ފީފާގެ އިންވެސްޓްމަންޓް މައްސަލައިގައި ގެއްލުނު އިތުބާރު އަދިވެސް އަނބުރާ ނުލިބޭ: ކެފެރިން

ޔޫއެފާގެ ރައީސް އެލެގްޒެންޑަ ކެފެރިން ފީފާގެ ރައީސް އިންފަންޓީނޯއާއި އެކު -- ފޮޓޯ/ އީއެސްޕީއެން

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ޕްރައިވެޓް އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް ހުށަހެޅި މައްސަލަ ހުއްޓާލި ނަމަވެސް، ފުޓްބޯޅައިގައި ގެއްލިގެން ދިޔަ އިތުބާރު އަދިވެސް އަނބުރާ ނުލިބޭ ކަމަށް ޔޫއެފާގެ ރައީސް އެލެގްޒެންޑާ ކެފެރިން ބުނެފިއެވެ.

ބުދަ ދުވަހު އޮތް ޕޯޗުގަލް ފުޓްބޯލް ސަމިޓަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ޗެފެރިން މިހެން ބުނެފައިވާއިރު، މިއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ އިދާރާގެ ނިންމުންތައް މުރާޖައާ ކުރެއްވުމަށް ހުށަހެޅުއްވި ފަހުން ކެފެރިން މި މައްސަލައިގައި ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ.

ކެފެރިން ބުނީ ކުޅިވަރުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އެއްބައިވަންތަކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، ގިނަ ބައެއްގެ މަސްލަހަތު ހިމާޔަތްކުރާ ހިންގުމެއް މުހިންމު ކަމަށެވެ. ނަމަވެސް އެންމެން ކުޅިވަރު އިސްނުކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަހަރެމެންގެ ކުޅިވަރުގެ އިތުބާރު ބިނާވެފައިވަނީ ތިން ކަމެއްގެ މައްޗަށް. އެއްބައިވަންތަކަން، ދެފުށް ފެންނަ އުސޫލު، އަދި ވަކި ބަޔަކަށް ނޫން ގޮތަށް ގިނަ ބަޔަކަށް ޚިދުމަތްކުރާ ހިންގުން. ފަހަކަށް އައިސް މި ހުރިހާ ކަމަކަށް ޚިޔާނާތްތެރިވީ އެކަންކަން ހިމާޔަތްކުރުމަށް ހުވާކޮށްގެން ތިބި މީހުން،" ކެފެރިން ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ދުނިޔޭގެ ފުޓްބޯޅައިގެ އެއްބައިވަންތަކަން ގެއްލުވާލި މަޝްރޫއު އުވާލެވިފައި ވިޔަސް، އޭގެ ސަބަބުން ގެއްލުނު އިތުބާރު އަދިވެސް އަނބުރާ ނާންނަ ކަމަށާއި، މިހާރު ކުރަން އޮތް މަސައްކަތަކީ އެ އިތުބާރު އަލުން ހޯދުން ކަމަށެވެ.

މި ވާހަކަތަކުގައި ކެފެރިން އިންފަންޓީނޯ ނުވަތަ ފީފާގެ ނަން ސީދާ ބުނެފައި ނުވި ނަމަވެސް، އޭނާ އިޝާރާތް ކުރެއްވީ ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ ކޮމާޝަލް ރައިޓްސްގެ 20 އިންސައްތަ ޕްރައިވެޓް އިންވެސްޓަރުންނަށް ވިއްކުމަށް ކުރި މަސައްކަތަށެވެ.

އެ ހުށަހެޅުން ޖުލައި މަހު ދޫކޮށްލީ ޔޫއެފާ އާއި، އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އަދި ކޮންކާކަފްގެ ވަރުގަދަ ދެކޮޅުވެރިކަމާ ގުޅިގެންނެވެ.

ވާހަކަ ނިންމަވާލައްވަމުން ކެފެރިން ބުނީ "ފުޓްބޯޅައަކީ ވިއްކާލަން އޮތް އެއްޗެއް ނޫން" ކަމަށާއި، މިއީ ޔޫއެފާއިން އަބަދުވެސް ބުނަމުން އަންނަ ވާހަކައެއް ކަމަށެވެ.

comment ކޮމެންޓް