ރ. ވާދުއަށް ފަހު ހއ. ބާރަށުގައި ވެސް ދަރިވަރުންގެ އަޚްލާގު ގޯސްވާ މައްސަލަ ބޮޑުވުމުން އެ ރަށުގެ ދަރިވަރުންނަށް ވެސް ކާފިއު ހިމެނޭހެން ހަރުކަށި ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ބާރަށު ކައުންސިލުން ނެރުނު އިއުލާނުގައިވަނީ މިހާރަކަށް އައިސް އެ ރަށުގައި ސްކޫލު ދަރިވަރުންނާއި 18 އަހަރުން ދަށުގެ ކުދިން އެ ރަށުގެ ގޮނޑުދޮށްތަކާއި ފިނި މައިޒާނުތަކާއި ކެފޭތަކާއި އެކަހެރި ސަރަހައްދުތަކުގައި ރޭގަނޑު ދަންވަންދެން މުޖުތަމައު ބަލައިނުގަންނަ ފަދަ، އަޚްލާގީ މިންގަނޑުތަކާ ޚިލާފަށް ބޭރުގައި އުޅޭކަން ކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ.
އެފަދަ ކަންކަމުގެ ސަބަބުން އިޖުތިމާއީގޮތުން ނޭދެވޭ އަސަރުތައް ކޮށް އަޚްލާގީ މައްސަލަތައް ދިމާވާނެ ކަމަށް ބާރަށު ކައުންސިލުގެ އިއުލާނުގައިވެއެވެ.
އެހެންކަމުން، މުހިއްމު އެއްވެސް ބޭނުމެއްނެތި ސްކޫލު ކުދިންނާއި 18 އަހަރުން ދަށުގެ ކުދިން ރޭގަނޑު ނުވައެއްގެ ފަހުން ބެލެނިވެރި ފަރާތަކާ ނުލާ ބޭރުގައި އުޅުމަކީ މަނާ ކަމެއް ކަމަށް، އިއުލާނުގައިވަނީ އަންގައިފައެވެ.
މި ކަންކަމަށް ރަށުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި މުއައްސަސާތަކާއި ބާރަށު ސްކޫލާއި ކުޅިވަރު އެކެޑަމީތަކުން ސަމާލުވުމަށް ވެސް ކައުންސިލުގެ އިއުލާނުގައިވަނީ އިލްތިމާސްކޮށްފައެވެ.
އެ އިއުލާނުގައި ބާރަށު ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި ގައުމު ބިނާކުރުމުގައި އާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި ގައުމާއި ރަށުގެ އަންނަން އޮތް ޖީލުތަކުގެ ދައުރުގެ މުހިންމުކަން ގަބޫލުކޮށް އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ، އަދި އެ ކަންކަމަށް ބާރު އެޅުމަކީ އެންމެންގެ ވެސް ފަރުދީ ޒިންމާއެކެވެ.