ތުރުކީވިލާތުގައި ކެއްކި 6،840 ލީޓަރުގެ ބީންސްއާއެކު ދުނިޔޭގެ ރެކޯޑެއް

އާންމުކޮށް ފިހާރަތަކުން ލިބެން ހުންނަ ބޭކްޑް ބީންސް ދަޅެއްގެ ބަރުދަނުގައި ހުންނަނީ ގާތްގަނޑަކަށް 425 ގްރާމެވެ. މިއީ އެކަކަށް ފުދޭވަރުގެ ކެއުމެކެވެ. ނަމަވެސް، މުޅި ރަށެއްގެ އެންމެންނަށް ކާންދިނުމުގެ މަގުސަދުގައި ތުރުކީވިލާތުގެ ކެލްކިޓް ސަރަހައްދުގެ ރައްޔިތުން ނުކުމެ މިވަނީ އާދަޔާހިލާފު ބޮޑު ކެއުމެއް ތައްޔާރުކޮށްފައެވެ. މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެ ސަރަހައްދުގެ ރައްޔިތުން ނުކުތީ އެކަކުވެސް ބަނޑުހައިހޫނުކަންމަތީ ގެއަށް ނުދާނެކަން ކަށަވަރުކުރުމަށެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތުރުކީވިލާތުގެ ކެލްކިޓް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީއާއި، ގުމުޝްހާނޭ ގަވަރުނަރުގެ އޮފީހުގެ އިތުރުން ކެލްކިޓް މުނިސިޕަލިޓީ ގުޅިގެން ވަނީ ދުނިޔޭގެ އެންމެ ބޮޑު ބީންސް ތެލި ކައްކާފައެވެ. ގްރޭންޑް ޕިއާނޯއަކަށް ވުރެ ދޮޅުގުނަ ބޮޑު ތެއްޔެއްގައި 6،840 ލީޓަރުގެ ބީންސް ވަނީ ތައްޔާރުކޮށްފައެވެ. މިއީ އާންމުކޮށް ވިއްކާ 15،000 ބީންސް ދަޅާ އެއްވަރުގެ މިންވަރެކެވެ.

މި ހާއްސަ ކެއުން ތައްޔާރުކުރުމަށް ބޭނުންކޮށްފައިވަނީ އެ ސަރަހައްދުގެ ކެލްކިޓް ބިމުގައި ހައްދާ ހާއްސަ ބާވަތެއް ކަމަށްވާ "ކެލްކިޓް ޝެކެރް ފަސުލްޔެސީ" ނުވަތަ ކެލްކިޓް ބީންސްއެވެ. މިއީ ދަނބު ކުލައިގެ ތިކިތަކެއް ހުންނަ، ކުޑަކޮށް ލަނބާލާފައި ހުންނަ ބީންސްގެ ބާވަތެކެވެ. މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކާ ހަވާލާދީ ގިނިސް ވޯލްޑް ރެކޯޑްސްއިން ބުނި ގޮތުގައި، މި ރެކޯޑަކީ އެ ސަރަހައްދުގެ ދަނޑުވެރިކަމުގެ ތަރިކައާއި އުފެއްދުންތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހޯދުމަށް ލިބުނު ތާރީހީ ކާމިޔާބީއެކެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކަށް ފަހުރެއްގެ ގޮތުގައި ދެމިއޮންނާނެ ކަމެއް ކަމަށްވެސް އިންތިޒާމުކުރި ފަރާތްތަކުން ބުނެފައިވެއެވެ.

މި ރެކޯޑު މުގުރާލުމުގެ މަސައްކަތް ފެށުމުގެ ކުރިން، ކެލްކިޓްގެ އޮފިޝަލުން ބޭނުންވީ އެމީހުންގެ ރަށުގައި ހައްދާ ބީންސް ދުނިޔޭގެ ސަމާލުކަމަށް ގެންނާނެ ގޮތަކާމެދު ވިސްނާށެވެ. އިންތިޒާމުކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، އެމީހުން ބޭނުންވީ ދަނޑުވެރިންގެ އަގުވަޒަންކޮށް، މި އުފެއްދުމުގެ އިގުތިސާދީ އަގު ކުރިއެރުވުމަށް އެހީތެރިވުމަށެވެ. ހަމައެއާއެކު، އުންމީދީ އަދި ރަނގަޅު މަޝްރޫއެއްގެ ވަށައިގެން މުޅި މުޖުތަމައު އެއްބައިވަންތަކުރުމަކީވެސް އެމީހުންގެ އަމާޒެކެވެ.

މީގެ ކުރިން މި ރެކޯޑު އޮތީ މެސެޑޯނިއާގެ ބައެއްގެ އަތުގައެވެ. އެއީ 2012 ވަނަ އަހަރު ޑަވްސެވް ސްޓޮޖަން އަދި ޑާސްޓޯ ގުޅިގެން ސާސިއޭވޯ އަވަށުގައި 5،600 ލީޓަރުގެ ބީންސް ކައްކައިގެން ހަދާފައިވާ ރެކޯޑެކެވެ. އެހެންކަމުން މި ރެކޯޑު މުގުރާލުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ނަމަވެސް ގުމުޝްހާނޭގެ ކައްކާއިން ތިބީ ފަސްޖެހޭ ގޮތަކަށް ނޫނެވެ. ފުޅާ ދާއިރާއެއްގައި ޓެކްނިކަލް އަދި އޮޕަރޭޝަނަލް ރޭވުންތައް ރާވައި، ހޮނިހިރު ދުވަހެއްގެ މެންދުރުފަހު އެމީހުން ވަނީ މި މަސައްކަތް ފަށާފައެވެ.

މިކަމަށްޓަކައި ހާއްސަ ޓީމުތަކެއް އެކުލަވާލައި، ކެއްކުމާއި، އިންޖިނިއަރިންގއާއި، މިންކުރުމާއި، ޑޮކިއުމެންޓްކުރުމާއި، ރައްކާތެރިކަން ބެލެހެއްޓުމުގެ އިތުރުން ބެހުމާއި ލޮޖިސްޓިކްސްގެ ކަންކަން ވަނީ ވަކި ބަޔަކާ ހަވާލުކޮށްފައެވެ. އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި، ޒިންމާތައް ސާފުކޮށް އެނގުމާއި، ގަވާއިދުން މުއާމަލާތްކުރުމާއި، ކުއްލި ހާލަތްތަކަށް ރާވާފައިވުމުގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން ވަނީ ކާމިޔާބުކަމާއެކު އަރައިގަނެވިފައެވެ. ދަނޑުވެރިންނާއި، ކައްކާއިންނާއި، އިންޖިނިއަރުންގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރާ މާހިރުންނާއި ސްޕޮންސަރުން އަދި އާންމު ވޮލަންޓިއަރުންގެ އެހީތެރިކަން މިކަމުގައި ލިބުނުކަން އެ ފަރާތްތަކުން ފާހަގަކުރިއެވެ.

އެތައް ގަޑިއިރެއްގެ ކެއްކުމަށްފަހު، އެތަނަށް ޖަމާވެފައި ތިބި އާންމުންނާއި ވިޔަފާރިވެރިންނަށް މި ބޮޑު ކެއުން ދައްކާލުމަށް ޓީމު އޮތީ ތައްޔާރުވެފައެވެ. މި ހަރަކާތުގައި ގިނިސް ވޯލްޑް ރެކޯޑްސްގެ އެޖުޑިކޭޓަރ ސޭދާ ސުބާސީ-ގެމިސީ ބައިވެރިވިއެވެ. އޭނާ ވަނީ ތެލީގެ ބޮޑުމިނާއި ކެއްކި ކާނާގެ މިންވަރު ބަލައި ޔަގީންކޮށްފައެވެ. ބަލަންޖެހޭ ހުރިހާ މިންތަކެއް ބެލުމަށްފަހު، ކެލްކިޓްގެ ރައްޔިތުން 6،840 ލީޓަރުގެ ބީންސް ކައްކާފައިވާކަން ސޭދާ ކަށަވަރުކޮށްދިނެވެ.

މި ނަތީޖާ އިއުލާންކުރުމާއެކު އެތަނަށް ޖަމާވެފައި ތިބި އެންމެން ވަނީ އުފާފާޅުކޮށްފައެވެ. ސޭދާ ބުނި ގޮތުގައި މުޅި ރަށް ވަނީ އާދަޔާހިލާފު މަސައްކަތެއް ދައްކައިދީފައެވެ. އަދި ނަތީޖާ އިއުލާންކުރުމާއެކު އުމުރުން ދުވަސްވީ މީހަކު އުފަލުން ރޮވުނު މަންޒަރަކީ ވަރަށް އަސަރުގަދަ މަންޒަރެއް ކަމަށް އޭނާ ފާހަގަކުރިއެވެ. ރޭގަނޑު ނިދިނުކުރާ މަސައްކަތްކުރި ޓީމުގެ މެންބަރުންނާ ހަވާލާދީ އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި، އާންމުންގެ އުފާފާޅުކުރުމުގެ އަޑާއެކު އެމީހުންގެ ވަރުބަލިކަން ފިލައިގެން ދިޔައެވެ. މި ހަރަކާތުގައި ބައިވެރިވި ގިނަ ބަޔަކު ބުނި ގޮތުގައި، މިއީ މުޅި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ކަމެއް އެމީހުންގެ މުޖުތަމައުއަށް ކުރެވިދާނެކަން ސާބިތުކޮށްދިން، ކެލްކިޓްއާމެދު ފަހުރުވެރިވާންޖެހޭ ފަދަ ކާމިޔާބީއެކެވެ.

comment ކޮމެންޓް