މި ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވި ނަމަވެސް، އަންނަ އާދީއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވެއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރައިގެ އަސަރު ބޮޑަށްކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ވައިގެ ބާރުމިނަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާއިރު، އެ ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވާތީ އެ ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި މަޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ރާޅުގެ އުސްމިން ދެކުނުގައި 2 އާއި 4 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭއިރު، އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ 4 އާއި 7 ފޫޓާ ދެމެދުގައެވެ.
މެޓް އޮފީހުން ބުނީ މާދަމާ މެންދުރުފަހާއި ހަވީރުގެ ވަގުތުތަކުގައި ވިއްސާރަކުރި ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން ޖުމްލަ ގޮތެއްގައި މޫސުން އަލިވާން ފަށާނެ ކަމަށެވެ. އަދި އާދީއްތަ ދުވަހުން ފެށިގެން ދޭތެރެދޭތެރެއިން ކެރީގެ އަސަރު ފޯރި ނަމަވެސް، ވައިގެ ބާރުމިން ވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވަރަށް ބޮޑަށް މަޑުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ނެރެފައިވާ ލަފާކުރެވޭ ފިނިހޫނުމިނުގެ މައުލޫމާތު --މޫސުން ގޯސްވެ ކަނޑުތައް ގަދަވާ ދުވަސްވަރު، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް މެޓް އޮފީހާއި އެމްއެންޑީއެފް އަދި ފުލުހުން އަބަދުވެސް އިލްތިމާސްކުރެއެވެ.
ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މެޓް އޮފީހުގެ އެލާޓްތަކަށް ސަމާލުވުމަށާއި، ލައިފްޖެކެޓާއި މުވާސަލާތީ އާލާތްތައް ފަދަ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ޔަގީންކުރުން މުހިންމެވެ.
މީގެއިތުރުން އުޅަނދުގެ ކެޕޭސިޓީއަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި، ރޭގަނޑު ދަތުރުކުރުމުގައި އިތުރަށް ސަމާލުވުމަށް އިރުޝާދު ދީފައިވެއެވެ.
ކަނޑުމަތީގެ އެއްވެސް ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް ވަނީ އަންގާފައެވެ.