އެކްސިޑެންޓްގައި މަރުވީ 9 މަސް ކުރިން އިމިގްރޭޝަނާ ގުޅުނު އޮފިސަރެއް

ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި އިމިގްރޭޝަން އޮފިސަރު އައިޝަތު މާހިދާ --

މާލޭގެ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރު މަރުވެފައި ވަނީ، މީގެ ނުވަ މަސް ކުރިން މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއާ ގުޅުނު އެސިސްޓެންޓް އޮފިސަރު އައިޝަތު މާހިދާއެވެ.

މި ޙާދިޘާގައި އަނިޔާވި އުމުރުން 26 އަހަރުގެ މާހިދާ މަރުވެފައިވަނީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

https://sun.mv/228069

ފުލުހުންނަށް މި އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ދަންވަރު 01:12 އެހައިކަންހާއިރުއެވެ. މި ހާދިސާގައި މާހިދާގެ އިތުރުން ދެން އަނިޔާވެފައިވަނީ 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ.

މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ށ. ފޯކައިދުއަށް އުފަން މާހިދާ އިމިގްރޭޝަންގެ ވަޒީފާއާ ގުޅުނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ކުރިން އޭނާ މަސައްކަތްކުރީ އެމްޓީސީސީގައެވެ.

މާހިދާ މަރުވުމާ ގުޅިގެން އިމިގްރޭޝަނުން އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، އޭނާގެ ކުއްލި މަރާއެކު ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ އެ އިދާރާގައި ހޭދަކުރި ކުރު މުއްދަތުގައި ރައްޔިތުންނާއި ގައުމަށް ކޮށްދިން އިހުލާސްތެރި ހިދުމަތް ފާހަގަކުރާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، މާހިދާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކޮށް، އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިފައިވެއެވެ.

މާހިދާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ ވަރަށް އިތުރުވެފައެވެ. ދޭތެރެ ދޭތެރެއިން މިފަދަ އެކްސިޑެންޓްގައި މީހުންގެ ފުރާނަ ގެއްލުމާއި ބޮޑެތި އަނިޔާތައް ދަނީ ލިބެމުންނެވެ.

comment ކޮމެންޓް