ޑުރަގު އެތެރެ ކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުވާ ދެ މީހަކު ތިނަދޫން ހައްޔަރުކޮށްފި

ހައްޔަރުކުރި ދެ މީހުން: ޑުރަގު ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތު ކުރެވޭ -- ފޮޓޯ/ ފުލުހުން

ރާއްޖެއަށް މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކްކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި ތިނަދޫ ސިޓީން ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ ޚާއްސަ މަސައްކަތުގެ ތެރެއިން މިދިޔަ ހޯމަ ދުވަހު ތިނަދޫގައި އޮޕަރޭޝަނެއް ހިންގައިފައިވާ ކަމަށެވެ. އެއީ އަޕާ ސައުތު ޕޮލިހުގެ ކައުންޓަ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮަޕަރޭޝަނެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫގެ ގެއެއް ބަލައިފާސްކުރި ކަމަށެވެ. އެ ގެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާކަން އެ މުއައްސަސާއިން ހާމަކުރިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުދުރުވާގެ / ގދ. ތިނަދޫ، ފަޒުލީން މުޙައްމަދު (39އ) އާއި ހުދުރުވާގެ / ގދ. ތިނަދޫ، ޢަޒުލިފު މުޙައްމަދު (30އ) އެވެ.

ފުލުހުން ބުނީ، އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަޒުލީން 70 ދުވަހަށް އަދި ޢަޒުލިފު މުޙައްމަދު 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެ މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު، ގިނަ އަދަދަކަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.

comment ކޮމެންޓް