ދިރާގު މެދުވެރިކޮށް އައިފޯން 18 ޕްރޯ ސީރީޒްގެ ފޯނުތަކަށް ޕްރީ އޯޑަރު ކުރި ކަސްޓަމަރުންނަށް މާދަމާ ފޯނުތައް ދޫކުރަން ފަށަން އެ ކުންފުނިން ނިންމައިފިއެވެ.
ދިރާގުން ބުނި ގޮތުގައި، އެންމެ ފުރަތަމަ ޕްރީ އޯޑަރު ކުރި ކަސްޓަމަރުންނަށް އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސްގެ ފޯނުތައް ދޫކުރަން ފަށާނީ މާދަމާ، މެންދުރުފަހު 2:15 ގައެވެ. މި ފޯނުތައް ދޫކުރާނީ މާލޭގައި ހުންނަ ދިރާގުގެ ހެޑް އޮފީހުންނެވެ.
މި ފަހަރުގެ އައިފޯން 18 ޕްރޯ ސީރީޒްގައި ހިމެނެނީ ކަޅު، ރިހި، ގްލޭޝިއާ އަދި މުޅިން އާ ކުލައެއް ކަމަށްވާ ބާގަންޑީ ކުލައިގެ ފޯނުތަކެވެ.
ދިރާގުން ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައި -- ފޮޓޯ/ ދިރާގުދިރާގުން ހާމަކުރި ގޮތުގައި، ފޯނުތަކުގެ ދެވަނަ ބެޗަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެއެވެ. އެހެންކަމުން ފުރަތަމަ ބުރުގައި ފޯނު ނުލިބުނު ކަސްޓަމަރުންނަށް ކުރިއަށް އޮތް ތަނުގައި ފޯނު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން، ދިރާގުން ފޯނު ގަންނަ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
އެޕަލް ކުންފުނިން އައިފޯން 18 ސީރީޒް ދުނިޔޭގެ ބާޒާރަށް ނެރެފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ. މި ފޯނުތަކުގައި އެޕަލްގެ އެންމެ ފަހުގެ އޭ20 ޕްރޯ ޗިޕާއެކު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ގިނަ ފީޗާތަކެއް ހިމެނެއެވެ. މީގެ އިތުރުން، 48 މެގަޕިކްސެލްގެ މެއިން ކެމެރާގެ ފެންވަރު ރަނގަޅުކޮށް، ބެޓެރީގެ އުމުރުވެސް ވަނީ ކުރީގެ މޮޑެލްތަކަށް ވުރެ ބޮޑުތަނުން އިތުރުކޮށްފައެވެ.
ދިރާގުން ވަނީ، ރާއްޖޭގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ފޯރުކޮށްދިނުމުގައި އަބަދުވެސް އެންމެ ކުރީގައި އޮންނަ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ބުނެފައެވެ.