ތައުލީމީ އަދި ސިއްހީ ފަތުރުވެރިކަމުން ރާއްޖެއާއި މެލޭޝިއާއަށް ބޮޑެތި ފުރުސަތުތަކެއް އެބައޮތް: މެލޭޝިއާ ސަފީރު

މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު ބަދްލީ ހިޝާމް ބިން އާދަމް ---

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ތައުލީމާއި ސިއްޙީ ފަތުރުވެރިކަން ފަދަ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި ގިނަ ފުރުސަތުތަކެއް ފަހިކުރެވެން އެބައޮތް ކަމަށް މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ހައިކޮމިޝަނަރު ބަދްލީ ހިޝާމް ބިން އާދަމް ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ "ޑިޕްލޮމެޓިކް ފޯކަސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ވިދާޅުވީ، ރާއްޖެއިން ފުރައިގެން އެންމެ ހަތަރު ގަޑިއިރުގެ ކުރު ދަތުރަކުން މެލޭޝިއާއަށް ދެވެން އޮންނައިރު، ފަތުރުވެރިކަމުގެ ތަފާތު ގިނަ ޚިދުމަތްތައް ދިވެހިންނަށް އެ ގައުމުން ތަޖުރިބާކުރެވެން އެބައޮތް ކަމަށެވެ. އެގޮތުން ސިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރުމުގެ އިތުރުން، ތަފާތު ކާނާތަކާއި، ގުދުރަތީ ރީތި މަންޒަރުތައް ބަލައިލުމަށާއި ވިޔަފާރިކޮށްލުމަށް ވެސް މެލޭޝިއާއަކީ ދިވެހިންގެ މެދުގައި މަގުބޫލު މަންޒިލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ތައުލީމީ ދާއިރާއިން އޮތް ފުރުސަތުތަކަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ، މަތީ ތައުލީމު ހާސިލުކުރުމަށް މެލޭޝިއާއަށް ދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް އެ ގައުމުން އަބަދުވެސް މަރުހަބާ ކިޔާ ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ޑިގްރީއަށްފަހު ޕޯސްޓް ގްރެޖުއޭޓް ކޯސްތައް ފުރިހަމަކުރުމަށާއި، ސްކޮލަޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އޮނިގަނޑެއްގެ ތެރެއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން މެލޭޝިއާއަކީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަ އަދި ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއް އޮތް ގައުމަކަށްވާތީ، ދިވެހި ދަރިވަރުންނަށް އެ ގައުމުގައި ގިނަ ދުވަހު މަޑުކޮށްގެން ކިޔެވުމުގެ ފަހި މާހައުލެއް އޮތްކަން ވެސް ފާހަގަކުރެއްވިއެވެ.

ހައިކޮމިޝަނަރު އިތުރަށް ވިދާޅުވީ، މެލޭޝިއާގެ އިސްލާމީ މާހައުލާއި، ކޮންމެ ތަނަކުން ވެސް ފަސޭހައިން ހަލާލު ކާބޯތަކެތި ލިބެން ހުރުމާއި، ނަމާދުކުރާނެ ތަންތަން ފަހިވެފައި ހުރުމަކީ ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމަކުން އެ ގައުމަށް ޒިޔާރަތްކުރާ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

https://sun.mv/227555

މީގެއިތުރުން، މެލޭޝިއާ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) ގެ ދަށުން ތަފާތު ދާއިރާތަކުން ދިވެހިންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ފުރުސަތުތައް ހުޅުވިފައިވާ ކަމަށާއި، މިފަދަ ފުރުސަތުތަކުގެ ބޭނުން ދިވެހިން ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ހައިކޮމިޝަނަރު ބަދްލީ ހިޝާމް ވިދާޅުވިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭ ވެސް 20،000 އެއްހައި ދިވެހީން މެލޭޝިއާއަށް އެކި ބޭނުންތަކުގައި ދަތުރުކޮށްފައިވެއެވެ.

comment ކޮމެންޓް