ވިޔަފާރިވެރިންގެ ވަފުދަކާ ނުލައި ޝީ ޖިންޕިން ވޮޝިންޓަނަށް ވަޑައިގަންނަވަން ހަމަޖެހިއްޖެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިން --

ޗައިނާގެ ރައީސް ޝީ ޖިންޕިން މި ހަފުތާގައި ވޮޝިންޓަނަށް ވަޑައިގަންނަވާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ބާއްވާ ބައްދަލުވުންތަކަށް ޗައިނާއިން ގެންދަން މަސައްކަތްކުރި ވިޔަފާރިވެރިންގެ ވަފުދަކާ ނުލައި ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ދެ ފަރާތަކުން ބުނެފިއެވެ.

ޝީގެ މި ދަތުރުފުޅުގައި ބައިވެރިވާނެ ވިޔަފާރިވެރިންގެ ވަފުދެއް އެކުލަވާލުމުގެ އެންމެ ފަހުގެ މަސައްކަތްތައް ޗައިނާއިން ކުރަމުންދިޔަ ކަމަށް ފާއިތުވި ހަފުތާގައި ރޮއިޓާސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

އޭގެ ތެރޭގައި އެމެރިކާގެ ގަވާއިދުތަކާ ގުޅިގެން ފާރަވެރިވުން ބޮޑުވެފައިވާ ކުންފުނިތައް ވެސް ހިމެނޭ ކަމަށް އޭރު ރިޕޯޓުކޮށްފައިވެއެވެ.

މި ވަފުދު ބައިވެރިނުވާން ނިންމި ވަކި ސަބަބެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް، މައުލޫމާތު ދިން އެއް ފަރާތުން ބުނި ގޮތުގައި، ވައިޓް ހައުސްއިން މިވަގުތު އިސްކަންދެނީ އެހެން ކަންކަމަށެވެ.

ދެވަނަ ފަރާތުން ބުނި ގޮތުގައި، ޗައިނާގެ އަސްކަރިއްޔާއާ ގުޅުން އޮންނަ ކަމަށް އެމެރިކާއިން ގަބޫލުކުރާ ކުންފުނިތަކުން މި ދަތުރުގައި ތަމްސީލުކުރުމަށް އެމެރިކާގެ އޮފިޝަލުން ބޭނުމެއް ނުވެއެވެ. މި މައުލޫމާތުތައް އާންމުކޮށްފައި ނުވާތީ، މައުލޫމާތު ދިން ދެ ފަރާތުން ވެސް ވަނީ ނަން ހާމަކުރަން އުޒުރުވެރިވެފައެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޝީގެ ދަތުރުފުޅުގައި ވިޔަފާރިވެރިން ބައިވެރިވާނެތޯ ސުވާލުކުރުމުން، ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އެކަމާ ގުޅޭ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ބަހެއް ހޯދުމަށް ވައިޓް ހައުސްއަށް ހުށަހެޅުމުން، ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޝީގެ ޝަރަފުގައި ވައިޓް ހައުސްގައި ބާއްވާ ޚާއްސަ ފަރިއްކޮޅެއް ބުރާސްފަތި ދުވަހު ބޭއްވުމަށް ޓްރަމްޕް ވަނީ ނިންމަވާފައެވެ. މި ފަރިއްކޮޅުގައި އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި އެމެޒޯންގެ ޖެފް ބޭޒޯސް، އަލްފަބެޓްގެ ސުންދަރް ޕިޗާއީ، އޯޕަންއޭއައިގެ ސޭމް އޯލްޓްމަން، އެޕަލްގެ ޓިމް ކުކް، ޓެސްލާގެ އީލޮން މަސްކް، އެންވިޑިއާގެ ޖެންސަން ހުއާންގް، ފައިޒަރގެ ސީއީއޯ އަލްބާޓް ބޯލާ އަދި މެޓާގެ މާކް ޒަކަބާގް ހިމެނެއެވެ.

comment ކޮމެންޓް