އީގަލް ހިލްސްއާއެކު މި ސޮއިކުރެވުނު ޕްރޮޖެކްޓާއެކު އިގްސާދީ ގޮތުން ރާއްޖެ، ޖީޑީޕީ އެހެން ލެވެލްއަކަށް ގެންގޮސްދޭނެ: ރައީސް

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ގައި ރައީސް ވާހަކަފުޅުދައްކަވަނީ... ފޮޓޯ/ ސަން

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރެވުނު މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެކަމަށާއި، ރާއްޖޭގެ ޖީޑީޕީ މަތިވެ، ރާއްޖޭގެ އިގްތިސާދާއި ރައްޔިތުންނަށް ލިބޭނީ ބޮޑުތަނުން ކުރިއެރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވިއިރު ދުނިޔޭގެ މާލީ އިދާރާ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން މި އަހަރުގެ ޖޫން މަހު އާންމުކުރި ހިސާބުތަކަށް ބަލާއިރު، ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އުފެއްދުންތެރިކަމުގެ ނިސްބަތުން އެންމެ ދަރަނި ބޮޑު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ. ރާއްޖެއަކީ ވަރަށް ބޮޑަށް އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި އުފެއްދުންތެރިކަން ދަށްވުމަކީ ގައުމުގެ އިގްތިސާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އީގަލް ހިލްސްއާއެކު ވި އެއްބަސްވުމާއެކު ރާއްޖެއަށް އިގްތިސާދީ ގޮތުން އަންނާނެ ކުރިއެރުންތަކާ ގުޅޭ ގޮތުން ވާހަފުޅުދައްކަވާފައެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ގައި ރައީސް ވާހަކަފުޅުދައްކަވަނީ... ފޮޓޯ/ ސަން

އެގޮތުން މި މަޝްރޫޢުގެ ސަބަބުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ކުރިމަތިނުވާނެކަމަށާއި، ރާއްޖޭގެ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން މަތިވެ، ރާއްޖޭގެ އިގްތިޞާދާއި ރައްޔިތުންނަށް ލިބޭނީ ބޮޑުތަނުން ކުރިއެރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ކަންކަން ފުރިހަމަކުރުމަށް އެކިކަހަލަ އިންވެސްޓްމަންޓުތައް މިގެންނަނީ. މިހާރު މި ސޮއިކުރެވިގެން މިދިޔަ ޕްރޮޖެކްޓަކީ އޭގެ ތެރެއިން އެއް ކަންތައް. ދެން މިތަނަކީ އިރާދަކުރެއްވިއްޔާ ހަމަ އިގްތިސާދީ ގޮތުން ބަލާއިރު ވެސް ރާއްޖޭގެ ޖީޑީޕީ އެހެން ލެވެލް އަކަށް، މަތީ ލެވެލްއަކަށް ގެންދާނެ [ތަނެއް]،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ މި އެއްބަސްވެވުނު މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންގެންދާ ވާހަތަކަށް ވެސް ރައްދުދެއްދައި ވާހަކަފުޅު ދައްކަވާފައެވެ.

https://sun.mv/227809

އެގޮތުން ރަސްމާލެއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ތަޞައްވަރު އޮޅޭ ގޮތަށް ވާހަކަދައްކަނީ ރައްޔިތުންނަށް ފައިދާވާ މިފަދަ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް އައުމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢަކީ ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ބޮޑު ފޮރިން އިންވެސްޓްމަންޓްކަން ފާހަގަކުރައްވައި، މިއީ ވަރަށް ރަނގަޅަށް ކުރިއަށްދާ މަސައްކަތެއް ކަމަށާއި މި ބޮޑު މަޝްރޫޢާއިގެން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ

ހަމައެއާއެކު ރަސްމާލޭގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ގާނޫނުން ބޭރު އެއްވެސް ކަމެއް ނޯންނާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "ސޮވްރިން ގެރެންޓީ ދީގެން ނުވަތަ ސަރުކާރުން ލޯނެއް ނަގައިގެން ނުވަތަ ޓެކްސް ކޮންސެޝަން، ޑިއުޓީ އެގްޒެމްޕްޝަނެއް" ފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި މި މަޝްރޫއަކީ ބިމެއް ކުއްޔަށް ދިނުން ކަމަށާއި އެ ބިން މިލްކެއް ވެސް ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބިން ވިއްކާލައި މިލްކުކޮށްދިން ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި، ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ބިމެއް މިލްކުވުމުގެ ފުރުޞަތު ބޭރުގެ ކުންފުންޏަކަށް ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރިއަށް ގެންދާއިރު ބައެއް ސިޔާސީ ފަރާތްތަކުން ދެކޮޅު ހަދަނީ ގައުމު އިސްކުރުމުގެ ވިސްނުން ނެތުމުން ކަމަށެވެ. ވަކިން ޚާއްސަކޮށް ޒިންމާދާރުކަމެއް ނެތި ޤައުމާ މެދު ނުވިސްނައި ކުރެވޭ ކަންކަމުގެ ނޭދެވޭ އަސަރު ޤައުމަށް ކުރާނެ ކަމަށާއި، ކޮންމެ ސަރުކާރަކުން ކުރިއަސް ޤައުމަށް ފައިދާވާ ކަންކަމުގައި ޤައުމު އިސްކުރަންޖެހޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: ފޮޓޯ; އެމްއޭސީއެލް

މީގެއިތުރުން، ރަސްމާލެ ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރަށް އީގަލް ހިލްސް މަޝްރޫޢާއެކު އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން އިގްތިސާދީ، އުމްރާނީ އަދި އިޖުތިމާޢީ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންގެ އުއްމީދުތައް ހާސިލުވެގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ދުބާއީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއު ކަމަށް ސަރުކާރުން ބުނެއެވެ.

comment ކޮމެންޓް