މެޓާ ކުންފުނިން އަލަށް ތަޢާރަފުކުރި އަމިއްލަ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓް 'މިއުޒް' އާއެކު އެމެރިކާގެ ހިއްސާގެ ބާޒާރުގައި ބޮޑެތި ބަދަލުތަކެއް އައިސް، ތަފާތު ދާއިރާތަކުގެ ކުންފުނިތަކުގެ ހިއްސާގެ އަގުތަކަށް ބޮޑު ލޮޅުމެއް އަތުވެއްޖެއެވެ.
މިއީ ވޭތުވެދިޔަ އަހަރު މެޓާގެ އޭއައި މަސައްކަތްތަކުގެ ވެރިޔަކަށް ހަމަޖެއްސި އެލެކްސެންޑާ ވަންގްގެ އިރުޝާދުގެ ދަށުން ނެރުނު ފުރަތަމަ ބޮޑު ކޮންސިއުމާ އުފެއްދުމެވެ. 'މިއުޒް' މެދުވެރިކޮށް ވިޔަފާރިކުރުމާއި، ދަތުރުފަތުރުގެ ބުކިން ހެދުމާއި، ތަފާތު ފޯމުތައް ފުރައިދިނުން ފަދަ ކަންކަން އޭއައި އެޖެންޓަކާ ހަވާލުކުރެވެއެވެ.
މި އެޕްލިކޭޝަން ވަނީ ނެރުނުތާ ދެ ހަފުތާ ތެރޭގައި އެމެރިކާއާއި ކެނެޑާގެ އެޕަލް އެޕް ސްޓޯރާއި ގޫގްލް ޕްލޭ ސްޓޯރުގެ ހިލޭ ލިބޭ އެޕްތަކުގެ އެންމެ ކުރީގައި އޮތް ޗެޓްޖީޕީޓީ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މަގުބޫލު އެޕަށް ވެފައެވެ.
މާކެޓް އިންޓެލިޖެންސް ކުންފުނި ސެންސަރު ޓަވަރުގެ މައުލޫމާތު ދައްކާގޮތުން، މި އެޕް ނެރުނުތާ ފުރަތަމަ 10 ދުވަހު ދުވާލަކު ޑައުންލޯޑްވި މިންވަރު 55 އިންސައްތައިން އިތުރުވެ، ފުރަތަމަ ދެ ހަފުތާ ތެރޭގައި 2.8 މިލިއަން ޑައުންލޯޑް ވަނީ ރެކޯޑުކުރެވިފައެވެ.
މިއުޒްގެ ސަބަބުން ކަސްޓަމަރުންނަށް އަގުހެޔޮ ބަދަލުތައް ފަސޭހައިން ހޯދައިގަނެވޭނެ އަގު އަޅާކިޔާ ވަސީލަތަކަށް މެޓާގެ މި އެޕް ވެގެންދާނެކަމަށް ބަލައި އިންވެސްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ ސަބަބުން ކުންފުނިތަކަށް ކަސްޓަމަރުން ކުރާ އިތުބާރާއި ވަފާތެރިކަން ކުޑަވެގެންދާނެކަމަށް ބެލެވުމުން، ހިއްސާގެ ބާޒާރުގެ ގިނަ ދާއިރާތަކަކަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. ނަމަވެސް، މެޓާއާއި އޭއައި އިންފްރާސްޓްރަކްޗަރާ ގުޅުންހުރި ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ޖޯންސްޓްރޭޑިންގެ ޗީފް މާކެޓް ސްޓްރެޓެޖިސްޓް މައިކަލް އޯރޫކް ވިދާޅުވީ މެޓާއަށް މިވަނީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބިފައިކަމަށާއި، މިއުޒްއާއެކު ބައިވެރިވާ ކުންފުނިތަކަށް މީގެ ފައިދާ ވަގުތުން ފެންނާނެ ކަމަށެވެ.
މި ބަދަލާއެކު އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނީ މާލީ އަދި ބޭންކިން ދާއިރާއަށެވެ. އެއީ ކަސްޓަމަރުން އަގުހެޔޮ އިންޝުއަރެންސް އަދި މާލީ ޚިދުމަތްތަކަށް ބަދަލުވެދާނެކަމުގެ ބިރު ބޮޑުވުމުންނެވެ. އެގޮތުން ޖޭޕީމޯގަން އަދި ވެލްސް ފާގޯގެ ހިއްސާގެ އަގު މި ހަފުތާގައި ތިން އިންސައްތައަށްވުރެ ދަށަށް ގޮސްފައިވާއިރު، ބްރޯކަރޭޖް ކުންފުނި ޗާލްސް ޝްވާބްގެ ހިއްސާ ވަނީ ގާތްގަނޑަކަށް ފަސް އިންސައްތަ ދަށަށް ގޮސްފައެވެ. މީގެއިތުރުން އިންޝުއަރެންސް ކުންފުނި މާޝްގެ ހިއްސާ 2.4 އިންސައްތަ އަދި އާތާ ޖޭ ގަލަގާގެ ހިއްސާ 4.6 އިންސައްތަ ދަށަށް ގޮސްފައިވެއެވެ.
ނަމަވެސް ބީ ރައިލީ ވެލްތުގެ ޗީފް މާކެޓް ސްޓްރެޓެޖިސްޓް އާޓް ހޯގަން ވިދާޅުވީ، މާލީ ދާއިރާއަށް ބޮޑު ބަދަލެއް އައިސްދާނެކަމަށް ކުރެވޭ ކަންބޮޑުވުންތަކަކީ ހަގީގަތާ ތަފާތު ކަންކަން ކަމަށެވެ. އަދި އަމިއްލަ މާލީ ކަންކަން ބެލެހެއްޓުން މިއުޒް މެދުވެރިކޮށް ހޯދާ އެއްޗަކަށް އިތުބާރުކޮށްގެން ކުރާނަމަ، އެމީހަކީ ކުރިންވެސް އެ ދާއިރާއަށް ބޮޑު ހޭދައެއް ކުރާނެ މީހެއް ނޫންކަމަށާއި، އެސެޓް މެނޭޖްމަންޓުގައި އެންމެ އަގުހެޔޮ އަގު ހޯދުމަށްވުރެ ގިނަ ކަންތައްތަކެއް ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަބްސްކްރިޕްޝަން މޮޑެލްތަކަށް ބަރޯސާވާ ޓްރެވަލް ބުކިން ކުންފުނިތައް ކަމަށްވާ ޓްރިޕްއެޑްވައިޒާ އަދި ބުކިން ހޯލްޑިންގްސްގެ ހިއްސާގެ އަގު މި ހަފުތާގައި 6 އިންސައްތައަށްވުރެ ދަށަށް ގޮސްފައިވެއެވެ. އަދި ޕްލެނެޓް ފިޓްނަސްގެ ހިއްސާ 17 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ނިއުޔޯކް ޓައިމްސްގެ ހިއްސާ ވަނީ 10 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެއިތުރުން ޓެކްސީ ދަތުރުގެ ޚިދުމަތްދޭ އޫބާ އަދި ގިފްޓުގެ އިތުރުން ކާބޯތަކެތި ޑެލިވަރީކޮށްދޭ ޑޯޑޭޝްގެ ހިއްސާގެ އަގުވެސް ވަނީ ދަށަށް ގޮސްފައެވެ.
މި ބަދަލާއެކު އެންމެ ބޮޑު ފައިދާއެއް ލިބުނު މެޓާގެ ހިއްސާގެ އަގު މި ހަފުތާގައި ވަނީ ގާތްގަނޑަކަށް 13 އިންސައްތަ އުފުލި، ޖެހިޖެހިގެން ފަސްވަނަ ހަފުތާއަށް ހިއްސާގެ އަގު އިތުރުވެފައެވެ. އާންމު ކަސްޓަމަރުންނަށް އަމާޒުކޮށްގެން ނެރުނު މި އެޕުގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވާނެކަމަށް ލަފާކުރެވޭއިރު، ޓްރޫއިސްޓް ސެކިއުރިޓީޒްއިން އަންދާޒާކުރާގޮތުގައި 2030 ވަނަ އަހަރާ ހަމައަށް މިއުޒް މެދުވެރިކޮށް އަހަރަކު މަދުވެގެން 28.5 ބިލިއަން ޑޮލަރުގެ އިތުރު އާމްދަނީއެއް މެޓާއަށް ލިބޭނެއެވެ.
ކެނެޑާގެ ޝޯޕިފައިއިން މިއުޒް މެދުވެރިކޮށް ޗެކްއައުޓް ހެދޭނެ ގޮތް ހަދާނެކަން އިއުލާނުކުރުމާ ގުޅިގެން، އެމެރިކާގެ ބާޒާރުގައި އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 11.4 އިންސައްތަ އުފުލިފައެވެ. އަދި ޕޭޕަލް މެދުވެރިކޮށް ތަކެތި ހޯދައި ވިޔަފާރި ނިންމާލެވޭނެ ގޮތް ހަދާނެކަން ހާމަކުރުމުން އެ ކުންފުނީގެ ހިއްސާއަށްވެސް ކުޑަ ކުރިއެރުމެއް ލިބިފައިވެއެވެ. މީގެއިތުރުން އަމިއްލަ ކުންފުނިތައް ކަމަށްވާ ސްޓްރައިޕް އަދި ޓިކެޓްމާސްޓާއިންވެސް ވަނީ މެޓާއާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައެވެ.
މިއުޒް ފަދަ އެޕްލިކޭޝަންތަކުގެ ސަބަބުން އޭއައި ކޮމްޕިއުޓް ކުރުމުގެ ބޭނުންތެރިކަން އިތުރުވެ، އޭއައި އިންފްރާސްޓްރަކްޗާ ބިނާކުރުން އަވަސްވެގެންދާނެއެވެ. މީގެ ފައިދާ ޗިޕް އުފައްދާ ކުންފުނިތަކަށް ކުރަމުންދާއިރު، މިއުޒް ނެރުނު ފަހުން ފިލަޑެލްފިއާ ސެމީކޮންޑަކްޓާ އިންޑެކްސް ވަނީ 7 އިންސައްތަ އުފުލިފައެވެ. މިއީ އޯގަސްޓް މަހުގެ މެދުތެރެއަށްފަހު ދެ ހަފުތާގެ ތެރޭގައި މި އިންޑެކްސްއަށް އައި އެންމެ ބޮޑު ކުރިއެރުމެވެ. މި ކުރިއެރުމުގައި އެންމެ ކުރީގައި އުޅެނީ އެންވީޑިއާ އަދި އޭއެމްޑީއެވެ.