ބޫޓުގެ ސަބަބުން ހުޅުތަކަށާއި ހަށިގަނޑުގެ ސިފައަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ގަބޫލުކުރެވޭތަ؟

ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއް ވަންދެން އަރައިގެން އުޅޭ ބޫޓުގެ ސަބަބުން ހުޅުތަކުގެ އެލައިންމަންޓަށް އަދި ހަށިގަނޑު ސީދާކޮށް ބެހެއްޓުމުގެ ޤާބިލުކަމަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ހިންދުންސްތާންޓައިމްސް

އާންމުގޮތެއްގައި އަޅުގަނޑުމެން އަރަން ގެންގުޅޭ ބޫޓް އަދި ފައިވާން އިޚްތިޔާރު ކުރަނީ އޭގެ ރީތިކަމަށް، ނުވަތަ އަގަށް، ނޫންނަމަ ފަސޭހަކަމަށް ބަލައިގެންނެވެ.

ނަމަވެސް، ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއް ވަންދެން އަރައިގެން އުޅޭ ބޫޓުގެ ސަބަބުން ހިނގުމުގެ ރޭޝިއޯއަށާއި، ހުޅުތަކުގެ އެލައިންމަންޓަށް އަދި ހަށިގަނޑު ސީދާކޮށް ބެހެއްޓުމުގެ ޤާބިލުކަމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ބެންގަލޫރުގެ މަނީޕާލް ހޮސްޕިޓަލުގެ އޯތޯޕީޑިކް އެންޑް ރޮބޮޓިކް ޖޮއިންޓް ރިޕްލޭސްމަންޓް ސާޖަރީ ކޮންސަލްޓަންޓް، ޑރ. ލޯކޭޝް އޭ. ވީރައްޕާ ވިދާޅުވާ ގޮތުގައި އެމީހެއްގެ ފަޔާ ނުގުޅޭ ފައިވާނާއި ބޫޓަށް އަރައިގެން އުޅުމަކީ މުޅި ހަށިގަނޑުގެ ހުޅުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާކަމެކެވެ.

ޑރ. ލޯކޭޝް ފާހަގަކުރެއްވި ގޮތުގައި ފައިތިލައަކީ މުޅި ހަށިގަނޑުގެ އޮނިގަނޑު އެ އެއްޗެއްގެ މައްޗަށް ބިނާވެފައިވާ މައި ތަނބެވެ. އަޅުގަނޑުމެން އަޅާ ކޮންމެ ފިޔަވަޅަކާއެކު، ހަށިގަނޑުގެ ބަރުދަނުން އުފެދޭ ބާރު ފައިތިލައިން ފެށިގެން ތަނބިކައްޓާއި، ކަކުލާއި، އުނަގަނޑުގެ އިތުރުން މައިބަދައަށް ފޯރައެވެ. އެހެންކަމުން، ޤުދުރަތީ ގޮތުން ހިނގާ އާންމު އުސޫލަށް ބޫޓު ނުވަތަ ފައިވާނުގެ ސަބަބުން ބަދަލު އަތުވެއްޖެނަމަ، މި ހުޅުތަކަށް އުފުލަންޖެހޭ ބާރާއި ޕްރެޝަރު އިތުރުވެގެންދެއެވެ.

ޚާއްޞަކޮށް އުސްފައިވާނަށާއި ބޫޓަށް އަރައިގެން ގިނަވަގުތު އުޅުމަކީ ހަށިގަނޑު ކުރިއަށް ލެނބި، ތަނބިކައްޓާއި ކަކުލުގެ ގުދުރަތީ މަޤާމު ބަދަލުކޮށްލާ ކަމެކެވެ. މީގެ ސަބަބުން ފައިތިލައިގެ ކުރިއަށާއި ކަކުލަށް ދެވޭ ޕްރެޝަރު ބޮޑުވެ، ފައިތިލައިގައި ރިއްސުމާއި، ތަނބިކަށި ބަލިކަށިވުމުގެ އިތުރުން ކަކުލުގެ މައްސަލަތައް ކުރިމަތިވެއެވެ.

ރަނގަޅު ބޫޓެއްގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ފައިތިލައަށް ހެޔޮވަރުވުމާއެކު، އެކަށީގެންވާ މަޑުކަމެއް އޭގައި ހުރުން--ފޮޓޯ/ޕިންޓްރެސްޓް

ނަމަވެސް، މީގެ މާނައަކީ މުޅިން 'ފްލެޓް' ފައިވާން ނުވަތަ ބޫޓު ބޭނުންކުރުން ރަނގަޅުވުމެއް ނޫނެވެ. ތުނިކޮށް ހުންނަ ނުވަތަ މަޑުކަމެއް ނެތް ފައިވާން އަދި ބޫޓުތަކުން ފައިތިލައަށް ބޭނުންވާ ފުރިހަމަ ސަޕޯޓެއް ނުލިބެއެވެ. މީގެ ސަބަބުން ގިނައިރު ހިނގާފައި އުޅޭއިރު ނުވަތަ ކޮޅަށް ހުންނައިރު ފައިތިލައިގައި ރިއްސައި، އެ ތަދު ކަކުލަށާއި މައިބަދައަށް ފެތުރިގެންދެއެވެ. އަދި ހަމައެއާއެކު ތަނބިކަށީގެ ހަމަޖެހުން ގެއްލި، ތަނބިކަށި އަރިއަޅާލުމުގެ ފުރުސަތު މިފަދަ ފައިވާން އަދި ބޫޓުތަކަށް އެރުމުން ބޮޑުވެއެވެ. މިއީ ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށް ނުރައްކާތެރި ކަމެކެވެ.

ތިމާއާ ނުގުޅޭ ފައިވާނުގެ ސަބަބުން ހަށިގަނޑު ސީދާކޮށް ބެހެއްޓުމުގެ ގާބިލުކަމަށް ނުވަތަ 'ޕޮސްޗާ'އަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ފައިތިލަ ރަނގަޅު މަޤާމެއްގައި ނެތުމުން، ކަކުލާއި އުނަގަނޑަށް ޖެހެނީ އެ ބަދަލު ފޫބެއްދުމަށްޓަކައި އިތުރު މަސައްކަތެއް ކުރާށެވެ. ދުވަސްވުމުން، މީހާ ކޮޅަށް ހުންނަ ގޮތަށާއި ހިނގާ އުސޫލަށް ނޭދެވޭ ބަދަލުތައް އައިސް، ހަށިގަނޑުގެ ތަފާތު ގުނަވަންތަކުގައި ދާއިމީގޮތެއްގައި ރިއްސަން މެދުވެރިވެއެވެ.

ރަނގަޅު ބޫޓެއްގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ ފައިތިލައަށް ހެޔޮވަރުވުމާއެކު، އެކަށީގެންވާ މަޑުކަމެއް އޭގައި ހުރުމެވެ. އިނގިލިތަކަށް ފަސޭހައިން ތަޅުވާލެވޭނެ ޖާގަ ހުންނަންޖެހޭނެއެވެ. އަދި ބޫޓަށް އަރުވާ ފުރަތަމަ ވަގުތުން ފެށިގެންވެސް ފަޔަށް ފަސޭހަކަން އިހުސާސް ކުރެވެންޖެހޭނެއެވެ.

އޭގެ އިތުރުން، ކުރާ ހަރަކާތަކާ ގުޅޭގޮތުން ބޫޓު އިޚްތިޔާރުކުރުމަކީވެސް ނުހަނު މުހިންމު ކަމެކެވެ. ދުވުމަށާއި، ހިނގުމަށް، ގިނައިރު މަސައްކަތުގައި އުޅުމަށް އަދި ކުޅިވަރު ކުޅުމަށް ބޭނުންކުރަންޖެހެނީ ތަފާތު އެ ކަމަކާ އެންމެ އެކަށީގެންވާ ބޫޓެކެވެ. ރަނގަޅު ބޫޓަކީ ހިނގުން ފަސޭހަކޮށްދޭ އެއްޗަކަށް ވާންޖެހޭނެއެވެ. ކޮންމެ ދުވަހަކު ފައިތިލައަށް އަރުވާ އެއްޗަކަށް ސަމާލުކަން ދިނުމަކީ ތަނބިކައްޓާއި، ކަކުލާއި، މުޅި ހަށިގަނޑުގެ ސިފަ ރައްކާތެރިކުރުމަށް އެޅޭނެ އެންމެ އާދައިގެ، ނަމަވެސް އެންމެ މުހިންމު ފިޔަވަޅެވެ.

comment ކޮމެންޓް