މީނަ ކައިރިން ސަލާމަތެއް ނުވެވޭނެ." ތަސާމާއަށް ބުނެވުނެވެ.
"އާނ. ނުވެވޭނެ." ޒަރޫން ވެސް ހިނިގަނޑެއް ޖަހައިލިއެވެ.
ޒަރޫން މަތީ ތަޢުލީމު ހާސިލްކުރީ ފޮޓޯ ގްރަފީއާ ގްރްފިކް ޑިޒައިނިންގ ގެ ދާއިރާއިންނެވެ. އެގޮތުން އޭނާ ވަނީ ގްރެފިކް ޑިޒައިނިން އެންޑް ވިޒުއަލް ކޮމިއުނިކޭޝަންގެ ދާއިރާއިން، ޑިގްރީ ހާސިލްކޮށްފައެވެ. އޭގެ އިތުރުން މާސްޓާރަސް އިން އާރޓްސް އިން ފޮޓޯގްރަފީ ވިޝުއަލް ޑިޒައިންސް ވެސް ހާސިލްކޮށްފައެވެ. އެހެންނަމަވެސް، އެ ދާއިރާއިން ދާއިމީ ވަޒީފާއެއް ހޯދައިގެން ކުރިއަށް ދިޔުމަކީ ޒަރޫން އަދި ބޭނުންވާގޮތެއް ނޫނެވެ. އެގޮތަށް އެކަންތައް ކޮށްފިނަމަ ބައްޕައަށް އުނދަގޫވާނެކަން އެނގޭތީއެވެ. އާއިލާގެ އުފަލަކީ އޭނާގެ އުފަލާއި ހިތްހަމަޖެހުމެވެ. އެހާ އަމިއްލަ އެދުން ބޮޑު މީހަކަށް އޭނާ ވާނީ ކިހިނަކުން ހެއްޔެވެ؟
އެހެން ތިއްބާ ޒައިނަބު ނުކުމެއްޖެއެވެ. އޭނާއަށް ޒަރޫން ފެނުމާ އެކު ވާހަކަ ދެއްކިއެވެ.
"ދަރިފުޅަށް ކޮންމެވެސް އުނދަގުލެއް ކުރަނީ ދޯ އެ." ޒައިނަބު އަހައިލިއެވެ. އެއާއެކު ތަސާމާ އާނއެކޭ ބުނެލިއެވެ.
"ހުސް ދޮގު" ޒަރޫން ލޯ އަޅައިލަމުން ބުނެލިއެވެ.
"ކޮބާތަ އެ ޒާލް. އޭނައާ ދިމާނުވާނެ ގެއަށް އަންނަ ދުވަހަކު." ތަސާމާ ބުނެލިއެވެ.
"ކޮލެޖުގަ ވީ. މީ މާ ބުރަދުވަސްކޮޅެއް ވިއްޔަ." ޒައިނަބު ބުނެލިއެވެ. އޭނާ ވެސް އައިސް ސޯފާގައި އިށީނދެލިއެވެ.
*****
ފެންވަރައިލައިގެން ޒަރޫން ނުކުމެ ތައްޔާރުވާންވެގެން ހުއްޓާ ފޯނަށް މެސެޖެއް އައެވެ. އޭނާ މެސެޖު ބަލައިލިއެވެ. އެއީ ނަހާގެ މެސެޖެކެވެ. މަސައްކަތް ފެށުމުގެ ކުރިން އޭނާ ދައްކަން ބޭނުންވާ ބައެއް ވާހަކަތައް ހުރިކަމަކަށާއި، ޒަރޫންގެ ޚިޔާލެއް ބޭނުންވާކަމުގައި ނަހާ ބުނެފައި އޮތެވެ. އޭގެ އިތުރުން ޒަރޫންއަށް ވަގުތު ވާނެ އިރެއް އަހާފައި އޮތެވެ.
"މިރޭ އޯކޭތަ؟" ޒަރޫން ވަގުތުން ޖަވާބު ދިނެވެ.
"އޯކޭވާނެ. ކެފޭ؟" ދެވަނައަށް ނަހާ ފޮނުވި މެސެޖުގައި އޮތެވެ.
"ކޫލް." ޒަރޫން ވެސް ރައްދުގައި ޖަވާބެއް ދިނެވެ. އޭނާ ގޮސް އެނދުމަތީގައި އިށީނދެވެ. ނަހާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ.
"ސީ ޔޫ އެޓް އެއިޓް އެހެންވީމަ." ނަހާ ބުނެލިއެވެ.
"އެއިޓް... ރޭގަނޑަސް ހެނދުނަކަސް އެއިޓް. އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކާ ދިމާވާ ރަސްމީ ގަޑި..." ޒަރޫންގެ ތުންފަތް މަތީގައި މައުނަވީ ހިނިތުންވުމެއް ދުވެލިއެވެ.
ރޭގަނޑު އަށެއްޖަހަން ފަސް މިނެޓަށް ވިއިރު ޒަރޫން ހުރީ ކެފޭގެ ދޮރުމަތީގައެވެ. އޭނާ އެތެރެއަށް ވަދެފައި އެންމެ ފުރަތަމަ ވެސް ބަލައިލީ ކައުންޓަރާ ދިމާލަށެވެ. އުންމީދުކުރެވުނީ ނަހާ ހުންނާނީ އެތަނުގައި ކަމަށެވެ. އެހެންނަމަވެސް، ކައުންޓަރުގައި ހުރީ އެހެން ކުއްޖެކެވެ. އޭރު ވެސް ކައުންޓަރު ދޮށުގައި އޯޑަރު ދޭންވެގެން ދެމީހަކު ތިއްބެވެ. ޒަރޫން ވަށައިގެން ބަލައިލިއެވެ. އެއާއެކު މޭޒެއްގެ ދޮށުގައި އިން ނަހާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާ އެކު، އޭނާ އެ ދިމާލަށް ހިނގައިގަތެވެ. ނަހާ އިނީ ކުރިމަތީގައި ބަހައްޓައިލެވިފައިވާ ލެޕްޓޮޕަށް ނަޒަރު ހުއްޓައިލައިގެންނެވެ. އޭނާގެ ހުރިހައި ސަމާލުކަމެއް ދެވިފައިވަނީ ލެޕްޓޮޕަށް ކަމުން، ކައިރިއަށް އައިސް މީހަކު ހުއްޓުނުކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. ޒަރޫން ބޭނުންވީ ސަމާސާއެއް ކޮށްލާށެވެ. އޭނާ ވާހަކަ ދެއްކިއެވެ.
"ހައި މަންޖޭ. ހާދަ ބިޒީކޮށްލައިގެން." ޒަރޫންގެ އަޑަށް ނަހާ ދިޔައީ ސިހިގެންނެވެ. އޭނާއަށް ފަސް އެނބުރި ބަލައިލެވުނެވެ. ހީނގަނެގެން ހުރި ޒަރޫން ފެނި ނަހާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.
"ނަހާ...." ނަހާ އޭނާގެ ނަން ބުނެދިނެވެ.
"އޯކޭ... ނަހާ..." ޒަރޫން އެހެން ބުނެލާފައި ގޮސް ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ނަހާ ގޮވައިލީ ވެއިޓަރަކަށެވެ. އެއަށްފަހު، އޭނާ އޯޑަރު ދިނީ އެސްޕްރެސޯއަކަށެވެ. ޒަރޫންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުޅާވިއެވެ.
"އެސްޕްރެސޯއެއް ނޫންތަ ބޭނުންވަނީ؟" ނަހާއަށް ބަލަހައްޓައިގެން އިން ޒަރޫންއަށް އޭނާ ބުނެލިއެވެ.
"ނޫނޭ... އެސްޕްރެސޯއެއް. މިއަދު ވެސް އަހަރެން ޕޭކުރާކަށް ނުޖެހޭނެ ދޯ އެހެންވީމަ." ޒަރޫން ބުނެލިއެވެ.
(ނުނިމޭ)